ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ

ޓޭބަލް އޮފް ކޮންޓެންޓްސް
ފުރަތަމަ ބާބު:
ދައުލަތާއި، އަމިއްލަ ވެރިކަމާއި، ރައްޔިތުން

1 ވަނަ މާއްދާ - ޤާނޫނުއަސާސީ

 މި ޤާނޫނުއަސާސީއަކީ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ“ އެވެ. މީގެ ފަހުން މި ޤާނޫނުއަސާސީގައި ”ޤާނޫނުއަސާސީ“ މި ނަމުން އިޝާރާތްކުރެވެނީ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ“ އަށެވެ.

އިނގިރޭސި ތަރުޖަމާ

Article 1 - Constitution

This is the “Constitution of the Republic of the Maldives”. Any reference to the “Constitution” herein is a reference to the Constitution of the Republic of the Maldives.


2 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ. މީގެ ފަހުން މި ޤާނޫނުއަސާސީގައި ”ދިވެހިރާއްޖެ“ މިނަމުން އިޝާރާތްކުރެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށެވެ.

އިނގިރޭސި ތަރުޖަމާ

Article 2 - Republic of the Maldives

The Maldives is a sovereign, independent, democratic Republic based on the principles of Islam, and is a unitary State, to be known as the Republic of the Maldives. Any reference to “the Maldives” is a reference to the Republic of the Maldives.


3 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސަރަޙައްދު

[(ހ) ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ.

(ށ) ޤާނޫނުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި، ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑާ ގުޅިފައިވާ ކަނޑާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަޙައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ.]1ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ގެ 1 ވަނަ މާއްދާއިން 20 ނޮވެންބަރު 2024ގައި އިޞްލާޙުކޮށްފައި

07 އޮގަސްޓް 2008 އިން ފެށިގެން 19 ނޮވެންބަރު 2024ގެ ނިޔަލަށް

Article 3 - Territory of the Maldives

ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންނެވެ.

The territory of the Maldives encompasses the land, air space, sea and seabed within the archipelagic baselines of the Maldives drawn in accordance with the law, and includes the territorial waters, the seabed and air space thereof beyond the said baselines. Any changes to the territory of the Maldives may only be made via a Statute of the Parliament enacted by at least a two-third majority of the total membership of the People’s Majlis.

އިނގިރޭސި ތަރުޖަމާ

Article 3 - Territory of the Maldives

(a) The territory of the Maldives encompasses the land, air space, sea and seabed within the archipelagic baselines of the Maldives drawn in accordance with the law, and includes the territorial waters, the seabed and air space thereof beyond the said baselines. Any changes to the territory of the Maldives may only be made via an Act of Parliament enacted by a three-fourth majority of the total membership of the People’s Majlis.

(b) Any change to the Maldives' internal waters, archipelagic waters, territorial waters, the contiguous zone, and the Exclusive Economic Zone, or any act that may affect any of them may only be done by an Act of Parliament enacted by a three-fourth majority of the total membership of the People’s Majlis.


4 ވަނަ މާއްދާ - ރައްޔިތުންގެ ބާރު

ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.

އިނގިރޭސި ތަރުޖަމާ

Article 4 - Power of the citizens

All the powers of the State of the Maldives are derived from, and remain with, the citizens.


5 ވަނަ މާއްދާ - ޤާނޫނުހެދުމުގެ ބާރު

ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

އިނގިރޭސި ތަރުޖަމާ

Article 5 - Legislative Power

All legislative power in the Maldives is vested in the People’s Majlis.


6 ވަނަ މާއްދާ - ވެރިކަން ހިންގުމުގެ ބާރު

މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އިނގިރޭސި ތަރުޖަމާ

Article 6 - Executive Power

The authority to exercise executive powers as provided for in this Constitution vests in the President.


7 ވަނަ މާއްދާ - ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު

ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.

އިނގިރޭސި ތަރުޖަމާ

Article 7 - Judicial Power

The judicial power is vested in the courts of the Maldives.


8 ވަނަ މާއްދާ - ޤާނޫނުއަސާސީގެ ސިޔާދަތު

ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީންނެވެ.

އިނގިރޭސި ތަރުޖަމާ

Article 8 - Supremacy of the Constitution

The powers of the State shall be exercised in accordance with this Constitution.


9 ވަނަ މާއްދާ - ދިވެހިރައްޔިތް

(ހ) ތިރީގައި މިވާ މީހުންނަކީ ދިވެހިރައްޔިތުންނެވެ.

  1. މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް.
  2. ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް.
  3. ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތަކަށްވެއްޖެ ކޮންމެބިދޭސީއެއް.

(ށ) ދިވެހިރައްޔިތެއްގެ ކިބައިން ދިވެހިރައްޔިތުކަން ނިގުޅައެއް ނުގަނެވޭނެއެވެ.
(ނ) ދިވެހިރައްޔިތުކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތުކަން ދޫކޮށްލެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ.

އިނގިރޭސި ތަރުޖަމާ

Article 9 - Citizens

(a) The following persons are citizens of the Maldives:

1. citizens of the Maldives at the commencement of this Constitution;
2. children born to a citizen of the Maldives; and
3. foreigners who, in accordance with the law, become citizens of the Maldives.

(b) No citizen of the Maldives may be deprived of citizenship.

(c) Any person who wishes to relinquish his citizenship may do so in accordance with law.

(d) Despite the provisions of article (a) a non-Muslim may not become a citizen of the Maldives.


10 ވަނަ މާއްދާ - ދައުލަތުގެ ދީން

(ހ) ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެމައިގަނޑު މަޞްދަރެކެވެ.
(ށ) ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ.

އިނގިރޭސި ތަރުޖަމާ

Article 10 - State Religion

(a) The religion of the State of the Maldives is Islam. Islam shall be the one of the basis of all the laws of the Maldives.

(b) No law contrary to any tenet of Islam shall be enacted in the Maldives.


11 ވަނަ މާއްދާ - ޤައުމީ ބަސް

ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަހެވެ.

އިނގިރޭސި ތަރުޖަމާ

Article 11 - National Language

The national language of the Maldives is Dhivehi.


12 ވަނަ މާއްދާ - ޤައުމީ ދިދަ

(ހ) ދިވެހިރާއްޖޭގެ ޤައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގު އަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި، މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.
(ށ) ޤައުމީ ދިދައިގެ މިންތަކާއި، ކުލަ ކޯޑާއި، ހަނދުފަޅި ހުންނާންވާނީ މި ޤާނޫނުއަސާސީގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިއެވާ ގޮތަށެވެ.

އިނގިރޭސި ތަރުޖަމާ

Article 12 - National Flag

(a) The national flag of the Maldives consists of a white crescent in the centre of a green rectangle surrounded by a red border.

(b) The dimensions and colour code of the national flag and the placing of the crescent on the national flag shall be as specified in Schedule 3 of this Constitution.


13 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފައިސާ

ދިވެހިރާއްޖޭގެ ފައިސާގެ ޔުނިޓަކީ، ރުފިޔާ އެވެ. މި ރުފިޔާ އެކުލެވިގެންވަނީ ސަތޭކަ ލާރީގެ މައްޗަށެވެ.

އިނގިރޭސި ތަރުޖަމާ

Article 13 - Currency of the Maldives

The unit of currency of the Maldives is the Rufiyaa, divided into one hundred Laari.


14 ވަނަ މާއްދާ - ދައުލަތުގެ ވެރިކަންކުރާ ރަށް

ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ މާލެއެވެ.

އިނގިރޭސި ތަރުޖަމާ

Article 14 - Capital

The capital of the Maldives is the island of Male’.


15 ވަނަ މާއްދާ - ޤައުމީ ދުވަސް

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.

އިނގިރޭސި ތަރުޖަމާ

Article 15 - National Day

The national day of the Maldives is the first day of the month of Rabeeu al-Awwal.


ދެވަނަ ބާބު:
އަސާސީ ޙައްޤުތަކާއި މިނިވަންކަން
16 ވަނަ މާއްދާ - ޙައްޤުތައް ކަށަވަރުކޮށްދިނުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސްމިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖުތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ.

(ށ) އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ނ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެއެއްވެސް މިންވަރެއް ހިފަހައްޓައިފައިވަނީ މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެ ކަމަކާ ގުޅޭ ހުރިހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރާން ވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތް.
  2. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަން.
  3. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވާ ގޮތާއި މިންވަރު.
  4. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުން.
  5. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލްކުރެވިދާނެތޯ.
  6. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވަނީ މި މާއްދާގެ (ށ) ގެދަށުން ނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާންޖެހޭތޯ.

(ރ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓައިފައިވަނީ މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ފަރާތެއްގެ ޒިންމާ އެކެވެ.

އިނގިރޭސި ތަރުޖަމާ

Article 16 - Guarantee of Rights

(a) This Constitution guarantees to all persons, in a manner that is not contrary to any tenet of Islam, the rights and freedoms contained within this Chapter, subject only to such reasonable limits prescribed by a law enacted by the
People’s Majlis in a manner that is not contrary to this Constitution. Any such law enacted by the People’s Majlis can limit the rights and freedoms to any extent only if demonstrably justified in a free and democratic society.


(b) The limitation of a right or freedom specified in this Chapter by a law enacted by the People’s Majlis as provided for in this Constitution, and in order to protect and maintain the tenets of Islam, shall not be contrary to article (a).


(c) In deciding whether a right or freedom in this Chapter, has been limited in accordance with article (a) and (b), a court must be fully cognisant of and make reference to all the facts, including:

1. the nature and character of the right or freedom;

2. the purpose and importance of limiting the right or freedom;

3. the extent and manner of limiting the right or freedom;

4. the relationship between the limitation of the right or freedom and the importance of the right or freedom;

5. the extent to which the objective for which the right or freedom has been limited could have been achieved by limiting the right or freedom to a lesser degree;

6. the extent to which the right or freedom must be limited in order to protect the tenets of Islam, where the right or freedom has been limited pursuant to article (b).

(d) The onus of establishing that the limitation to any extent, of a right or freedom included in this Chapter is within the reasonable limitations prescribed in this Constitution is on the State or the person asserting the limitation of the right or freedom.


17 ވަނަ މާއްދާ - ތަފާތުނުކުރުން

 (ހ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ.

(ށ) މުޖްތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައެއް ނުވާނެއެވެ. 


18 ވަނަ މާއްދާ - ދައުލަތުގެ ވާޖިބު

މި ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، މި ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ.


19 ވަނަ މާއްދާ - މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަން.

އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއްކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަ ލިބިގެންމެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެނެއް ނުވާނެއެވެ.


20 ވަނަ މާއްދާ - ހަމަހަމަކަން

ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ.


21 ވަނަ މާއްދާ - ދިރިހުރުމުގެ ޙައްޤު

ކޮންމެ މީހަކަށްމެ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ފަހެ، މި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހަދައިފައިވާ ޤާނޫނަކާ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން، މިއިން ޙައްޤެއްގެ ނުވަތަމިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައިގަނެވިގެނެއް ނުވާނެއެވެ.


22 ވަނަ މާއްދާ - ތިމާވެށި ހިމާޔަތްކުރުން

ދިވެހިރާއްޖޭގެ ޤުދްރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ. އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ޙިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، މިފަދަ ޙަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ޤުދްރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއަޅާންވާނެއެވެ.


23 ވަނަ މާއްދާ - އިޤްތިޞާދީ އަދި އިޖްތިމާޢީ ޙައްޤުތައް

އަންނަނިވި ޙައްޤު ތަކަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކެއް ކަމަށް މި ޤާނޫނުއަސާސީން ކަނޑައަޅާ ހިނދު، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރާންވާނެއެވެ.

(ހ) ރަނގަޅު ކާނާއާއި، ސާފު ފެން ފުދޭ މިންވަރަށް ލިބުން.
(ށ) ފޭރާމާއި ހިޔާވަހިކަން ލިބުން.
(ނ) ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބުން.
(ރ) ދިރިއުޅޭނެ ސާފު އަދި ޞިއްޙަތަށް ރަނގަޅު މާޙައުލެއް ލިބުން.
(ބ) ދިވެހިރާއްޖޭގެ ޠަބީޢީ މުއްސަނދިކަމާއި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ޚަބަރު ފަތުރާ ވަސީލަތްތަކާއި، ހުރިހައި ބާވަތެއްގެ މުއާޞަލާތީ ޚިދުމަތްތައް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ލިބުން.
(ޅ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާމިންވަރުގެ ނަރުދަމާ ނިޒާމެއް ޤާއިމްވެފައިއޮތުން.
(ކ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ޤާއިމްވެފައިއޮތުން.


24 ވަނަ މާއްދާ - ޒާތީ ދިރިއުޅުން

ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެމީހަކުމެ، އަނެކުންގެ މި ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.


25 ވަނަ މާއްދާ - އަޅުވެތިނުކުރުމާއި، ގަދަކަމުން މަސައްކަތްނުކުރުވުން

(ހ) އެއްވެސް މީހަކު އަޅުވެތިކޮށްގެނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތްކުރުވައިގެނެއް ނުވާނެއެވެ.

(ށ) ސިފައިންގެ އިލްޒާމީ ޚިދުމަތަށް ގޮވައިލުމާއި، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި ފަރުދުންގެ ފުރާނައާއި މުޖްތަމަޢުގެ ރައްކާތެރިކަން ގެއްލިދާނެފަދަ މުސީބާތެއް ދިމާވެއްޖެ ޙާލަތްތަކުގައި ޢާންމުޚިދުމަތަށް ގޮވައިލުމާއި، ކޯޓުގެ ޙުކުމެއް ތަންފީޛުކުރުމުގެ ގޮތުން މަސައްކަތްކުރާންޖެހުމަކީ މި މާއްދާގެ (ހ) އާ ތަޢާރުޟްވާ ކަމެއް ނޫނެވެ.


26 ވަނަ މާއްދާ - ވޯޓުދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު

މި ޤާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ.

(ހ) އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ.

(ށ) އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު.

(ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކުއިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު.


27 ވަނަ މާއްދާ - ޚިޔާލުފާޅުކުރުމުގެ މިނިވަންކަން

މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.


28 ވަނަ މާއްދާ - ނޫސްވެރިކަމުގެ މިނިވަންކަން

 ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.


29 ވަނަ މާއްދާ - މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން

 އުނގެނުމާއި، އުނގަންނައިދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.


30 ވަނަ މާއްދާ - ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާތަކާއި، ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން

(ހ) ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

(ށ) ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެ ތެރޭގައި އަންނަނިވި ޙައްޤުތައް ހިމެނެއެވެ.

  1. އިޤްތިޞާދީ، އިޖްތިމާޢީ، ތަޢުލީމީ، ޘަޤާފީ މަޤްޞަދުތަކަށްޓަކައި، ޖަމްޢިއްޔާ ނުވަތަ ޖަމާޢަތް އުފައްދައި، އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގައި ބައިވެރިވުމުގެ ޙައްޤު.
  2. މަސައްކަތްތެރީންގެ ޖަމްޢިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު.

31 ވަނަ މާއްދާ - ހަޅުތާލުކުރުމުގެ ޙައްޤު

 އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވެއެވެ.


32 ވަނަ މާއްދާ - އެއްވެއުޅުމުގެ މިނިވަންކަން

ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.


33 ވަނަ މާއްދާ - ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު

އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.


34 ވަނަ މާއްދާ - ކައިވެނިކުރުމާއި ޢާއިލާ ޤާއިމްކުރުމުގެ ޙައްޤު

(ހ) ޤާނޫނުގައި ކައިވެނިކުރެވޭ ޢުމުރުކަމުގައި ކަނޑައަޅައިފައިވާ ޢުމުރުގެ ކޮންމެ މީހަކަށްމެ، ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން ކައިވެނިކުރުމާއި، ޢާއިލާ ޤާއިމްކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ޢާއިލާއަކީ މުޖްތަމަޢުގެ ޠަބީޢީ އަދި އަސާސީ ބިންގާކަމަށް ވީހިނދު، ކޮންމެ ޢާއިލާއަކަށްމެ މުޖްތަމައާއި ދައުލަތުގެ ޚާއްޞަ ރައްކާތެރިކަން ލިބިދޭންވާނެއެވެ.

(ށ) ކައިވެންޏެއް ރޫޅިއްޖެ ޙާލަތެއްގައި ދަރީން ތިބިނަމަ، އެ ދަރީންނަށް ޤާނޫނުގައިވާ ގޮތުގެމަތީން ޚާއްޞަ ރައްކާތެރިކަން ލިބިދޭންވާނެއެވެ.


35 ވަނަ މާއްދާ - ކުޑަކުދީންނާއި ޅަފުރާގެ ކުދީންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ޚާއްޞަ ރައްކާތެރިކަން

(ހ) ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެކެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސްގޮތަކުން ހާނީއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސްގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިޤްތިޞާދީ، އިޖްތިމާޢީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ޙާޞިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެނެއް ނުވާނެއެވެ.

(ށ) ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ލިބިގެންވާ ޙައްޤެކެވެ.


36 ވަނަ މާއްދާ - އުނގެނުމުގެ ޙައްޤު

(ހ) އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ށ) ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ދައުލަތުން ހިލޭ ފޯރުކޮށްދޭން ވާނެއެވެ. ކުދީންނަށް ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ދިނުމަކީ އެ ކުދީންގެ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު އެންމެހައި ރައްޔިތުންނަށް ޢާންމުކޮށް ހުޅުވައިލެވިފައި އޮންނާންވާނެއެވެ.

(ނ) ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއެޅުމަށާއި، އިސްލާމްދީނަށް ލޯބިޖެއްސުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށާއި، ޢާންމުކޮށް އެންމެންގެ މެދުގައި ޞުލްޙަމަސަލަސް ކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެއެވެ.


37 ވަނަ މާއްދާ - މަސައްކަތްކުރުމުގެ ޙައްޤު

(ހ) ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

(ށ) ހަމަހަމަކަމާއެކު މުޢާމަލާތުކުރެވޭ، ރައްކާތެރި މާޙައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ނ) ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ، މަސައްކަތްކުރާންޖެހޭ ވަގުތު ކަނޑައެޅިފައިވުމާއި، އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ލިބުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެތެރޭގައި ވަކި މުއްދަތަކަށް މުސާރައާއެކު ޗުއްޓީ ލިބުމުގެ ޙައްޤުވެސް ހިމެނެއެވެ.

(ރ) ކޮންމެ މީހަކަށްމެ އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ހޭދަކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ މި ޙައްޤު ލިބިދިނުމަށްޓަކައި، މަސައްކަތްކުރާންޖެހޭ އެންމެ ގިނަ ވަގުތެއް ކަނޑައަޅައިފައި އޮންނާންވާނެއެވެ. އަދި އުޖޫރައާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނާންވާނެއެވެ.


38 ވަނަ މާއްދާ - ޕެންޝަން ލިބުމުގެ ޙައްޤު

ދައުލަތުގެ ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕެންޝަން ލިބުމުގެ ޙައްޤު ލިބިގެންވެއެވެ.


39 ވަނަ މާއްދާ - ޘަޤާފީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ޙައްޤު

(ހ) ޤައުމުގެ ޘަޤާފީ ޙަރަކާތްތަކުގައި ބައިވެރިވުމާއި، ފަންނީ އަދި އަދަބީ ކަންކަމުން މަންފާ ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ށ) ދައުލަތުގެ ތަނަވަސްކަމާއި ފޯރުންތެރިކަން ހުރި މިންވަރަކުން، ތަޢުލީމާއި، ޘަޤާފަތާއި، އަދަބިއްޔާތާއި، ފަންނުތައް ކުރިއެރުވުމަށް ދައުލަތުން މަސައްކަތް ކުރާންވާނެއެވެ. 


40 ވަނަ މާއްދާ - މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު

(ހ) މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

(ށ) މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.

(ނ) ޤާނޫނާ ޚިލާފަށް ހޯދައިފައިވާ މުދަލާއި، ދުޝްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ޙުކުމްކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭފަދަ ޤާނޫނެއް ހެދުމަކަށް މި މާއްދާގެ އެއްވެސް ބައެއް ހުރަހެއް ނާޅައެވެ.

(ރ) މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ހިފައިގެނެއް ނުވާނެއެވެ.


41 ވަނަ މާއްދާ - ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން

(ހ) ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

(ނ) އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ޚިދުމަތްތަކާއި،އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ޙައްޤު އެ ރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.


42 ވަނަ މާއްދާ - ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުން

(ހ) ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.

(ނ) ޝަރީޢަތްތައް ހިންގާންޖެހެނީ ޢާންމުކޮށް ހުޅުވައިލައިގެން ކަމުގައިވީ ނަމަވެސް ތިރީގައި ވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި، ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެމަތީން، ޝަރީޢަތެއް އެކުގައި، ނުވަތަ ޝަރީޢަތަކުން ބައެއް، ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު އެ ޝަރީޢަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

  1. މުޖްތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުން، ނުވަތަ މުޖްތަމަޢުގެ އަމަންއަމާންކަން ޤާއިމްކުރުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން.
  2. ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަޞްލަޙަތު ޙިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތު ރައްކާތެރިކުރުން.
  3. ޢާންމުކޮށް ހުޅުވައިލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލުއިންޞާފު ޤާއިމްކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބަކަށްޓަކައި އެހެންގޮތަކަށް ކޯޓުން ކަނޑައަޅައިފައި ނުވާނަމަ، ކޯޓުތަކުން ނެރޭ ހުރިހައި އަމުރުތަކާއި ޙުކުމްތައް އިއްވާންވާނީ ޢާންމުކޮށް ހުޅުވައިލެވިފައިވާ މަޖިލީހެއްގައެވެ. އަދި ހުޅުވައިލެވިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލިސްތަކުން ނެރޭ ކޯޓުގެ އަމުރުތަކާއި ކުރާ ޙުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނާން ހުންނާން ވާނެއެވެ.


43 ވަނަ މާއްދާ - ޢަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުން

(ހ) އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަންކުރެވުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެކެވެ.

(ށ) އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިޔުމުން ލިބުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެއެވެ.

(ނ) އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް، ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެ ކަމުން ސީދާގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.


44 ވަނަ މާއްދާ - ޝަޚްޞީ ޒިންމާ

ކުށްކުށުގައި ތުހުމަތުކުރެވޭ މީހުންގެމައްޗަށް ޤާނޫނުގައިވާ ގޮތުގެމަތީން ތަޙުޤީޤު ހިންގުމުގައްޔާއި، ޝަރީޢަތް ކުރުމުގައްޔާއި، ކުށް ސާބިތުވެގެން ޙުކުމް ތަންފީޛުކުރުމުގައި އެނޫން މީހެއްގެ ޤާނޫނީ ޙައްޤަކަށް ނުވަތަ ޤާނޫނީ ވާޖިބަކަށް ހުރަސް އަޅައިގެނެއް ނުވާނެއެވެ.


45 ވަނަ މާއްދާ - ޤާނޫނާ ޚިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން

މި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެނެއް ނުވާނެއެވެ.


46 ވަނަ މާއްދާ - ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު

ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ.


47 ވަނަ މާއްދާ - ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން

(ހ) އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް،މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެނެއް ނުވާނެއެވެ.

(ށ) ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަނެވެ. ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެ މީހެއްގެ ނުރުހުމުގައި ވަދެގެނެއް ނުވާނެއެވެ.


48 ވަނަ މާއްދާ - ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް

ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތީން އެ މީހަކާމެދު ޢަމަލުކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ހ) އެ މީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާންވާނެއެވެ. އަދި ގިނަވެގެން ސައުވީސް ގަޑިއިރުގެތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ މީހަކަށް ދޭންވާނެއެވެ. 

(ށ) ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެ މީހަކަށް އަންގާންވާނެއެވެ. އަދި ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމޭންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެ މީހަކަށް ފަހިކޮށްދޭން ވާނެއެވެ.

(ނ) ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން އެ މީހަކަށް އަންގައި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަތު އެ މީހަކަށް ދޭންވާނެއެވެ.

(ރ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެއެވެ. އަދި ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.


49 ވަނަ މާއްދާ - ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން

އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް ކަނޑައެޅިދާނެއެވެ.


50 ވަނަ މާއްދާ - އަވަހަށް މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާ ކުރުން

ކުށެއްކޮށްފިކަމަށް ތުހުމަތުކޮށް ތަޙުޤީޤުކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެ މައްސަލަ ތަޙުޤީޤުކޮށް ނިންމާންވާނެއެވެ. އަދި އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާއާމެދު ދަޢުވާކުރާންޖެހޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ދަޢުވާ އުފުލާންވާނެއެވެ.


51 ވަނަ މާއްދާ - ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް

ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ:

(ހ) އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން، ލަސްނުކޮށް އަންގާންވާނެއެވެ. 

(ށ) އެކަށީގެންވާ މުއްދަތެއްގެތެރޭގައި އެ މީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤުލިބިގެންވެއެވެ. 

(ނ) ތިމާއާ ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

(ރ) އެ މީހަކީ ޝަރީޢަތްކުރެވޭ ބަސް ނޭނގޭ މީހަކު ނަމަ، ނުވަތަ ބީރު މީހަކު ނަމަ، ނުވަތަ މަންމަނު މީހަކު ނަމަ، އެ މީހަކަށް ދައުލަތުގެ ފަރާތުން ތަރުޖަމާނަކު ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ.

(ބ) ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެއެވެ. އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެއެވެ.

(ޅ) އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

(ކ) ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

(އ) އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ.


52 ވަނަ މާއްދާ - އިޢުތިރާފާއި، ޤާނޫނާ ޚިލާފަށް ހޯދާ ހެކި

ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ.


53 ވަނަ މާއްދާ - ޤާނޫނީ ވަކީލެއްގެ އެހީތެރިކަން

(ހ) ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. 

(ށ) ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްދޭން ވާނެއެވެ.


54 ވަނަ މާއްދާ - ލާއިންސާނީ އަދަބު ނުދިނުން

އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެނެއް ނުވާނެއެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެނެއް ނުވާނެއެވެ.


55 ވަނަ މާއްދާ - މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން

މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރާންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ.


56 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ ޙައްޤު

ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.


57 ވަނަ މާއްދާ - ބަންދުކުރެވިފައިވާ މީހުންނާ އިޙްތިރާމާއެކު މުޢާމަލާތުކުރުން

ކޯޓެއްގެ ޙުކުމަކާ ގުޅިގެން، ނުވަތަ ޤާނޫނުގައިވާ ގޮތުގެމަތީން ހައްޔަރުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ މީހުންނާއި އިޖްތިމާޢީ އެކިއެކި ސަބަބުތަކަށްޓަކައި ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުންނާމެދު ޢަމަލުކުރާންވާނީ އިޙްތިރާމާއެކު އިންސާނުންނާ މުޢާމަލާތުކުރުމަށް އެކަށީގެންވާ ގޮތަކަށެވެ. ފަހެ، ކޯޓެއްގެ ޙުކުމަކާ ގުޅިގެން، ނުވަތަ ޤާނޫނުގައިވާ ގޮތުގެމަތީން ހައްޔަރުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ މީހުންނާއި، އިޖްތިމާޢީ އެކިއެކި ސަބަބުތަކަށްޓަކައި ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުން، މި ބާބުގައި ބަޔާންވެގެންވާ އެއްވެސް ޙައްޤަކުން ނުވަތަ މިނިވަންކަމަކުން މަޙްރޫމްކުރެވޭނީ، އެ ކަމަކަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ.


58 ވަނަ މާއްދާ - ބަދަލު ލިބިދިނުން

ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދުކޮށްފިނަމަ އެކަމުގެ ބަދަލު އެ މީހަކަށް ލިބިދޭންވާނެއެވެ.


59 ވަނަ މާއްދާ - ޤާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިފައި ނުވާ ކަމަކަށް ފަހުން ހަދާ ޤާނޫނަކުން އަދަބުނުދިނުން

(ހ) ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތީސް އެ ކަމެއް ކުރި މީހަކަށް ނުވަތަ އެ ކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު ދީގެނެއް ނުވާނެއެވެ. އަދި ކުށެއް ކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެނެއް ނުވާނެއެވެ. ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެވެ.

(ށ) ބައިނަލްއަޤްވާމީ ޤާނޫނުގައި ޖިނާއީ ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރާ މީހަކާމެދު ޝަރީޢަތްކުރުމާއި އަދަބުދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.


60 ވަނަ މާއްދާ - އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުން

(ހ) ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ. އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލުގެ ތެރޭގައި މައްސަލަ އިސްތިއުނާފުކުރުމެއް ނުހިމެނެއެވެ.


61 ވަނަ މާއްދާ - ޤާނޫނުތަކާއި ޤަވާޢިދުތައް ޢާންމުކޮށް ޝާއިޢުކުރުން

(ހ) ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ރައްޔިތުން އެމައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޢާންމުންނަށް ލިބޭންހުންނާނޭ ގޮތަކަށް އިންތިޒާމުކޮށް، ޢާންމުކޮށް ޝާއިޢުކުރާންވާނެއެވެ. 

(ށ) ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދެއްގެ ދަށުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެޤަވާޢިދަކީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާން ކޮށްފައި އޮވެގެންނެވެ.

(ނ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ދައުލަތުގެ ސިއްރު ކަމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފިޔަވައި ސަރުކާރުން ނިންމާ ނިންމުން ތަކާއި ކުރާ ކަންތައްތަކާ ބެހޭ އެންމެހައި މަޢުލޫމާތު ޢާންމުކޮށް ލިބޭން ހުންނާންވާނެއެވެ. 

(ރ) ކޮންމެ ރައްޔިތަކަށްމެ އެ މީހަކާ ބެހޭގޮތުން ސަރުކާރުގެ އިދާރާތަކުގައި ރައްކާކުރެވިފައިވާ އެންމެހައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިގެންވެއެވެ.


62 ވަނަ މާއްދާ - އެހެނިހެން ޙައްޤުތައް ލިބިދިނުން

(ހ) މި ބާބުގައި ބަޔާންކުރެވިފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ލިބިގެންވެއެވެ.

(ށ) މި ބާބުގައި ވަކިވަކީން ޙައްޤުތަކާއި މިނިވަންކަން ކަނޑައެޅި، ބަޔާންކުރެވިފައިވުމަކީ މި ބާބުގައި ނުހިމެނޭ އެހެނިހެން ޙައްޤުތަކާއި މިނިވަންކަން ހޯދުމަށް ނުވަތަ ލިބިގަތުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ.


63 ވަނަ މާއްދާ - އަސާސީ ޙައްޤުތަކާ ތަޢާރުޟްވާ ޤާނޫނުތައް ބާޠިލްވުން

އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް މި ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟްވާ ނަމަ، އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެ ޙައްޤަކާ ނުވަތަ އެ މިނިވަންކަމަކާ ތަޢާރުޟްވާ މިންވަރެއް ވާނީ ބާޠިލް އެއްޗަކަށެވެ. 


64 ވަނަ މާއްދާ - ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ޙައްޤު

ޤާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮށްގެނެއް ނުވާނެއެވެ. އަދި ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.


65 ވަނަ މާއްދާ - ޙައްލުހޯދުމަށްޓަކައި ދަޢުވާކުރުމުގެ ޙައްޤު

މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެއެވެ.


66 ވަނަ މާއްދާ - ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ ޤާނޫނުތައް ބާޠިލްވުން

މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކާއި އިޢުލާންތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ އެންމެހައި ކަންތައްތައް، މި ޤާނޫނުއަސާސީ އަށް ޢަމަލުކުރާން ފެށުމާއެކު ބާޠިލްވީއެވެ. 


67 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ކޮންމެ މީހަކަށްމެ ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެ މީހަކު އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނޭ ދެ އަސާސްކަމުގައިވީ ހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެ ވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކުމެ އެ ކަންތައްތަކަށް އިޙްތިރާމްކުރާންވާނެއެވެ. 

(ހ) އަނެކުންގެ ޙައްޤުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އެ ޙައްޤުތަކަށާއި މިނިވަންކަމަށް އިޙްތިރާމްކުރުން.

(ށ) އެންމެހައި މީސްތަކުންގެ މެދުގައްޔާއި ޖަމާޢަތްތަކުގެ މެދުގައި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ ރޫޙު އާލާކުރުމާއި،އަނެކުންނާ ތިމާއާދެމެދު ހުންނަ ތަފާތުތައް ބަލައިގަތުމުގެ އުޞޫލު ދެމެހެއްޓުމަށް މަސައްކަތްކުރުން.

(ނ) މުޖްތަމަޢުގެ ދުޅަހެޔޮކަމަށާއި ތަރައްޤީއަށްޓަކައި މަސައްކަތްކުރުން.

(ރ) ދިވެހިރާއްޖޭގެ ސިޔާދަތާއި، ރައްޔިތުންގެ އެއްބައިވަންތަކަމާއި، އަމަންއަމާންކަމާއި، ރައްކާތެރިކަމާއި ޤައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުން.

(ބ) ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤާނޫނުގެ ވެރިކަން ހިންގުމުގެ އުޞޫލަށް ޙުރުމަތްތެރިކޮށް ހިތުން.

(ޅ) އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެމަތީން، ދީމިޤްރާޠީ އުޞޫލުތަކާއި ގޮތްތައް ކުރިއެރުވުން.

(ކ) ދިވެހިދައުލަތުގެ ދީން ކަމުގައިވާ އިސްލާމްދީނާއި، ރާއްޖޭގެ ޘަޤާފަތާއި، މާދަރީ ބަހާއި، ޤައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން.

(އ) ދިވެހިރާއްޖޭގެ ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކާއި، ޤުދްރަތީ ރީތިކަމާއި، ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއެކު، ތިމާވެށި ނުސާފުވާ ފަދަ ޢަމަލުތަކާއި ޤުދްރަތީ ވެށި ހަލާކުވެގެންދާ ފަދަ ޢަމަލުތަކުން ދުރުހެލިވުން.


68 ވަނަ މާއްދާ - މާނަކުރުން

ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓާންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރާންވާނެއެވެ.


69 ވަނަ މާއްދާ - ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭފަދަ ގޮތަކަށް ޤާނޫނުއަސާސީ މާނަނުކުރުން

މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ.


ތިންވަނަ ބާބު:
ރައްޔިތުންގެ މަޖިލިސް
70 ވަނަ މާއްދާ - ޤާނޫނުހެދުމުގެ ބާރު

(ހ) ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ޢާންމު ބާރުތަކުގެ ތެރޭގައި އަންނަނިވި ވާޖިބުތައް އަދާކުރުމާއި ކަންތައްތައް ކުރުމުގެ ބާރުވެސް އެ މަޖިލީހަށް ލިބިގެންވެއެވެ.

  1. މި ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެމަތީން ޤާނޫނުއަސާސީއަށް އިޞްލާޙުގެނައުން.
  2. ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާޠިލްކުރުން.
  3. ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން. އަދި މިކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުން.
  4. ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުން.
  5. މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭގޮތުން ނިންމާންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެމަތީން ނިންމުން.
  6. ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން.
  7. ރައްޔިތުންގެ މަޖިލީހުން އަދާކުރާން ޖެހޭނެކަމަށް މި ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް ވާޖިބުތައް އަދާކުރުން.

(ނ) އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެނެއް ނުވާނެއެވެ.

(ރ) ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ޤަބޫލުކުރުމާއި، ފާސްނުކޮށް އަނބުރާ ފޮނުވައިލުމާއި، ބާޠިލްކުރުމާއި، އަދި މިފަދަ ކޮންމެ ހުށަހެޅުމަކަށް ބަދަލު ގެނައުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވެއެވެ.

(ބ) މީހަކު މަޤާމަކަށް އިސްކުރުމަށްޓަކައި ނުވަތަ މަޤާމަކުން ވަކިކުރުމަށްޓަކައި އެކަން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.


71 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅުން

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅާނީ އަންނަނިވި އުޞޫލުންނެވެ. 

  1. ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުން.
  2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި އިދާރީ ދާއިރާކަމުގައި ބުނެފައި އެވަނީ، މި ޤާނޫނުއަސާސީ ތަޞްދީޤުކުރާއިރު، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގޮތުގައި ބަލާ ވިހި އަތޮޅާއި މާލެއާއެކު ޖުމްލަ އެކާވީސް ދާއިރާއަށެވެ. އިދާރީ ދާއިރާތަކުގެ ތަފްޞީލް މި ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އެވަނީއެވެ.


72 ވަނަ މާއްދާ - މެންބަރުން އިންތިޚާބުކުރުން

(ހ) މި ޤާނޫނުއަސާސީގެ 71 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފުނުވާނޭހެން، ކޮންމެ އިދާރީ ދާއިރާއަކުން ވަކި އިންތިޚާބީ ދާއިރާތަކެއް ކަނޑައަޅާންވާނެއެވެ. މިއިން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބުކުރާނީ އެއް މެންބަރެވެ.

(ށ) ކޮންމެ އިންތިޚާބީ ދާއިރާއެއްގައި ވާދަކުރާ މީހުންގެ ތެރެއިން އިންތިޚާބުވާނީ، އެ ދާއިރާއެއްގައި ވޯޓުދޭ ރައްޔިތުންގެ ސިއްރުވޯޓަކުން އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ.

(ނ) ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާނޭ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދު ކަނޑައަޅާނޭ ގޮތް ޤާނޫނަކުން ބަޔާންކުރާންވާނެއެވެ. އަދި އިދާރީ ދާއިރާތަކުގެ އާބާދީ އިންތިޚާބީ ދާއިރާތަކަކަށް ބެހުމުގައި އެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ވީއެންމެ ބޮޑަކަށް ހަމަހަމަކުރެވޭނޭ އުޞޫލެއް އެ ޤާނޫނުގައި ކަނޑައަޅާންވާނެއެވެ.


73 ވަނަ މާއްދާ - މެންބަރަކަށްވުމުގެ ޝަރުޠުތައް

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. 

  1. ދިވެހިރައްޔިތަކަށްވުން.
  2. ބޭރުޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުން.
  4. ޢުމުރުން އަށާރަ އަހަރު ފުރިފައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން.

(ށ) ބޭރުޤައުމެއްގެ ރައްޔިތަކު ދިވެހިރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހިރައްޔިތަކަށްވީތާ ފަސް އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެއެވެ.

(ނ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.


(ރ) މި ޤާނޫނުއަސާސީގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޤާމުގައި ހުރެ އަންނަނިވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ.

  1. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން.
  2. ސްޓޭޓް މިނިސްޓަރުކަމާއި، ވަޒީރުންގެ ނައިބުކަމާއި، ދައުލަތުގެ އެފެންވަރުގެ އެއްވެސް ވަޒީފާއެއް. 
  3. މުސްތަޤިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަޤިއްލު މަޤާމެއް. 
  4. ސިވިލް ސަރވިސްގެ ވަޒީފާއެއް.
  5. ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ، ނުވަތަ ސަރުކާރުން ހިންގާ، ކުންފުންޏެއްގެ ވަޒީފާއެއް.
  6. ސިފައިންގެ ވަޒީފާއެއް.
  7. ފުލުހުންގެ ވަޒީފާއެއް.
  8. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރާންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް. 

[(ބ) ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އަންނަނިވި ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.

  • (1) ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހ،ު އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
  • (2) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
  • (3) އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.]2ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާއިން 20 ނޮވެންބަރު 2024ގައި އިޞްލާޙުކޮށްފައި

74 ވަނަ މާއްދާ - މެންބަރުކަމާމެދު ކޯޓުގެ އިޚްތިޞާޞް

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުންނެވެ.


75 ވަނަ މާއްދާ - މެންބަރުންގެ މަސައްކަތުގައި ރިޢާޔަތްކުރާންވީ ކަންކަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ. 


76 ވަނަ މާއްދާ - މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން

ކޮންމެ މެންބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމަށް ހުށަހަޅާންވާނެއެވެ. އަދި މިގޮތުން ދޭ މަޢުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނާންވާނެއެވެ. 


77 ވަނަ މާއްދާ - މެންބަރުކަމުން އިސްތިޢުފާދިނުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން އެކަން ހުށަހަޅައި، އެ ސިޓީ މަޖިލީހުގެ ރައީސަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


78 ވަނަ މާއްދާ - ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރާން ވާނެއެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކޮށްގެނެއް ނުވާނެއެވެ.


79 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ޢުމުރު

(ހ) ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު، ފުރަތަމަ ޖަލްސާ ކުރާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ. މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީއެވެ. ޢުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާންވާނެއެވެ. 

(ށ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމުގެ ތިރީސް ދުވަސް ކުރީން އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާއި، އެކަމާ ގުޅޭގޮތުން ކުރާންޖެހޭ އެހެނިހެން ކަންތައްތައް ކޮށް ނިންމާންވާނެއެވެ.


80 ވަނަ މާއްދާ -ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ މުއްދަތު އިތުރުކުރުން

ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ޢާންމު އިންތިޚާބެއް ބޭއްވުމަށް ދަތިވެއްޖެނަމަ، މަޖިލީހުގެ ޢުމުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމުގެ ޤަރާރެއް އެ މަޖިލީހުން ފާސްކުރެވިދާނެއެވެ. މިފަދަ ޤަރާރެއް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. މިގޮތަށް މަޖިލީހުގެ މުއްދަތު އިތުރުކޮށްފައިވަނިކޮށް، ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރުނު ޤަރާރު އުވައިލުމަށްފަހު ނުވަތަ އެ ޤަރާރުގެ މުއްދަތު ހަމަވުމަށްފަހު ރައްޔިތުންގެ މަޖިލިސް ފަސްދޮޅަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްގެނެއް ނުވާނެއެވެ. އެ ފަސްދޮޅަސް ދުވަހުގެތެރޭގައި ރައްޔިތުންގެ އާ މަޖިލީހަކަށް މެންބަރުން ހޮވުމުގެ ހުރިހައި ކަމެއްކޮށް ނިންމާންވާނެއެވެ.


81 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކުރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވާ މީހަކު، އެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމް ފުރާން ފެށުމުގެ ކުރީން އުއްތަމަފަނޑިޔާރުގެ ކުރިމަތީގައި ނުވަތަ އުއްތަމަފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެއްގެ ކުރިމަތީގައި މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކޮށް އެ ހުވައިގެ އިޤްރާރުގައި ސޮއިކުރާންވާނެއެވެ.


82 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސް

(ހ) ޢާންމު އިންތިޚާބަށްފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރާންވާނެއެވެ. މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިޚާބުކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ މެންބަރެކެވެ. މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ ގިނަ މެންބަރުންތަކެއް ތިބި ނަމަ އެ މެންބަރުންގެ ތެރެއިން ޢުމުރުން އެންމެ ދޮށީ މެންބަރެކެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސެވެ. ރައީސާއި ނައިބުރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ އެވެ.

(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް ސިޓީއަކުން އެކަން ހުށަހަޅައި، އެ ސިޓީ މަޖިލީހުގެ ނައިބުރައީސަށް ލިބުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިވީއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އެ މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން އެކަން ހުށަހަޅައި، އެ ސިޓީ މަޖިލީހުގެ ރައީސަށް ލިބުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އެ މަޤާމުން ވަކިވީއެވެ.

(ރ) އަންނަނިވި ޙާލަތްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް އެ މަޤާމުން ވަކިވާނެއެވެ.

  1. އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުން.
  2. އެ މީހަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުން.

(ބ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރެއް މަޖިލީހަށް ހުށަހެޅުމުގެ ސާދަ ދުވަސް ކުރީން އެކަން އެ މަޖިލީހަށް އަންގާން ވާނެއެވެ.

(ޅ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ.

(ކ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި، އެމީހެއްގެ ދިފާޢުގައި ބަޙުޘްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ޙައްޤު އެއިން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް އެ މީހަކު މަޤާމުން ވަކިކުރުމާބެހޭ ގޮތުން ނަގާ ވޯޓެއްގައި އެ މީހަކަށް ވޯޓެއް ނުދެވޭނެއެވެ.


83 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް

ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު އޮންނާންވާނެއެވެ. މިއިން ކޮންމެ ދައުރެއްމެ ފަށާ ދުވަހާއި ނިންމާ ދުވަސް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ކަނޑައަޅައިފައި އޮންނާންވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޢާންމުކޮށް ބާއްވާންވާނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.


84 ވަނަ މާއްދާ - ރިޔާސީ ބަޔާން

ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެއެވެ.


85 ވަނަ މާއްދާ - ޖަލްސާތައް ޢާންމުންނަށް ހުޅުވައިލުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި އެ މަޖިލީހުގެ ކޮމިޓީތަކުގެ ޖަލްސާތައް އޮންނާންވާނީ ޢާންމުންނަށް ހުޅުވައިލެވިފައެވެ.

(ށ) ޤައުމީ ސަލާމަތަށްޓަކައި ނުވަތަ، އަމަންޢާންމު ރައްކާތެރިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް ނުވަތަ އެ މަޖިލީހުގެ ކޮމެޓީއެއްގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވިދާނެއެވެ. މިފަދަ ސިއްރު ޖަލްސާއެއް ބާއްވާންވާނީ ރައްޔިތުންގެ މަޖިލީހުގެ އެ ޖަލްސާއަކަށް ނުވަތަ ކޮމެޓީގެ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޖަލްސާއެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބާއްވާން ފާސްކޮށްގެންނެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތުމަކުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވުމާ ބެހޭ އިތުރު ސަބަބުތައް ޤަވާޢިދުގައި ކަނޑައެޅުމަކަށް ހުރަހެއް ނާޅައެވެ.


86 ވަނަ މާއްދާ - ޤާނޫނީ ޢަދަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތައެވެ.


87 ވަނަ މާއްދާ - ވޯޓުދިނުން

މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ނިންމުމެއް ނިންމޭނީ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) މި ޤާނޫނުއަސާސީގެ 86 ވަނަ މާއްދާ އެހެން އޮތްކަމުގައި ވިޔަސް ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައެވެ.

(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ މީހަކުމަޖިލީހުން ނިންމާ ނިންމުންތަކުގައި ވޯޓު ދީގެނެއް ނުވާނެއެވެ. އެހެންނަމަވެސް، ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ ޢަދަދު ހަމަހަމަވެއްޖެ ޙާލަތެއްގައި މަޖިލީހުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މީހަކު އޭނާއަށް ފެންނަ ކޮޅަކަށް ވޯޓު ދޭންވާނެއެވެ.

(ރ) ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަދެބައިގެ ވޯޓުން ނުވަތަ ހަތަރުބައިކުޅަތިންބައިގެ ވޯޓުން ނިންމާންޖެހޭ ކަމެއް ނިންމުމުގައި، މަޖިލީހުގެ ރައީސަށް ނުވަތަ ރިޔާސަތު ބަލަހައްޓާ މީހަކަށް ވޯޓު ދެވިދާނެއެވެ.


88 ވަނަ މާއްދާ - ހިންގުމުގެ ޤަވާޢިދު ކަނޑައެޅުން

(ހ) މި ޤާނޫނުއަސާސީއާ ޚިލާފުނުވާނޭ ގޮތުގެމަތީން:

  1. ރައްޔިތުންގެ މަޖިލީހުގެ އިދާރީ އެންމެހައި ކަންތައްތައް ހިންގުމާއި، މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި މުވައްޒަފުންގެ މުސާރަކަނޑައެޅުމާއި، މަޖިލީހުގެ ޖަލްސާތަކާ ބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މި ކަންތައްތަކާ ގުޅޭ ޤަވާޢިދުތައް ހަދާނީ ވެސް އެ މަޖިލީހުންނެވެ.
  2. ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދީމިޤްރާޠީ އުޞޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަންބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނޭ ޤަވާޢިދުތަކާއި އުޞޫލުތައް އެ މަޖިލީހުން ކަނޑައަޅާންވާނެއެވެ. އެ ޤަވާޢިދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި، ހާޒިރީއާ ގުޅޭ އުޞޫލުތައް ހިމެނިދާނެއެވެ. އަދި މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ މެންބަރެއްގެ މުސާރައާއި ޢިނާޔަތްތައް ކެނޑޭނެ ގޮތްތައްވެސް ކަނޑައެޅިދާނެއެވެ.

(ށ) މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއެވެ.


89 ވަނަ މާއްދާ - މަޖިލީހުގެ ކަންތައްތައް ހިނގިގޮތުގެ މަޢުލޫމާތު ޝާއިޢުކުރުން

ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންތައްތައް ހިނގިގޮތުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ލިޔެ، ޝާއިޢުކޮށް، ޢާންމުކޮށް ލިބޭން ހުންނާންވާނެއެވެ.


90 ވަނަ މާއްދާ - އިމްތިޔާޒު

(ހ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފް ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލަވުންތަކާބެހޭ ވާހަކަތައް ތެދުބަހުން ކަންހިނގި ގޮތުގެ ހަޤީޤަތް ނުގެއްލޭގޮތަށް ޝާއިޢުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާމެދު އަދި އެފަދަ ވާހަކައެއް ޝާއިޢުކުރި ނޫސް މަޖައްލާއަކާމެދު އެއްވެސް ދަޢުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެނެއް ނުވާނެއެވެ.


91 ވަނަ މާއްދާ - ބިލު ތަޞްދީޤުކުރުމާއި އަލުން ވިސްނުމަށް އަނބުރާ ފޮނުވުން

(ހ) ރައްޔިތުންގެ މަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާން ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤު ކުރާން ވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާންވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށް ފޮނުވާބިލެއް ތަޞްދީޤުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށް ނުވަތަ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.


92 ވަނަ މާއްދާ - ބިލު ޤާނޫނަކަށް ވުމާއި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުން

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށްވާނީ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާ ކޮންމެ ބިލެއް، އެ ބިލެއް ތަޞްދީޤުކުރާ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ. އެ ޤާނޫނަކަށް ޢަމަލުކުރާން ފަށާނީ، އެ ޤާނޫނެއް ގެޒެޓްގައި ޝާއިޢުކުރުމަށްފަހު، އެ ޤާނޫނެއްގައިވާ ގޮތުގެމަތީންނެވެ.


93 ވަނަ މާއްދާ - މުޢާހަދާތައް

(ހ) ދިވެހިދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވިޔަސް، ދިވެހިދައުލަތުން ބައިވެރިވާ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 


94 ވަނަ މާއްދާ - ޤާނޫނީ ބާރު ލިބިގެންވާ ޤަވާޢިދު ހެދުމާއި އަމުރުތައް ނެރުމުގެ ބާރު ދިނުން

ކަނޑައެޅޭ ވަކި ކަމެއް ކުރުމަށްޓަކައި، އެކިއެކި އަމުރުތައް ނެރުމާއި ޤަވާޢިދު ހެދުމާއި އެނޫންވެސް ޤާނޫނީ ބާރު އެކުލެވިގެންވާ އަމުރުތައް ނެރުމުގެ ބާރު ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ޤާނޫނެއްގެ ދަށުން ދިނުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. މީގެތެރޭގައި، އަންނަނިވި ކަންތައްތައް ވެސް ހިމެނެއެވެ.


(ހ) ޤާނޫނަކަށް ޢަމަލުކުރާން ފަށާނޭ ނުވަތަ ޢަމަލުކުރުން ހުއްޓައިލާނޭ ތާރީޚެއް ކަނޑައެޅުން.

(ށ) ވަކި ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ހިންގޭނީ ވަކިބައެއްގެ މައްޗަށްކަން ނުވަތަ ވަކި ސަރަޙައްދަކަށްކަން ކަނޑައެޅުން.


95 ވަނަ މާއްދާ -ސުޕްރީމްކޯޓުން ލަފާހޯދުން

ޤާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ޤާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ޤާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ޤާނޫނެއްގެ ޞައްޙަކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެއެވެ. މިފަދަ ކަންކަމަށް ސުޕްރީމްކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކުރުމާއެކު އެ ލަފާ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާންވާނެއެވެ. އެ ލަފާ އޮންނާންވާނީ އިސްތިއުނާފު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ޙުކުމްތަކާ އެއްފަދައިންނެވެ.


96 ވަނަ މާއްދާ - ސުޕްރީމްކޯޓުން ލަފާހޯދުން

(ހ) ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.

(ށ) މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުން ގެންނާން ފެންނަ އުނިއިތުރެއް ގެނެވިދާނެއެވެ. ނުވަތަ އުނިއިތުރެއް ނުގެނެސް ފާސް ކުރެވިދާނެއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުން ހުއްދަލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ޚަރަދު އިތުރުކޮށްގެނެއް ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއްކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ޚަރަދެއް ކުރާންވާނީ އެކަމަކަށް އެކަންޏެވެ.


97 ވަނަ މާއްދާ - ޓެކްސް ނެގުމާއި ޚަރަދުކުރުން

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެމަތީން މެނުވީ ވެރިކަން ހިންގާ ފަރާތުން އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކޮށްގެނެއް ނުވާނެއެވެ.

(ހ) ދައުލަތުގެ މުދަލާއި ފައިސާ ޚަރަދުކުރުމާއި ހޭދަކުރުން.

(ށ) ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނެގުން.

(ނ) ލޯނުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން މުދަލާއި ފައިސާ ހޯދުމާއި ޤަބޫލުކުރުން.

(ރ) ދަރަނި އަދާކުރާނެ ކަމުގެ ޔަޤީންކަން ދައުލަތުގެ ނަމުގައި ދިނުން.


98 ވަނަ މާއްދާ - ވަޒީރުންނާއި ސަރުކާރުގެ މަޤާމްތަކުގައި ތިބޭ މީހުންނާ ސުވާލުކުރުން

(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެ މީހަކާކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެއެވެ.

(ށ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އަދާކުރާ ވާޖިބުތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެ މީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ޙައްޤު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްމެ ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ފަދައިން ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން ކުރާ ސުވާލުތަކާއި އެ ސުވާލުތަކަށް ދޭ ޖަވާބުތައް ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން ކަންތައްތައް ވެސް ޝާއިޢުކުރާ ފަދައިން ޢާންމުކޮށް ޝާއިޢުކުރާން ވާނެއެވެ.


99 ވަނަ މާއްދާ - މީހުން ހާޒިރުކުރުން

ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވެއެވެ.

(ހ) ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުން. މި މާއްދާގައި ބަޔާންވެގެންވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަށްމެ އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުން.

(ނ) މުއައްސަސާތަކުންނާއި މީސްމީހުން ހުށަހަޅާ ޝަކުވާތަކާއި އިލްތިމާސްތަކާއި އެހެނިހެން ހުށަހެޅުންތައް ބަލައިގަތުން.


100 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުން

(ހ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވިދާނެއެވެ.

  1. އިސްލާމްދީނުގެ އަޞްލަކާ ނުވަތަ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން.
  2. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކުރުން.
  3. ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.

(ނ) ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަޙުޤީޤްކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކާ އެ މަޖިލީހުން ޙަވާލުކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަޙުޘް ފެށުމުގެ މަދުވެގެން ސާދަ ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގާންވާނެއެވެ. އަދި އެ ބަޙުޘްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެއެވެ. އަދި ޤާނޫނީ ވަކީލުން ބޭނުންކުރުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެއެވެ.

(ބ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ވަކިކުރުމަށް މި މާއްދާގެ (ށ) ގައިވާގޮތުގެ މަތީން ހުށަހަޅާ ޤަރާރެއް، ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެ މީހަކު މަޤާމުން ވަކިވީއެވެ.

(ޅ) ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގައި ޢަމަލުކުރާންވީ ގޮތްތަކާއި އުޞޫލުތައް ތަފްޞީލްކޮށް އެނގޭނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދުގައި ކަނޑައަޅާންވާނެއެވެ.


101 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު

(ހ) ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަޙުޘް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގާންވާނެއެވެ. އަދި އެ ބަޙުޘްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެންވެއެވެ.

(ނ) ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެނަމައެވެ. 

(ރ) ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަޤާމުން ވަކިވީއެވެ.


102 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށާއި ފަނޑިޔާރުންނަށާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުންނަށާއި މުސްތަޤިއްލު މަޤާމްތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


103 ވަނަ މާއްދާ - ނާޖާއިޒް ފައިދާ ނުވަތަ މަންފާ ނުނެގުން

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ނުވަތަ އެއިން މެންބަރެއްގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭ އެއްވެސް މުވައްޒަފަކު، މަޤާމުގެ ޙައިޘިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މަޢުލޫމާތެއްގެ ނުވަތަ އެއިން މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް ފައިދާއެއް ނުވަތަ ނާޖާއިޒް މަންފާއެއް ޙާޞިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެނެއް ނުވާނެއެވެ.


104 ވަނަ މާއްދާ - އަމީންޢާންމު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ ކަންތައްތައް ހަމަޖައްސައި، ލިޔެކިޔުންތައް ބަލަހައްޓައި، އިދާރީ މަސައްކަތްތައް ރާވައި ހިންގުމަށާއި، މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އެ މީހުންގެ މަސައްކަތުގައި އެހީތެރިވުމަށް މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ އަމީންޢާންމުގެ މަޤާމަށް މީހަކު ޢައްޔަންކުރާންވާނެއެވެ.


105 ވަނަ މާއްދާ - ސަލާމަތީ ކަންކަން ބެލެހެއްޓުން

(ހ) ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެ ގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާންވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުންނެވެ. 

(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރާންވާނެއެވެ.


ހަތަރުވަނަ ބާބު:
ރައީސުލްޖުމްހޫރިއްޔާ
106 ވަނަ މާއްދާ - ވެރިކަން ހިންގުމުގެ ބާރު

(ހ) ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރުތައް ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

(ށ) ދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ދައުލަތް ހިންގުމުގެ އެންމެހައި އުޞޫލުތައް ކަނޑައަޅާނީ މި ޤާނޫނުއަސާސީން ކަމަށް ވީހިނދު، މި ޤާނޫނުއަސާސީ ދަމަހައްޓައި، ދިފާޢުކޮށް، ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުންމަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނާންވާނެއެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓާން މަސައްކަތް ކުރާންވާނެއެވެ.

(ރ) ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގާންވާނީ ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީންނެވެ.


107 ވަނަ މާއްދާ - ރިޔާސަތުގެ ދައުރު

(ހ) ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، މި ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމެއް ނުފުރޭނެއެވެ.

(ށ) ހިނގަމުންދާ ރިޔާސީ ދައުރެއްގައި އެއްވެސް ސަބަބަކާ ހުރެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމް ހުސްވެގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙަވާލު ވެއްޖެ ހިނދެއްގައި، މި މާއްދާގެ (ހ) ގެ ބޭނުމަށް، އެ ދައުރު ރިޔާސީ ދައުރެއްގެ ގޮތުގައި ގުނާނީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙަވާލުވީއިރު، އެ ރިޔާސީ ދައުރުގައި މަދުވެގެން ދެ އަހަރު ދުވަސް ބާކީ އޮތްނަމައެވެ.


108 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް

ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ.


109 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތައް

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

(ށ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

[(ނ) ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.]3ޤާނޫނު 9/2018ގެ 1 ވަނަ މާއްދާއިން 03 ޑިސެމްބަރު 2018 ގައި އިޞްލާޙުކޮށްފައި

(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.

(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާޞްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

25 ޖޫން 2015 އިން 02 ޑިސެމްބަރު 2018ގެ ނިޔަލަށް

...

(ނ) ޢުމުރުން ތިރީސް އަހަރާއި ފަސްދޮޅަސްފަސް އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން

...

މަސްދަރު: ޤާނޫނު 16/2015

07 އޮގަސްޓް 2008 އިން 24 ޖޫން 2015ގެ ނިޔަލަށް

...

(ނ) ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.

...


110 ވަނަ މާއްދާ - އިންތިޚާބު ބޭއްވުން

ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް އިންތިޚާބު ބާއްވާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހެއްގެ މަޤާމުގެ ދައުރު ހަމަވުމުގެ ސަތޭކަ ވިހި ދުވަހާއި ތިރީސް ދުވަހާ ދެމެދުގައެވެ.


111 ވަނަ މާއްދާ - ރިޔާސީ އިންތިޚާބު

(ހ) ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިޚާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެންނެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ އެ އިންތިޚާބު ބޭއްވުނުތާ އެކާވީސް ދުވަހުގެ ތެރޭގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވާން ވާނެއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓުލިބުނު ދެ ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ އެއް ޢަދަދަކަށް ކަމުގައިވާނަމަ، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އެދެ ކެންޑިޑޭޓުން އެކަންޏެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެގިނަ ވޯޓު ލިބުނީ ދެ ކެންޑިޑޭޓަކަށް އެއް އަދަދަކަށް ކަމުގައިވާނަމަ، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ދެވަނައަށް އެންމެގިނަ ވޯޓުލިބުނު ދެ ކެންޑިޑޭޓުންނެވެ.

(ށ) އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު، އެއްވެސް ސަބަބަކާހުރެ އިންތިޚާބުން ވަކިވެއްޖެ ނަމަ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށް އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރެވޭނެއެވެ.

(ނ) ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.


112 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ނައިބު

(ހ) ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ހުންނާންވާނެއެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ ކޮންމެ މީހަކުމެ، އޭނާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭ މީހެއްގެ ނަން ޢާންމުކޮށް އިޢުލާންކުރާންވާނެއެވެ. 

(ނ) ރައީސުލްޖުމްހޫރިއްޔާގެ ނައިބުގައި ހުންނާންޖެހޭ ޝަރުޠުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުޠުތަކެވެ.

(ރ) އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ހުސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.


113 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ ނިންމުން

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނާންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާ މެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ، އެ ކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމްކޯޓަށެވެ. މިފަދަ ނިންމުމެއް ސުޕްރީމްކޯޓުން ނިންމާންވާނީ އެ ކޯޓުގައި ހިމެނޭ ހުރިހައި ފަނޑިޔާރުން ތިބެގެންނެވެ. އަދި އެ ގޮތުން އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.


114 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގެ ހުވައިކުރުން

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ މީހަކު، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ކަނޑައަޅައިފައިވާ މީހަކު، އެ މީހެއްގެ މަޤާމާ ޙަވާލުވުމުގެ ކުރީން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ އެ މީހެއްގެ މަޤާމުގެ ހުވައިކޮށް އެ ހުވައިގެ އިޤްރާރުގައި ސޮއިކުރާންވާނެއެވެ.


115 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް

ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތު ކަމުގައި މި ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުގައްޔާއި ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ތިރީގައި މިވާ ކަންތައްތައްކުރުން ރައީސުލްޖުމްހޫރިއްޔާއާ މި ޤާނޫނުއަސާސީން ޙަވާލުކޮށް، އެ ކަންތައްތައް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި ޤާނޫނުއަސާސީން ދެއެވެ.


(ހ) މި ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުން.

(ށ) ސަރުކާރުގެ އެންމެހައި އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯބެލުން.

(ނ) ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުން.

(ރ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއެކު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކުރުން އިތުރުކުރުވުން.

[(ބ) ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުން. އަދި ކުރު ރާސްތާއަށާއި، މެދު ރާސްތާއަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް، ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަޞައްވުރުތައް އެކަށައެޅުން.]4ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާއިން 20 ނޮވެންބަރު 2024ގައި އިޞްލާޙުކޮށްފައި

(ޅ) ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޤާމުތަކަށް، މީހުން ޢައްޔަންކުރުމާއި، އެ މަޤާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިޢުފާ ޤަބޫލުކުރުން. 

(ކ) ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން.

(އ) ހަނގުރާމަ ނުވަތަ ޞުލްޙަ އިޢުލާންކުރުމުގެ ޤަރާރު ނެރުމާއި އެފަދަ ޤަރާރުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވަގުތުން އެ މަޖިލީހަށް ހުށަހެޅުން.

(ވ) ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކުރުން. 

(މ) ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ޤާއިމްކޮށް ދެމެހެއްޓުން.

(ފ) 1. ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންނުޖެހޭ ބާވަތުގެ ޢާންމު އެއްބަސްވުންތަކުގައި ސޮއިކުރުން.

 2. ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ސޮއިކޮށް، ތަޞްދީޤްކުރުން.


(ދ) ބޭރުޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެމަތީން ޢައްޔަންކުރުން.

(ތ) ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖެއިން ޢައްޔަންކޮށްފައިވާ ސަފީރުން އަނބުރާ ގެނައުމާއި މަޤާމުން ވަކިކުރުން.

(ލ) ބޭރުޤައުމުތަކާއި އެނޫންވެސް ފަރާތްތަކުން ރާއްޖެއަށް ކަނޑައަޅާ ސަފީރުންގެ ފަތްކޮޅު ބަލައިގަތުމާއި އެ ސަފީރުން އަނބުރާ ގެންދިއުމުގެ ލިޔުން ބަލައިގަތުން.

(ގ) އެކިއެކި ތަޙުޤީޤުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އުފައްދާންޖެހޭ ވަގުތީ ކޮމިޝަންތައް އުފެއްދުން.

(ޏ) ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓުނެގުން.

(ސ) ޤައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުން.

(ޑ) އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެމަތީން، އިނާމާއި، ލަޤަބާއި، ޝަރަފާއި، ނިޝާނާއި، މެޑެލް ދިނުން.

(ޒ) ޖިނާއީކުށްތަކުގައި ޙުކުމްކޮށްފައިވާ، އިސްތިއުނާފްކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެތެރެއިން، ވަކިވަކިފަރުދުންގެ ކުށަށް ޤާނޫނުގައިވާ ގޮތުގެމަތީން މަޢާފް ދިނުމާއި، އަދަބު ލުއިކޮށްދިނުން. 

(ޓ) ސަލާމަތީ ޚިދުމަތްތަކަށް މި ޤާނޫނުއަސާސީން ޢަމަލުކުރުން ލާޒިމުކުރާ އުޞޫލުތަކަށް ސަލާމަތީ ޚިދުމަތްތަކުން ތަބާވާކަން ކަށަވަރުކުރުން.

(ޔ) ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު އަދާކުރާންޖެހޭ ކަމަށް މި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.

07 އޮގަސްޓް 2008 އިން ފެށިގެން 19 ނޮވެންބަރު 2024ގެ ނިޔަލަށް

ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތު ކަމުގައި މި ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުގައްޔާއި ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ތިރީގައި މިވާ ކަންތައްތައްކުރުން ރައީސުލްޖުމްހޫރިއްޔާއާ މި ޤާނޫނުއަސާސީން ޙަވާލުކޮށް، އެ ކަންތައްތައް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި ޤާނޫނުއަސާސީން ދެއެވެ.


(ހ) މި ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުން.

(ށ) ސަރުކާރުގެ އެންމެހައި އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯބެލުން.

(ނ) ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުން.

(ރ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއެކު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކުރުން އިތުރުކުރުވުން.

(ބ) ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުން.

(ޅ) ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޤާމުތަކަށް، މީހުން ޢައްޔަންކުރުމާއި، އެ މަޤާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިޢުފާ ޤަބޫލުކުރުން. 

(ކ) ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން.

(އ) ހަނގުރާމަ ނުވަތަ ޞުލްޙަ އިޢުލާންކުރުމުގެ ޤަރާރު ނެރުމާއި އެފަދަ ޤަރާރުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވަގުތުން އެ މަޖިލީހަށް ހުށަހެޅުން.

(ވ) ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކުރުން. 

(މ) ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ޤާއިމްކޮށް ދެމެހެއްޓުން.

(ފ) 1. ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންނުޖެހޭ ބާވަތުގެ ޢާންމު އެއްބަސްވުންތަކުގައި ސޮއިކުރުން.

 2. ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ސޮއިކޮށް، ތަޞްދީޤްކުރުން.


(ދ) ބޭރުޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެމަތީން ޢައްޔަންކުރުން.

(ތ) ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖެއިން ޢައްޔަންކޮށްފައިވާ ސަފީރުން އަނބުރާ ގެނައުމާއި މަޤާމުން ވަކިކުރުން.

(ލ) ބޭރުޤައުމުތަކާއި އެނޫންވެސް ފަރާތްތަކުން ރާއްޖެއަށް ކަނޑައަޅާ ސަފީރުންގެ ފަތްކޮޅު ބަލައިގަތުމާއި އެ ސަފީރުން އަނބުރާ ގެންދިއުމުގެ ލިޔުން ބަލައިގަތުން.

(ގ) އެކިއެކި ތަޙުޤީޤުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އުފައްދާންޖެހޭ ވަގުތީ ކޮމިޝަންތައް އުފެއްދުން.

(ޏ) ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓުނެގުން.

(ސ) ޤައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުން.

(ޑ) އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެމަތީން، އިނާމާއި، ލަޤަބާއި، ޝަރަފާއި، ނިޝާނާއި، މެޑެލް ދިނުން.

(ޒ) ޖިނާއީކުށްތަކުގައި ޙުކުމްކޮށްފައިވާ، އިސްތިއުނާފްކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެތެރެއިން، ވަކިވަކިފަރުދުންގެ ކުށަށް ޤާނޫނުގައިވާ ގޮތުގެމަތީން މަޢާފް ދިނުމާއި، އަދަބު ލުއިކޮށްދިނުން. 

(ޓ) ސަލާމަތީ ޚިދުމަތްތަކަށް މި ޤާނޫނުއަސާސީން ޢަމަލުކުރުން ލާޒިމުކުރާ އުޞޫލުތަކަށް ސަލާމަތީ ޚިދުމަތްތަކުން ތަބާވާކަން ކަށަވަރުކުރުން.

(ޔ) ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު އަދާކުރާންޖެހޭ ކަމަށް މި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.


116 ވަނަ މާއްދާ - ސަރުކާރުގެ ވުޒާރާތައް

(ހ) ސަރުކާރުން އުފައްދާން ބޭނުންވާ އެންމެހައި ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އަދި ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅައިފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ޚިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެއެވެ.


117 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތައް

(ހ) ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރާން ވާނެއެވެ.

(ށ) އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. 


118 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


119 ވަނަ މާއްދާ - ކޮށްގެން ނުވާނޭ ކަންތައްތައް

(ހ) ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހަކު ސަރުކާރުގެ އެހެން މަޤާމެއް، އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަޤާމެއް ފުރައިގެނެއް ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތްތަކެއްގައި ޝާމިލުވެ، އާމްދާނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ. ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެނެއް ނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހެއްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހެއްގެ މާލީ އެއްވެސް މަޞްލަޙަތެއް ބާއްވައިގެނެއް ނުވާނެއެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ ނުވަތަ ވަޒީފާދީފައިވާ މީހަކު އެ މީހެއްގެ މަޤާމް، ނުވަތަ މަޤާމުގެ ޙައިޘިއްޔަތުން ލިބޭ މަޢުލޫމާތު، ނާޖާއިޒު ގޮތެއްގައި އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް ވިޔަސް ބޭނުންކޮށްގެނެއް ނުވާނެއެވެ.


120 ވަނަ މާއްދާ - މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން

ކޮންމެ އަހަރަކުމެ، ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ.


121 ވަނަ މާއްދާ - އިސްތިޢުފާދިނުން

(ހ) ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައި، އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމުން ވަކިވީއެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޭނާގެ މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ މަޤާމުން ވަކިވީއެވެ.


122 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު ހުސްވުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުވެގެން، ނުވަތަ އިސްތިޢުފާދީގެން ނުވަތަ މަޤާމުން ދުރުކޮށްގެން ނުވަތަ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އޭނާއަށް އަދާނުކުރެވޭ ފަދަ ދާއިމީ ޙާލަތެއް މެދުވެރިވެގެން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމް ހުސްވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މުއްދަތުގެ ބާކީ އޮތް ދުވަސްތަކުގައި އެ މަޤާމް ފުރާނޭ މީހަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާންވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.


123 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވުން

(ހ) ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން އަދާ ނުކުރެވޭފަދަ ޢުޛުރެއް ދިމާވާ ވަގުތު އެ ޢުޛުރުގެ ބާވަތުން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެން ނެތް ހިނދެއްގައި، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގާނީ ވަޒީރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ތާއީދާއެކު، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމާ އަލުން ޙަވާލުވެވެންދެން، އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ.


124 ވަނަ މާއްދާ

ވާޖިބުތައް އަދާ ނުކުރެވޭ ފަދަ ޙާލަތެއް ވަގުތީގޮތުން މެދުވެރިވުން

(ހ) ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާނުކުރެވޭ ފަދަ ޙާލަތެއް ވަގުތީގޮތުން މެދުވެރިވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަސައްކަތާ އަލުން ޙަވާލުވެވެންދެން ވަގުތީގޮތުން އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ޙަވާލުވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެކެވެ.


ވާޖިބުތައް އަދާ ނުކުރެވޭ ފަދަ ޙާލަތެއް ދާއިމީގޮތުން މެދުވެރިވުން:

(ށ) ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ ވާޖިބުތައް އަދާކުރާން ހުރަސްއެޅޭފަދަ ދާއިމީ ޙާލަތެއް ކުރިމަތިވެގެން ނުވަތަ މަޤާމުން އިސްތިޢުފާދީގެން ނުވަތަ މަޤާމުން ދުރުކުރުމުގެ ސަބަބުން ނުވަތަ މަރުވެގެން އެ ދެމަޤާމް އެއްފަހަރާ ހުސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް އަލުން މީހުން އިންތިޚާބުކުރެވެންދެން އެ ދެމަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެކެވެ.


ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވާ މީހެއްގެ ޝަރުޠު

(ނ) ވަގުތީގޮތުންވިޔަސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނާންވާނޭކަމަށް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކަށެވެ.


125 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމް ހުސްވުމާ ގުޅިގެން އާ ރިޔާސީ އިންތިޚާބެއް ބޭއްވުން

(ހ) މި ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައިވާ ފަދަ އެއްވެސް ޙާލަތެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމް އެއްފަހަރާ ހުސްވެއްޖެނަމަ، އެ ދެމަޤާމް ހުސްވި ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވައި، އެ ދެމަޤާމަށް މީހުން ހަމަޖައްސާންވާނެއެވެ.

(ށ) ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުކުރާ ދެމީހުންނަށްމެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުނުވެވޭ ފަދަ ދާއިމީ ޙާލަތެއް އެއްވެސް ސަބަބަކާހުރެ މެދުވެރިވެއްޖެނަމަ، އެ ޙާލަތު މެދުވެރިވާ ދުވަހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވައި، އެ ދެމަޤާމަށް މީހުން ހަމަޖައްސާން ވާނެއެވެ.

(ނ) އެއްވެސް ސަބަބެއް މެދުވެރިވެގެން ހިނގަމުންދާ ރިޔާސީ ދައުރެއްގެ ތެރޭގައި އަލުން ރިޔާސީ އިންތިޚާބެއް ބާއްވާންޖެހިގެން އިންތިޚާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އަލުން އިންތިޚާބުވި މީހުން މަޤާމުގައި ދެމިތިބޭނީ ބުނެވިދިޔަ ރިޔާސީ ދައުރުގެ ބާކީ އޮންނަ މުއްދަތަށެވެ. އަދި މި ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ ބޭނުމަށް އެމީހުންނާމެދު ޢަމަލު ކުރާނީ އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.


126 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމް ވަގުތީގޮތުން އަދާކުރާ މީހުން ހުވައިކުރުން

ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާ ކޮންމެ މީހަކުމެ، މަޤާމާ ޙަވާލުވުމުގެކުރީން އުއްތަމަފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ އެމީހެއްގެ މަޤާމުގެ ހުވައިކޮށް އެ ހުވައިގެ އިޤްރާރުގައި ސޮއިކުރާންވާނެއެވެ. 


127 ވަނަ މާއްދާ - ކުށުގެ ޒިންމާ އުފުލުން

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގައި ހުރެގެން ނުވަތަ އޭގެ ކުރީން ނަމަވެސް ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތު އޭނާއާ މެދު ކުރެވިއްޖެނަމަ، އެކަމަކަށް އޭނާ ޖަވާބުދާރީވާން ވާނެއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އާ މެދު އެފަދަ ދަޢުވާއެއް ކުރާން ޖެހިއްޖެ ޙާލަތެއްގައި، ހިނގަމުންދާ ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރު ހަމަވާންދެން އެދަޢުވާއެއް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަނަމަ، އެކަން ބަޔާންކޮށް އެމަޖިލީހުން ފާސްކުރާ ޤަރާރަކުން އެ ދަޢުވާއެއް ކުރުން ފަސްކުރެވިދާނެއެވެ.


128 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތް

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހަކު، ކުށްވެރިނުވެ ޤާނޫނީ ހަމަތަކުގެ މަތީން އެ މަޤާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިއްޒަތާއި ޤަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި މާލީ ޢިނާޔަތާއި އެހެނިހެން ޢިނާޔަތްތައް އެ މީހަކަށް ޙައްޤުވާނެއެވެ. މިގޮތުން ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ޤާނޫނުގައި ބަޔާންކުރާންވާނެއެވެ.


ފަސްވަނަ ބާބު:
ވަޒީރުންގެ މަޖިލިސް
129 ވަނަ މާއްދާ - ވަޒީރުންގެ މަޖިލިސް

(ހ) ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތައްތަކާއި މި ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނާންވާނެއެވެ.

(ށ) ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވަޒީރުންނާއި، ބަންޑާރަނައިބުގެ މައްޗަށެވެ.

(ނ) ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެމަޖިލީހުގެ ރުހުން ހޯދާންވާނެއެވެ. 

(ރ) ވަޒީރުންގެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން ޢައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ. 


130 ވަނަ މާއްދާ - ވަޒީރުންގައި ހުރުން ލާޒިމް ޝަރުޠުތައް

(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރުންގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. 

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށްނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  4. ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން. 
  5. ބުއްދިހަމައަށްހުރި މީހަކު ކަމުގައިވުން.

(ށ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.

  1. ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން. 
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރުނުވާ މީހަކު ކަމުގައިވުން.

131 ވަނަ މާއްދާ - ހުވައިކުރުން

ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެ މީހުންގެ މަޤާމާ ޙަވާލުވާންވާނީ އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި، މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއިކުރުމަށްފަހުގައެވެ.


132 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް

ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ ޤާނޫނުއަސާސީ އާއި ޤާނޫނަށް ތަބާވެ، ރައީސުލްޖުމްހޫރިއްޔާ އެ މީހަކާ ޙަވާލުކުރާ އެންމެހައި މަސްއޫލިއްޔަތުތައް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު އަދާކުރާންވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އެހީތެރިވެދިނުމާއި، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރު ހިންގުމުގެ ހުރިހައި ދާއިރާތަކެއްގައި ވެސް އެ ސިޔާސަތުތައް ތަންފީޛުކޮށް، ހިނގާނުހިނގާގޮތް ބެލުން.

(ށ) ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ސަރުކާރުން ހުށަހަޅާންވީ ބިލުތަކާއި އެނޫންވެސް ހުށަހެޅުންތައް ތައްޔާރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފަޔާއި މަޝްވަރާދިނުން.

(ނ) ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި، އެ މަސައްކަތްތައް މުރާޖަޢާކުރުމާއި، ވިލަރެސްކުރުން.

(ރ) އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާ ގުޅޭ ގޮތުން، އޮމާންކަމާއެކު ކަންތައްތައް ހިންގުމަށް ސަރުކާރާއި ދައުލަތުގެ އެހެން ބާރުތަކާ މެދު ބާއްވާންޖެހޭ ގުޅުންތައް ބާއްވައި އެ ގުޅުންތައް ދެމެހެއްޓުން.

(ބ) އެ މީހެއްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ދައުލަތުގެ އެންމެހައި މުދަލާއި ފައިސާ ހެޔޮގޮތުގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

(ޅ) ޤައުމީ އަދި ބައިނަލްއަޤްވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ކުރާންޖެހޭ ކަންކަން މުރާޖަޢާކޮށް ވިލަރެސްކުރުން.

(ކ) ޤާނޫނުގެ ވެރިކަން ޙިމާޔަތްކޮށް ކުރިއެރުވުމާއި، ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރި ކުރުމަށް މަސައްކަތްކުރުން.

(އ) ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން. 


133 ވަނަ މާއްދާ - ބަންޑާރަނައިބު

(ހ) ރައީސުލްޖުމްހޫރިއްޔާ އިސްކުރާ ބަންޑާރަނައިބަކު ހުންނާންވާނެއެވެ. ބަންޑާރަނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރާ މީހަކީ ޤާނޫނުގެ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ތަޢުލީމާއި ތަޖްރިބާހުރި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރުމުގެ ޝަރުޠު ހަމަވާ މީހަކުކަމުގައި ވާންވާނެއެވެ. ބަންޑާރަނައިބަކީ ސަރުކާރަށް ޤާނޫނީ ލަފަޔާއި މަޝްވަރާދޭ މީހާއެވެ. 

(ށ) ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ބަންޑާރަނައިބުގެ އޮފީހުން އަދާ ކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި ޤާނޫނުއަސާސީންނާއި ޤާނޫނުން އޭނާ އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަކީ ބަންޑާރަނައިބުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

(ނ) ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޒިރުވެ ވާހަކަދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވެއެވެ. އަދި މި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލް ގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހެކެވެ.

(ރ) މަދަނީ މައްސަލަތަކުގެ ތެރެއިން ސަރުކާރު ޝާމިލްނުވާ މައްސަލަތަކުގައި ވެސް، ދައުލަތުގެ މަޞްލަޙަތެއް ނުވަތަ ޢާންމު މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު، އެ މައްސަލައެއް ހިނގާއިރު ބަންޑާރަނައިބަށް ކޯޓަށް ހާޒިރުވެ ވާހަކަދެއްކިދާނެއެވެ

(ބ) ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް ބަންޑާރަނައިބު މަސައްކަތްކުރާން ވާނެއެވެ.

(ޅ) ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ޤާނޫނުއަސާސީއަށާއި ޤާނޫނަށެވެ. އެއިންކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަކަށް ނުހިންގޭނެއެވެ.

(ކ) ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގުމުގެ ބާރު ބަންޑާރަނައިބަށް ލިބިގެންވެއެވެ.


134 ވަނަ މާއްދާ - ވަޒީރުންގެ މަޖިލިސް ޖަވާބުދާރީވުން

(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމުގައި ވަކިވަކި މެންބަރުންނާއި މުޅި ވަޒީރުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރަށް، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެއެވެ.

(ށ) ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، އެ މީހެއްގެ އިޚްތިޞާޞްގައިވާ އެންމެހައި ކަންތައްތަކާ ގުޅޭގޮތުން، ޞައްޙަ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަމުން ގެންދާންވާނެއެވެ. އަދި އެ މެންބަރެއްގެ އިޚްތިޞާޞްގައިވާ އެންމެހައި ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ މަޢުލޫމާތެއް އެ މަޖިލީހަށް ދޭންވާނެއެވެ.


135 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


136 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެންނުވާނޭ ކަންތައްތައް

(ހ) ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން މަޤާމެއް، އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަޤާމެއް ފުރައިގެނެއް ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ. ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެނެއް ނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަޞްލަޙަތެއް ބާއްވައިގެނެއް ނުވާނެއެވެ.

(ށ) ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، މަޤާމުގެ ޙައިޘިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މަޢުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ޙާޞިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެނެއް ނުވާނެއެވެ.


137 ވަނަ މާއްދާ - މަޤާމުން ވަކިކުރުން

(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު، މަޤާމުން ވަކިކުރާން ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އެކަން ބަޔާންކޮށް އެ މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ލިއުމަކުން، އެ މެންބަރަކު މަޤާމުން ވަކިކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ނުވެއެވެ. 


138 ވަނަ މާއްދާ - މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން

ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ.


139 ވަނަ މާއްދާ - މަޤާމުން އިސްތިޢުފާ ދިނުން

ވަޒީރުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މަޤާމުން ވަކިވީއެވެ.


140 ވަނަ މާއްދާ - ސަރުކާރުގެ ކޮންމެ އިދާރާއަކާ މަސްއޫލުވާނޭ ވަޒީރަކު ހުރުން

މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނާންވާނެއެވެ. ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އެ މެންބަރަކާ ޙަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެއެވެ.


ހަވަނަ ބާބު:
ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރު
141 ވަނަ މާއްދާ - ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު

(ހ) ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓު ތަކަށެވެ.

(ށ) ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމްކޯޓެވެ. ސުޕްރީމްކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. ސުޕްރީމްކޯޓުން ބަލާ ކޮންމެ މައްސަލައެއް ނިންމާންވާނީ އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ.

(ނ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެނެއް ނުވާނެއެވެ.

(ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެއެވެ.


142 ވަނަ މާއްދާ - ޤާނޫނާ އެއްގޮތަށް ކަންކުރުން

ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ.


143 ވަނަ މާއްދާ - ކޯޓުތަކުގެ އިޚްތިޞާޞް

(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށެވެ.

(ށ) ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ޤާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ޤާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތަޢާރުޟްވާކަމެއް ނޫނެވެ.

(ނ) ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވެއެވެ.

(ރ) މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ.


144 ވަނަ މާއްދާ - ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު

ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޮންމެ ކޯޓަކަށްމެ، އަންނަނިވި ކަންތައްތަކުގެތެރެއިން އެ ކޯޓެއްގެ އިޚްތިޞާޞްގެތެރޭގައި ހިމެނޭ ކަންތައްތައް ކުރުމުގެ ބާރު އެ ކޯޓަކަށް ލިބިގެންވެއެވެ.

(ހ) ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރު އެއީ ބާޠިލް އެއްޗެއް ނުވަތަ ބާޠިލް ކަމެއް ކަމުގައި ކަނޑައެޅުން.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ނިންމުމަކާ ގުޅިގެން ޢަދުލުވެރި އެހެނިހެން އަމުރުތައް ނެރުން. މީގެތެރޭގައި އަންނަނިވި ކަންތައްތައް ވެސް ހިމެނެއެވެ.

  1. ޤާނޫނުއަސާސީއާ ތަޢާރުޟްވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ސަބަބުން ނުވަތަ ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާ ކަމެއްގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ޢަދުލުވެރި އިންޞާފުވެރި ބަދަލު ލިބިދިނުމަށްޓަކައި އަމުރުތައް ނެރުން.
  2. ޤާނޫނުއަސާސީއާ ތަޢާރުޟްވާ ކަމަށް ކޯޓުން ނިންމައިފައިވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ކޯޓުން ނިންމައިފައިވާ ކަމެއް އިސްލާޙުކުރާންޖެހޭ އިދާރާއަކުން އެކަންކުރުމަށް ފުރުޞަތު ދިނުމަށްޓަކައި ކޯޓުން ކަނޑައަޅާ ޝަރުޠުތަކެއްގެމަތީން ވަކި މުއްދަތަކަށް ކޯޓުގެ އެ ނިންމުމަށް ޢަމަލުކުރުން ލަސްކުރުމުގެ އަމުރެއް ނެރުން.

(ނ) ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރުނު އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރި ކަމެއް ނުވަތަ ނިންމި ނިންމުމެއް ބާޠިލްކަމަށް ނިންމައިފައިވާ ނިންމުމެއްގެ ސަބަބުން އޭގެ ކުރީން ހިނގައިފައިވާ އެއްވެސް ކަމެއް ބާޠިލް ނުވާނެކަމުގައި ކަނޑައެޅުން.


145 ވަނަ މާއްދާ - ސުޕްރީމްކޯޓު

(ހ) ސުޕްރީމްކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއި ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ ޢަދަދު ވާންވާނީ އޮނަހިރި ޢަދަދަކަށެވެ. 

(ށ) ސުޕްރީމްކޯޓުން މައްސަލަތައް ބަލައި ނިންމާންވާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.

(ނ) ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުމެވެ.


146 ވަނަ މާއްދާ - ހައިކޯޓު

(ހ) ހައިކޯޓު އެކުލެވިގެންވާނީ ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ.

(ށ) ހައިކޯޓުން މައްސަލަތައް ބަލައި ނިންމާންވާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.


147 ވަނަ މާއްދާ - އުއްތަމަފަނޑިޔާރު ޢައްޔަންކުރުން

ދިވެހިރާއްޖޭގައި އުއްތަމަފަނޑިޔާރަކު ހުންނާންވާނެއެވެ. އުއްތަމަފަނޑިޔާރުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.


148 ވަނަ މާއްދާ - ފަނޑިޔާރުން ޢައްޔަންކުރުން

(ހ) ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުން ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.

(ށ) ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެނިހެން ފަނޑިޔާރުން ޢައްޔަންކުރާނީ މި ޤާނޫނުއަސާސީ ގައިވާ ގޮތުގެމަތީން އުފައްދާ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.

(ނ) ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ޢައްޔަންކުރެވޭ ބައެއް ނޫނެވެ. ނަމަވެސް ފަނޑިޔާރެއްގެ ޢުމުރުން ހަތްދިހަ އަހަރު ވުމުން އެ މީހަކު މަޤާމުން މުސްކުޅިކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެންއޮތުމަކުން، ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާ ތާރީޚުންފެށިގެން ފަނަރަ އަހަރުވާންދެން، ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތެއް ކަނޑައަޅައި ފަނޑިޔާރަކު ޢައްޔަންކުރުމަކަށް ހުރަހެއް ނާޅައެވެ.


149 ވަނަ މާއްދާ - ފަނޑިޔާރުންގައި ހުރުން ލާޒިމް ޝަރުޠުތައް

(ހ) ޤާނޫނުގައިވާ ގޮތުގެމަތީން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާންވާނީ ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލް މީހުންނެވެ. އަދި އެބައިމީހުންނަކީ، އަޚްލާޤު ރަނގަޅު ބަޔަކަށް ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން ފަނޑިޔާރުންގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. 

  1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  2. ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން. 
  3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  4. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ނ) ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރާ ކޮންމެ މީހަކީ ޢުމުރުން ތިރީސް އަހަރު ވެފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަންކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ހަތްއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު އިސްލާމީޝަރީޢަތް ނުވަތަ ޤާނޫނީ ދާއިރާއިން ޢިލްމު ލިބިފައިވާ މީހަކުކަމުގައި ވާންވާނެއެވެ.

(ރ) ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.


150 ވަނަ މާއްދާ - ފަނޑިޔާރުންގެ ހުވައިކުރުން

ކޮންމެ ފަނޑިޔާރަކުމެ މަޤާމާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ފަނޑިޔާރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ. 


151 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިތިބުން

ކޮންމެ ފަނޑިޔާރަކީ ވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހައި ވަގުތެއް ތަޚްޞީޞްކުރާ މީހަކަށް ވާންވާނެއެވެ. ފަނޑިޔާރަކު އިތުރު އެހެން މަސައްކަތެއް ކުރާންވާނީ ފަނޑިޔާރުންނާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ.


152 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންވާފަދަ މުސާރައާއި ޢިނާޔަތްތައް ފަނޑިޔާރުންނަށް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


153 ވަނަ މާއްދާ - މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން

ކޮންމެ ފަނޑިޔާރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާންވާނެއެވެ. 


154 ވަނަ މާއްދަ - ފަނޑިޔާރުން މަޤާމުގައި ދެމިތިބުމާއި، މަޤާމުން ވަކިކުރުން

(ހ) ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުޞޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަޤާމުން ވަކިކޮށްގެނެއް ނުވާނެއެވެ.

(ށ) ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލްނޫންކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.


155 ވަނަ މާއްދާ - ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅުމާއި، ކޯޓުތައް ހިންގުމާބެހޭ ޤާނޫނުތައް ހެދުމުގެ ބާރު

ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޤާނޫނުތަކާއި، ކޯޓުތައް ހިންގުމުގެ ޤާނޫނުތަކާއި، ޝަރީޢަތްކުރުމާބެހޭ އިޖުރާއާތުގެ ޤާނޫނުތައް ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.


156 ވަނަ މާއްދާ - ކޯޓުތައް ހިންގުން

ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީހިންގުމާބެހޭ ޤަވާޢިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެކެވެ.


ހަތްވަނަ ބާބު:
މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް

ޖުޑީޝަލް ސަރވިސް ކޮމިޝަން

157 ވަނަ މާއްދާ - ޖުޑީޝަލް ސަރވިސް ކޮމިޝަން

(ހ) ދިވެހިރާއްޖޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނެއް އޮންނާންވާނެއެވެ.

(ށ) ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ. ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މީހުނާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞް ހިނގާނެއެވެ.

(ނ) ޖުޑީޝަލް ސަރވިސް ކޮމިޝަން ހިންގާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ޤާނޫނުގައި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިޝަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ޝަރުޠުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.


158 ވަނަ މާއްދާ - ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ:

(ހ) ރައްޔިތުންގެ މަޖިލީހުގެ ރައީސް.

(ށ) ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު.

(ނ) ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު.

(ރ) ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު.

(ބ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު.

(ޅ) ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު.

(ކ) ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް.

(އ) ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު.

(ވ) ބަންޑާރަނައިބު.

(މ) ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު.


159 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް

އަންނަނިވި މަސްއޫލިއްޔަތުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނާ ޙަވާލު ކުރެވިގެންވެއެވެ. އަދި އެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.

(ހ) އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުން.

(ށ) ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުން.

(ނ) ތިރީގައި ބަޔާންވެގެންވާ ކަންތައްތަކާބެހޭ ޤަވާޢިދުތައް ހެދުން:

  1. ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާ ގުޅޭ އެންމެހައި ކަންކަން.
  2. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު. 
  3. ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި ހަމަޖައްސާންޖެހޭ ކަންތައްތައް.

(ރ) ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުން. 

(ބ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް މި ޤާނޫނުއަސާސީ އާއި ޤާނޫނުން ކޮމިޝަނާ ޙަވާލުކުރެވޭ އެންމެހައި ކަންކަން.


160 ވަނަ މާއްދާ - ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވައިލުން

މި ބާބުގައި ބަޔާންވެގެންވާ ގޮތުގެމަތީން ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވައިލުމުގެ މަސައްކަތްކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. 


161 ވަނަ މާއްދާ - ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހަކު އެ މަޤާމުގައި ހުންނާނީ ތިރީގައި ބަޔާންވެގެންވާ މުއްދަތަށެވެ.

(ހ) މި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ)، (އ) އަދި (މ) ގެ ދަށުން ޢައްޔަންކުރެވޭ މީހަކު ނަމަ، ކޮމިޝަނުގައި އޭނާ އަށް ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ. އަދި އެ ދައުރު ހަމަވުމުން، އެ މީހަކު އަލުން އެ ކޮމިޝަނަކަށް ޢައްޔަނެއް ނުކުރެވޭނެއެވެ.

(ށ) މި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ)، (ކ) އަދި (ވ) ގެ ދަށުން، ވަކި މަޤާމެއްގެ ޙައިޘިއްޔަތުން ކޮމިޝަނުގައި ހިމެނޭ މީހަކު ނަމަ، އޭނާއަށް ކޮމިޝަނުގައި ހުރެވޭނީ އެ މަޤާމެއްގައި އޭނާ ދެމިހުރިހައި ދުވަހަކުއެވެ.


162 ވަނަ މާއްދާ - ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާދިނުން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރަކު މެންބަރުކަމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ. އެހެންނަމަވެސް މި މާއްދާގެ ދަށުން މެންބަރުކަމުން އިސްތިޢުފާދެވޭނީ މި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ)،(ކ) އަދި (ވ) ގައި ބުނެފައިވާ މަޤާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށެވެ.


163 ވަނަ މާއްދާ - ޤާނޫނީ ޢަދަދާއި ވޯޓުދިނުން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިޝަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.


164 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢައްޔަންކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ ނުވަތަ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަޤިއްލު ކޮމިޝަނެއްގެ މެންބަރުކަމުގެ މަޤާމެއްގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން މުސާރައާއި ޢިނާޔަތްތައް ދެވިދާނެއެވެ.


165 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

މި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ)، (އ) އަދި (މ) ގައިވާ ގޮތުގެމަތީން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢައްޔަންކުރެވޭ މީހުން އެ މަޤާމުން ވަކިކުރާނީ އެ މީހަކު އެ ކޮމިޝަނަށް ޢައްޔަންކުރި ފަރާތަކުންނެވެ. އަދި މި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ)، (ކ) އަދި (ވ) ގައިވާ ގޮތުގެމަތީން، ވަކި މަޤާމެއްގެ ޙައިޘިއްޔަތުން ޢައްޔަންކުރެވިފައިވާ މީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިވާނީ އެ މީހަކު އެ މަޤާމަކުން ވަކިވުމުންނެވެ.


166 ވަނަ މާއްދާ - ހުވައިކުރުން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ ކޮންމެ މެންބަރަކުމެ އެ މަޤާމާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއިކުރާންވާނެއެވެ. 


އިލެކްޝަންސް ކޮމިޝަން

167 ވަނަ މާއްދަ - އިލެކްޝަންސް ކޮމިޝަން

(ހ) ދިވެހިރާއްޖޭގައި އިލެކްޝަންސް ކޮމިޝަނެއް އޮންނާންވާނެއެވެ.

(ށ) އިލެކްޝަންސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ.

(ނ) އިލެކްޝަންސް ކޮމިޝަން ހިންގާނީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ޤާނޫނުގައި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިޝަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ޝަރުޠުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.


168 ވަނަ މާއްދަ - އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ޢަދަދާއި، މެންބަރުކަމަށް ޢައްޔަންކުރުން

(ހ) އިލެކްޝަންސް ކޮމިޝަނުގައި، ކޮމިޝަނުގެ ރައީސާއެކު މަދުވެގެން ފަސް މެންބަރުން ތިބޭންވާނެއެވެ. 

(ށ) އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ، ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަޤާމަށް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


169 ވަނަ މާއްދަ - މެންބަރުކަމުގެ ޝަރުޠު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާންވާނީ، އެ ކޮމިޝަނުގެ މަސައްކަތްތައް ކުރެވޭވަރުގެ ތަޢުލީމާއި ޤާބިލްކަން ހުރި މީހުންނެވެ. އަދި އެ މެންބަރުންނަކީ، އެ ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ.


170 ވަނަ މާއްދަ - މަސްއޫލިއްޔަތުތަކާއި ބާރުތައް

އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރާންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހި ކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން.

(ށ) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނާންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭގޮތުން ހަމަޖައްސާންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.

(ނ) ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމާއި އެ ވޯޓުތަކުގެ ނަތީޖާ އިޢުލާންކުރުން. 

(ރ) އިންތިޚާބީ ދާއިރާތަކުގައި ތިބި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވައިލައި، ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތަށް އެ ރަޖިސްޓަރީތަކަށް ގެންނާންޖެހޭ އުނިއިތުރުގެނެސް ޤާނޫނުގައިވާ ގޮތުގެމަތީން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިޔުން.

(ބ) ޤާނޫނުގައި ކަނޑައަޅާ އުޞޫލުތަކެއްގެ މަތީން ކޮންމެ އިންތިޚާބެއްގެ ކުރީން އިންތިޚާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެ ކަންކަމަށް ބަދަލުގެނެސް، މުރާޖަޢާކުރަމުން ގެންދިއުން. އަދި މި ކަންކަމަށް ގެނެވޭ ބަދަލުތައް ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިއުން.

(ޅ) ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރާންޖެހޭކަމަށް ޤާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުން.

(ކ) އިންތިޚާބުގެ ކަންތައްތައް ހިނގާނޭ ގޮތާއި، އިންތިޚާބުގެ މަޤްޞަދާ ގުޅޭގޮތުން މަޢުލޫމާތުދީ، ރައްޔިތުން ހޭލުންތެރިކުރުވުން. 

(އ) މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް އިލެކްޝަންސް ކޮމިޝަނުން ކުރުމަށް ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާ ކޮންމެ ކަމެއް ކުރުން.


171 ވަނަ މާއްދަ - ވޯޓުނެގުމާއި ގުނުން

(ހ) އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ނަގާނީ ސިއްރު ވޯޓެވެ.

(ށ) ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، އިލެކްޝަންސް ކޮމިޝަނުން އެ މަރުކަޒެއް ޙަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތިބިނަމަ، އެ ބައެއްގެ ހާޒިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނޫނު ހުއްދަކުރާ އެނޫންވެސް ބައެއްގެ ހާޒިރުގައި އެ މަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ ޢަދަދު ނުވަތަ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ ޢަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އިޢުލާންކުރާންވާނެއެވެ. 


172 ވަނަ މާއްދަ - އިންތިޚާބާބެހޭ ޝަކުވާ

(ހ) ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިނގައިފައިވާ ކަމަށް އެ ފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނޭ ގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅައިފައި އޮންނާންވާނެއެވެ.


173 ވަނަ މާއްދަ - އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.


174 ވަނަ މާއްދަ - އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާދިނުން

އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު މެންބަރުކަމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


175 ވަނަ މާއްދަ - ޤާނޫނީ ޢަދަދާއި ވޯޓުދިނުން

އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިޝަނުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.


176 ވަނަ މާއްދަ - މުސާރައާއި ޢިނާޔަތްތައް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


177 ވަނަ މާއްދަ - މެންބަރުކަމުން ވަކިކުރުން

އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު އެ މަޤާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ޙާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.


(ހ) އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމު އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމު އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


178 ވަނަ މާއްދަ - ހުވައިކުރުން

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ ކޮންމެ މީހަކުމެ އެ މަޤާމާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ.


ސިވިލް ސަރވިސް ކޮމިޝަން

179 ވަނަ މާއްދާ - ސިވިލް ސަރވިސް ކޮމިޝަން

(ހ) ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ކޮމިޝަނެއް އޮންނާންވާނެއެވެ.

(ށ) ސިވިލް ސަރވިސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ކުރާންވާނީ ނަތީޖާ ނެރެވޭ، އެކަށީގެންވާ ހަލުވިމިނެއްގައި މަސައްކަތްކުރާ އަދި ފަންނީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް އޭގެ އެންމެ މަތީ ދަރަޖައެއްގައި ހިފަހައްޓާ ސިވިލް ސަރވިސްއެއް ދެމެހެއްޓުމަށެވެ.

(ނ) ސިވިލް ސަރވިސް ކޮމިޝަން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ޤާނޫނުގައި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިޝަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ޝަރުޠުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.


180 ވަނަ މާއްދާ - ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ޢަދަދާއި، މެންބަރުކަމަށް ޢައްޔަންކުރުން

(ހ) ސިވިލް ސަރވިސް ކޮމިޝަނުގައި ކޮމިޝަނުގެ ރައީސާއެކު، މަދުވެގެން ފަސް މެންބަރުން ތިބޭންވާނެއެވެ. 

(ށ) ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަޤާމަށް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


181 ވަނަ މާއްދާ - މެންބަރުކަމުގެ ޝަރުޠު

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާންވާނީ، އެ ކޮމިޝަނުގެ މަސައްކަތްތައް ކުރެވޭވަރުގެ ތަޢުލީމާއި ޤާބިލްކަން ހުރި މީހުންނެވެ. އަދި އެ މެންބަރުންނަކީ، އެ ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ.


182 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް

(ހ) ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ޤާނޫނުގައި ކަނޑައަޅައިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ސިވިލް ސަރވިސް އަށް މީހުން ހޯދުމާއި، މީހުން ޢައްޔަންކުރުމާއި، މީހުންނަށް މަޤާމުގެ ކުރިއެރުން ދިނުމާއި، މީހުންގެ ވަޒީފާ ބަދަލުކުރުމާއި، މީހުން ވަޒީފާއިން ވަކި ކުރުން.
  2. ސިވިލް ސަރވިސްގެ ހުރިހައި އިދާރާތަކެއް އިންތިޒާމްކުރުމާއި އެއް މިންގަނޑަކުން ހިންގުމުގެ އުޞޫލުތަކެއް ޤާއިމްކުރުން.
  3. ސިވިލް ސަރވިސްގެ އެންމެހައި މަސައްކަތްތައް، އެކަށީގެންވާ ހަލުވި މިނެއްގައި ކުރުވޭނޭ އަދި ރަނގަޅު ނަތީޖާ ނެރެވޭނޭ ގޮތްތަކަށް މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅައި ރޭވުން. 
  4. ވަޒީފާތަކަށް މީހުން ހޯދުމާއި، ޢައްޔަންކުރުމާއި، ބަދަލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނޭ އުޞޫލުތައް ކަނޑައެޅުން.
  5. ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިކަން ހިންގާ ފަރާތަށާއި ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ދެމުން ގެންދިއުން. އެ މަޢުލޫމާތުތަކުގެ ތެރޭގައި، މުވައްޒަފުންނާ ބެހޭ ސިޔާސަތުތަކާއި، ކޮމިޝަނުގެ ހޯދުންތަކާއި، ކަންކަން ހިންގާންވީ ގޮތާއި، އެކި ކަންކަމާ ގުޅޭގޮތުން ކޮމިޝަނުންދޭ ލަފަޔާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ކަންކަން ކުރެވިފައިވާ މިންވަރު ހިމެނެއެވެ.
  6. ސިވިލް ސަރވިސް ކޮމިޝަނަށް ޤާނޫނުން ލިބިދޭ އިތުރު ބާރުތަކާއި ޙަވާލުކުރެވޭ އިތުރު މަސްއޫލިއްޔަތުތައް.


(ށ) ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އެ ކޮމިޝަނަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި ދީމިޤްރާޠީ ހަމަތަކާއި އުޞޫލުތަކަށް ތަބާވާންވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:

  1. މަތީ ދަރަޖައެއްގެ ފަންނީ ހަމަތަކެއް ހިފަހައްޓައި، އެ ހަމަތައް ކުރިއެރުވުން. 
  2. އެކިއެކި ވަސީލަތްތައް ބޭނުންކުރުމުގައި ނަތީޖާ ނެރުމަށާއި، ބޭނުންކުރެވޭ ވަސީލަތްތަކުގެ ނިސްބަތުން އެދެވޭ ނަތީޖާ ނެރުމަށާއި، އިޤްތިޞާދުކުރުމަށް ބާރުއަޅައި އެ ކަންތައްތައް ކުރިއެރުވުން. 
  3. ޚިދުމަތް ދިނުމުގައި އިންޞާފާއި ހަމަހަމަކަމާއެކު، ވަކިފަރާތަކަށް ބުރަވުމެއް ނެތި، ތަޢައްޞުބުން އެއްކިބާވުން. 
  4. ޢާންމުންގެ ބޭނުންތަކަށް ބުރަވެ، ސިޔާސަތު ކަނޑައެޅުމުގައި ޢާންމުން ބައިވެރިވުމަށް ހިތްވަރު ދިނުން. 
  5. ސިވިލް ސަރވިސްއަކީ ދައުލަތް ހިންގުމުގެ ހުރިހައި ބާރުތަކަށާއި ޢާންމުންނަށް ޖަވާބުދާރީވާ ޚިދުމަތަކަށް ހެދުން. 
  6. ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި، އެ ކަމެއްގެ ވަގުތުގައި، އެ ކަމަކާ ބެހޭ ޞައްޙަ މަޢުލޫމާތު ޢާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދިނުން. 
  7. މުވައްޒަފުންގެ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރެވޭނޭ ނިޒާމެއް ހިންގައި، މުވައްޒަފުންގެ ފަންނީ ކުރިއެރުމަށް މަގުހޯދައިދިނުން. 
  8. ވަޒީފާ ދިނުމާއި މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުޞޫލުތައް ކަނޑައެޅުމުގައި ޤާބިލްކަމަށާއި، ކަނޑައަޅައިފައިވާ މިންގަނޑުތަކަކުން ވަޒަންކުރުމަށާއި، އިންޞާފުގެ މައްޗަށް ބުރަވުން. 
  9. ސިޔާސީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ކަމަކަށް ތާއީދުކުރުމުގެ ނުވަތަ ނުކުރުމުގެ ސަބަބުން، ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ކަމެއް ފަހިކޮށް ނުވަތަ ކަމެއް ދަތިކޮށް ނުހެދުން. 
  10. ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މީހަކު އޭނާގެ މަޤާމް، ނުވަތަ މަޤާމުގެ ޙައިޘިއްޔަތުން އޭނާއަށް ލިބިފައިވާ އެއްވެސް މަޢުލޫމާތެއް، އޭނާގެ ނުވަތަ އެހެން މީހެއްގެ ޒާތީ މަންފާއަކަށްޓަކައި ނަހަމަ ގޮތުގައި ބޭނުން ނުކުރުން.

183 ވަނަ މާއްދާ - ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ. 


184 ވަނަ މާއްދާ - ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާދިނުން

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު މެންބަރުކަމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


185 ވަނަ މާއްދާ - ޤާނޫނީ ޢަދަދާއި ވޯޓުދިނުން

ސިވިލް ސަރވިސް ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިޝަނުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.


186 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


187 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު އެ މަޤާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ޙާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.


(ހ) ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމް އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


188 ވަނަ މާއްދާ - ހުވައިކުރުން

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ ކޮންމެ މީހަކުމެ އެ މަޤާމާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ.


ހިއުމަން ރައިޓްސް ކޮމިޝަން

189 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިޝަން

(ހ) ދިވެހިރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އޮންނާންވާނެއެވެ. 

(ށ) ހިއުމަން ރައިޓްސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިޝަނުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި މަސައްކަތް ކުރާންވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ތިބެގެންނެވެ.

(ނ) ހިއުމަން ރައިޓްސް ކޮމިޝަން ހިންގާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ޤާނޫނުގައި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިޝަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ޝަރުޠުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ. 


190 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންގެ ޢަދަދާއި، މެންބަރުކަމަށް ޢައްޔަންކުރުން

(ހ) ހިއުމަން ރައިޓްސް ކޮމިޝަނުގައި ކޮމިޝަނުގެ ރައީސާއެކު، މަދުވެގެން ފަސް މެންބަރުން ތިބޭންވާނެއެވެ. 

(ށ) ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަޤާމަށް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


191 ވަނަ މާއްދާ - މެންބަރުކަމުގެ ޝަރުޠު

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާންވާނީ އެ ކޮމިޝަނުގެ މަސައްކަތްތައް ކުރެވޭވަރުގެ ތަޢުލީމާއި ޤާބިލްކަން ހުރި މީހުންނެވެ. އަދި އެ މެންބަރުންނަކީ، އެ ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ.


192 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް

(ހ) ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. އިންސާނީ ޙައްޤުތަކަށް މީހުންގެ ހިތްތަކުގައި އިޙްތިރާމް އަށަގެންނެވުމަށް މަސައްކަތްކުރުން.
  2. އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުރިއެރުވުމާއި، އެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
  3. އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާމިންވަރު ބަލައި ވަޒަންކުރުން.


(ށ) ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށްޓަކައި، ޤާނޫނުން ކަނޑައަޅާ ބާރުތަކެއް އެ ކޮމިޝަނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާމިންވަރު ތަޙުޤީޤުކޮށް އަންގާންޖެހޭ ފަރާތްތަކަށް އެންގުން.
  2. އިންސާނީ ޙައްޤެއް ނިގުޅައިގެންފިނަމަ، ޤާނޫނުގައިވާ ގޮތުގެމަތީން އަޅާންޖެހޭ ފިޔަވަޅުތައް އެޅުން.
  3. އިންސާނީ ހައްޤުތަކާ ގުޅޭ އެކިއެކި ދިރާސާތައް ކުރުމާއި އެ ޙައްޤުތަކާ ބެހޭ ގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުވުން.
  4. ހިއުމަން ރައިޓްސް ކޮމިޝަނަށް ޤާނޫނުން ލިބިދޭ އިތުރު ބާރުތަކާއި ޙަވާލުކުރެވޭ އިތުރު މަސްއޫލިއްޔަތުތައް.

193 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު

ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ. 


194 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާދިނުން

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރަކު މެންބަރުކަމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


195 ވަނަ މާއްދާ - ޤާނޫނީ ޢަދަދާއި ވޯޓުދިނުން

ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިޝަނުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.


196 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންނަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


197 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރަކު އެ މަޤާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ޙާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.

(ހ) ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމް އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެމެންބަރަކު ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


198 ވަނަ މާއްދާ - ހުވައިކުރުން

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ ކޮންމެ މީހަކުމެ އެ މަޤާމާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ.


އެންޓި-ކޮރަޕްޝަން ކޮމިޝަން

199 ވަނަ މާއްދާ - އެންޓި-ކޮރަޕްޝަން ކޮމިޝަން

(ހ) ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އޮންނާންވާނެއެވެ.

(ށ) އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީންނެވެ. ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖެހިލުންވުމެއްނެތި މަސައްކަތް ކުރާންވާނެއެވެ.

(ނ) އެންޓި-ކޮރަޕްޝަން ކޮމިޝަން ހިންގާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ޤާނޫނުގައި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިޝަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ޝަރުޠުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.

(ރ) ކޮރަޕްޝަނަކީ ކޮބައިކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނާންވާނެއެވެ.


200 ވަނަ މާއްދާ - އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންގެ ޢަދަދާއި، މެންބަރުކަމަށް ޢައްޔަންކުރުން

(ހ) އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ކޮމިޝަނުގެ ރައީސާއެކު، މަދުވެގެން ފަސް މެންބަރުން ތިބޭންވާނެއެވެ.

(ށ) އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަޤާމަށް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


201 ވަނަ މާއްދާ - މެންބަރުކަމުގެ ޝަރުޠު

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާންވާނީ، އެ ކޮމިޝަނުގެ މަސައްކަތްތައް ކުރެވޭވަރުގެ ތަޢުލީމާއި ޤާބިލްކަން ހުރި މީހުންނެވެ. އަދި އެ މެންބަރުންނަކީ، އެ ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ.


202 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުން. މީގެތެރޭގައި، ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، އެ ކަމެއް ބަލައި ތަޙުޤީޤުކުރުން.

(ށ) ކޮމިޝަނުން ތަޙުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރާންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅާންޖެހޭކަމަށް ފެންނަ ކަންތައްތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.

(ނ) ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅާންޖެހޭ ފިޔަވަޅުތަކާ ބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުން.

(ރ) ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ޢާންމުން ހޭލުންތެރިކުރުވައި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން.

(ބ) ކޮރަޕްޝަން ނައްތައިލުމަށްޓަކައި ޤާނޫނުން ކަނޑައަޅައިފައިވާ އެހެނިހެން ކަންތައްތައްކުރުން.


203 ވަނަ މާއްދާ - އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ. 


204 ވަނަ މާއްދާ - އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާދިނުން

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރަކު މެންބަރުކަމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


205 ވަނަ މާއްދާ - ޤާނޫނީ ޢަދަދާއި ވޯޓުދިނުން

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިޝަނުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.


206 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


207 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރަކު އެ މަޤާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ޙާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.


(ހ) އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމް އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.


208 ވަނަ މާއްދާ - ހުވައިކުރުން

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ ކޮންމެ މީހަކުމެ އެ މަޤާމާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ.


އޮޑިޓަރ ޖެނެރަލް

209 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް

(ހ) ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު އޮޑިޓަރ ޖެނެރަލެއް ހުންނާންވާނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ.


210 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް ޢައްޔަންކުރުން

ޤާނޫނުގައިވާ ގޮތުގެމަތީން އޮޑިޓަރ ޖެނެރަލް ކަމަށް ޢައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މީހުންގެ ތެރެއިން އޮޑިޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، އޮޑިޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


211 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ ޝަރުޠު

(ހ) އޮޑިޓަރ ޖެނެރަލްކަމަށް ޢައްޔަންކުރާންވާނީ، އެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތަޢުލީމާއި ޤާބިލްކަން ހުރި މީހެކެވެ. އަދި އެ މީހަކީ، އޮޑިޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެނެއް ނުވާނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި އޭނާގެ މަސައްކަތުގެ ދާއިރާ އާއި، އޭނާގެ ކިބައިގައި ހުންނާންވާނޭ ޝަރުޠުތަކާއި، ސުލޫކީ މިންގަނޑު ކަނޑައަޅާ ޤާނޫނެއް އޮންނާންވާނެއެވެ. 


212 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް

އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. 

(ހ) އަންނަނިވި ތަންތަނުގެ އެކައުންޓްތަކާއި ހިސާބުތަކާއި މާލީހިންގުމާ ގުޅޭގޮތުން އޮޑިޓްކުރުމާއި ރިޕޯޓް ތައްޔާރުކޮށް ޝާއިޢުކުރުން.

  1. ސަރުކާރުގެ އެންމެހައި ވުޒާރާތައް.
  2. ސަރުކާރުގެ ވުޒާރާތަކުގެ ދަށުން ހިންގާ ޑިޕާޓްމަންޓްތައް.
  3. ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އޮފީސްތަކާއި ތަންތަން. 
  4. ޤާނޫނު ހެދުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތައް.
  5. ޤާނޫނުއަސާސީ އާއި ޤާނޫނުގެ ދަށުން އުފެދިފައިވާ އެންމެހައި މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކުގެ އޮފީސްތަކާއި އެ ތަންތާނގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތައް.
  6. ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރުންވެސް އޮޑިޓަރ ޖެނެރަލް އޮޑިޓްކުރާންވާނެ ކަމަށް ޤާނޫނަކުން ކަނޑައަޅައިފި ކޮންމެ މުއައްސަސާއަކާއި އިދާރާއެއް އޮޑިޓަރ ޖެނެރަލް އޮޑިޓްކުރާންވާނެއެވެ. 

(ނ) ޤާނޫނުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އަންނަނިވި ތަންތަނުގެ އެކައުންޓްތަކާއި، ހިސާބުތަކާއި، މާލީހިންގުމާ ގުޅޭގޮތުން އޮޑިޓްކުރުމާއި އެ ކަންކަމާބެހޭ ރިޕޯޓް ތައްޔާރުކޮށް ޝާއިޢުކުރުމުގެ އިޚްތިޔާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. މައިގަނޑުގޮތެއްގައި ދައުލަތުގެ މުދަލާއި ފައިސާ ހޭދަކޮށްގެން ހިންގާ ކޮންމެ ތަނެއް.
  2. އެ ވިޔަފާރިއެއްގައި ސަރުކާރުގެ ޙިއްޞާ އޮތް ކޮންމެ ވިޔަފާރިއެއް.

213 ވަނަ މާއްދާ - ރިޕޯޓުކުރުން

ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި، ޤާނޫނުން ކަނޑައަޅާ އެހެން ފަރާތްތަކަށް އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓުތަކާއި އަހަރީ ރިޕޯޓުތައް ހުށަހަޅާންވާނެއެވެ.


214 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރުން

ޤާނޫނުގައިވާ ގޮތުގެމަތީން އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރާންވާނެއެވެ.


215 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ މަޤާމުގެ މުއްދަތު

އޮޑިޓަރ ޖެނެރަލް ޢައްޔަންކުރާނީ ހަތް އަހަރު ދުވަހުގެ އެއް ދައުރަށެވެ. އަދި އޮޑިޓަރ ޖެނެރަލްގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އޭނާގެ މަޤާމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.


216 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް އިސްތިޢުފާދިނުން

އޮޑިޓަރ ޖެނެރަލް އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އޮޑިޓަރ ޖެނެރަލް އެ މަޤާމުން ވަކިވީއެވެ.


217 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

އޮޑިޓަރ ޖެނެރަލްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


218 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރުން

އޮޑިޓަރ ޖެނެރަލް އެ މަޤާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ޙާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.

(ހ) އޮޑިޓަރ ޖެނެރަލްގެ މަޤާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމް އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އޮޑިޓަރ ޖެނެރަލް އޭނާގެ މަޤާމުން ވަކިވީއެވެ.


219 ވަނަ މާއްދާ - ހުވައިކުރުން

އޮޑިޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރާ މީހަކު އެ މަޤާމާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ އޮޑިޓަރ ޖެނެރަލްގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ.


ޕްރޮސިކިއުޓަރ ޖެނެރަލް

220 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް

(ހ) ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނާންވާނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލަކީ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެނެއް ނުވާނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އަދި އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރާންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށެވެ.


221 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަންކުރުން

ޤާނޫނުގައިވާ ގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް ޢައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މީހުންގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


222 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ ޝަރުޠު

ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ޢައްޔަންކުރާންވާނީ، އެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތަޢުލީމާއި ޤާބިލްކަން ހުރި މީހެކެވެ. އަދި އެ މީހަކީ، ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެނެއް ނުވާނެއެވެ.


223 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. 

(ހ) ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދަޢުވާތަކާބެހޭ ކަންކަން ބެލެހެއްޓުން.

(ށ) ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން.

(ނ) ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމެ ދަޢުވާ އުފުލުމުގެ ބާރު.

(ރ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުން.

(ބ) ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ޙާލަތްތަކާއި ޝަރުޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމާއި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުން. 

(ޅ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން.

(ކ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުން، ޖިނާއީ ދަޢުވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގާން ފަށައިފައިވާ ޖިނާއީ ދަޢުވާއެއް ކުރިއަށް ގެންދިއުމާ ޙަވާލުވުމާއި، މިފަދަ ދަޢުވާތައް މުރާޖަޢާކޮށް، އަނބުރާ ގެންނާން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ކޮންމެ ދަޢުވާއެއް ކޯޓުން ޙުކުމެއް އިއްވުމުގެ ކުރީގައި އަނބުރާ ގެނައުން.

(އ) ކުށެއްކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމައިފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުން.

(ވ) ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ޙުކުމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުން.

(މ) ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހައި އުޞޫލުތައް ކަނޑައެޅުން.

(ފ) ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުން. 


224 ވަނަ މާއްދާ - މަސައްކަތް އެހެން ފަރާތަކާ ޙަވާލުކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމާއި އޭނާއަށް ލިބިދޭ ބާރުގެދަށުން ކަމެއް ހިންގުމުގައި އޭނާގެ އިރުޝާދުގެ ދަށުން އެ ކަމެއް ހިންގުން އޭނާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ ޙަވާލުކުރެވިދާނެއެވެ.


225 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ މުއްދަތު

ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އޭނާގެ މަޤާމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.


226 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިޢުފާދިނުން

ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ޕްރޮސިކިއުޓަރ ޖެނެރަލް އެ މަޤާމުން ވަކިވީއެވެ.


227 ވަނަ މާއްދާ - މުސާރައާއި ޢިނާޔަތްތައް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.


228 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުން

ޕްރޮސިކިއުޓަރ ޖެނެރަލް އެ މަޤާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ޙާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެ މަތީންނެވެ.


(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމް އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަޤާމުން ވަކިވީއެވެ.


229 ވަނަ މާއްދާ - ހުވައިކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރާ މީހަކު އެ މަޤާމާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ.


އަށްވަނަ ބާބު:
ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން
230 ވަނަ މާއްދާ - ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން

(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންނެވެ. 

(ށ) ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން އިދާރާތަކާއި، މަޤާމުތަކާއި ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ނ) ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ އިދާރާތަކާއި، މަޤާމުތަކާއި، ކައުންސިލްތަކުގެ ސިފަތަކާއި، އެފަރާތްތަކުގެ އިޚްތިޞާޞް ޤާނޫނުގައި ކަނޑައަޅައިފައި އޮންނާންވާނެއެވެ.


231 ވަނަ މާއްދާ - ކައުންސިލްތައް އިންތިޚާބުކުރުން

[(ހ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި މެންބަރުން ހިމެނޭނީ އަންނަނިވި ގޮތުގެމަތީންނެވެ.

  1. ރަށު ކައުންސިލްގައި ހިމެނޭނީ، އެ ކައުންސިލް ނިސްބަތްވާ ރަށުގެ ރައްޔިތުން ދީމިޤްރާޠީ އުޞޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އެ ކައުންސިލްއަށް އިންތިޚާބުކުރާ މެންބަރުންނެވެ.
  2. ސިޓީ ކައުންސިލްގައި ހިމެނޭނީ، އެ ކައުންސިލް ނިސްބަތްވާ ސިޓީގެ ރައްޔިތުން ދީމިޤްރާޠީ އުޞޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އެ ކައުންސިލްއަށް އިންތިޚާބުކުރާ މެންބަރުންނެވެ.
  3. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން، އެ ކައުންސިލްގައި ހިމެނޭނީ، އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކަށް، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން އިންތިޚާބުކުރާ ރައީސުންނެވެ.]

[(ށ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިޚާބުކުރާނީ، އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާޠީ އުޞޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ.]5ޤާނޫނު 22/2019ގެ 2 ވަނަ މާއްދާއިން 08 ޑިސެމްބަރު 2019 ގައި އިޞްލާޙުކޮށްފައި

[(ނ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ޢުމުރަކީ ފަސް އަހަރު ދުވަހެވެ.]6ޤާނޫނު 22/2019ގެ 3 ވަނަ މާއްދާއިން 08 ޑިސެމްބަރު 2019 ގައި އިޞްލާޙުކޮށްފައި

(ރ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.

(ބ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ އިންތިޚާބުތައް ހިންގައި ބަލަހައްޓާންވާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. 

[(ޅ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، 3 ޖޫން 2017 ގައި އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ ޢުމުރު ހަމަވާއިރު، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބުނުކުރެވިއްޖެހިނދެއްގައި، އެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާ ޙަވާލުވަންދެން، މިހާރު އިންތިޚާބުކޮށްފައިވާ، އަދި މަޤާމުގައި ދެމިތިބި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން، އެ މީހުންގެ މަޤާމުގައި ދެމިތިބޭނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމިތިބޭއިރު، އެ މެންބަރުން ޢަމަލުކުރާނެ އިންތިޤާލީ އުޞޫލުތައް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެއެވެ.]7ޤާނޫނު 4/2020ގެ 1 ވަނަ މާއްދާއިން ޤާނޫނު 22/2019އަށް އިތުރުކުރި 1-3 މާއްދާއިން 02 ޖޫން 2020ގައި މިޤާނޫނުއަސާސީއަށް އިތުރުކޮށްފައި

07 އޮގަސްޓް 2008 އިން 07 ޑިސެމްބަރު 2019ގެ ނިޔަލަށް

(ހ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެމަތީން، ސިއްރުވޯޓަކުން އިންތިޚާބުކުރާ މެންބަރުންނެވެ.

(ށ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނައިބުރައީސް އިންތިޚާބުކުރާނީ، އެ ކައުންސިލެއްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.

(ނ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ޢުމުރަކީ ދިގުވެގެން ތިން އަހަރެވެ.

(ރ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.

(ބ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެއިންތިޚާބުތައް ހިންގައި ބަލަހައްޓާންވާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.


232 ވަނަ މާއްދާ - މަސްއޫލިއްޔަތުތައް

ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގުމަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:

(ހ) ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުތަކުގެމަތީން ކަންކަން ހިންގުން

(ށ) އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމާއި މުޖްތަމަޢުގެ ތަރައްޤީ އަށް ބާރުއެޅުން.

(ނ) ސިއްޙަތަށް ރަނގަޅު، ރައްކާތެރި، ދިރޭ ތަކެތީގެ މުއްސަނދިކަން ރައްކާތެރިކުރެވޭ ތިމާވެއްޓެއް ޤާއިމްކޮށްފައި ބޭއްވުމަށް ބާރުއެޅުން.

(ރ) ޤާނޫނުން ކަނޑައަޅާ މިނޫންވެސް މަޤްޞަދުތައް ޙާޞިލްކުރުމަށް މަސައްކަތްކުރުން.


233 ވަނަ މާއްދާ - ޤާނޫނުގެ އިމުގެތެރޭގައި ޤަވާޢިދުތައް ހެދުން

ލާމަރުކަޒީ އިދާރާތަކުން ހަދާ ޤަވާޢިދުތަކާއި ނިންމާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުގެ ދަށުން ހެދޭ އެހެނިހެން ޤަވާޢިދުތަކުގެ އިމުން ބޭރުވެގެނެއް ނުވާނެއެވެ.


234 ވަނަ މާއްދާ - މާލީ ކަންކަން

ލާމަރުކަޒީ އިދާރާތަކަށް ޤާނޫނުގައިވާ ގޮތުގެމަތީން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ފައިސާ ދޫކުރާންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ފައިސާ ހޯދުމުގެ ބާރު ލާމަރުކަޒީ އިދާރާތަކަށް ލިބިގެންވެއެވެ.


235 ވަނަ މާއްދާ - މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ބާރު

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުގެ ދާއިރާގެ ތެރޭގައި، މުދާ މިލްކު ކުރުމާއި ދަރަންޏަށް ޒިންމާ ވުމުގެ ބާރު ލާމަރުކަޒީ އިދާރާތަކަށް ލިބިގެންވެއެވެ. 


ނުވަވަނަ ބާބު:
ސަލާމަތީ ޚިދުމަތްތައް
236 ވަނަ މާއްދާ - ސަލާމަތީ ޚިދުމަތްތައް ޤާއިމްކުރުން

ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމްކޮށްފައި އޮންނާންވާނެއެވެ.


237 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ސަލާމަތީ ޚިދުމަތްތަކުން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ޤާނޫނުއަސާސީ އާއި ދީމިޤްރާޠީ މުއައްސަސާތައް ޙިމާޔަތްކޮށް، ޤާނޫނު ދަމަހައްޓައި، ތަންފީޛުކޮށް، އަމަންއަމާންކަން ދަމަހައްޓައި، އަދި ކުއްލި ޙާލަތްތަކުގައި ސަލާމަތީ ޚިދުމަތްތަކުން އެހީތެރިކަން ދޭންވާނެއެވެ.


238 ވަނަ މާއްދާ - ޤާނޫނަށް ތަބާވުން

ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރާންވާނީ އަދި އެ ތަންތަނުން ހިންގާ ހުރިހައި ކަމެއްމެ ހިންގާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ޖަވާބުދާރީވަނިވި ގޮތެއްގައެވެ. ސަލާމަތީ ޚިދުމަތްތަކަށް މި މާއްދާއިން ލާޒިމްކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކުރާން ވާނެއެވެ.


239 ވަނަ މާއްދާ - ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބާރު

(ހ) ސަލާމަތީ ކޮންމެ ޚިދުމަތެއް އިންތިޒާމުކޮށް ހިންގާނޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.

(ށ) ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެއެވެ.


240 ވަނަ މާއްދާ - ވަކިވަކި ޚިދުމަތްތަކެއްގެ ގޮތުގައި ހިންގުން

ސަލާމަތީ ޚިދުމަތްތައް އިންތިޒާމުކޮށް ހިންގާންވާނީ އެއް ޚިދުމަތަކާއި އަނެއް ޚިދުމަތެއް ވަކިކުރެވިފައިވާ ދެ ޚިދުމަތެއްގެ ގޮތުގައެވެ.


241 ވަނަ މާއްދާ - ސަލާމަތީ ޚިދުމަތްތަކާ ބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ

ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާން ވާނެއެވެ. މި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހައި ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނާން ވާނެއެވެ.


242 ވަނަ މާއްދާ - ވަޒީރުން ޖަވާބުދާރީވުން

ސަލާމަތީ ކޮންމެ ޚިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެއެވެ.


243 ވަނަ މާއްދާ - ސިފައިންގެ ޚިދުމަތް

(ހ) ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތް ކުރުމެވެ.

(ށ) ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރުމަށް ނުވަތަ ބައިނަލްއަޤްވާމީ ލަޝްކަރެއްގައި ސިފައިން ޙަރަކާތްތެރިވުމަށް ސިފައިންގެ އެންމެ އިސް ވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ހުއްދައެއް ދީފިނަމަ، ނުވަތަ އަމުރެއް ކޮށްފިނަމަ އެކަން ލަސްނުކޮށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ. ސިފައިން ޙަރަކާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ދިން ހުއްދަ ބަލައިގަތުމާއި، އެ ހުއްދަ ބާޠިލްކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ބާރުތައް ކޮންމެ ވަގުތަކުމެ ބޭނުންކުރުމުގެ އިޚްތިޔާރު އެ މަޖިލީހަށް ލިބިގެންވެއެވެ.


244 ވަނަ މާއްދާ - ފުލުހުންގެ ޚިދުމަތް

ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދުތަކަކީ:

(ހ) މުޖްތަމަޢުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުން.

(ށ) ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތް ކޮށްދީ އެބައިމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުން.

(ނ) ޖިނާއީ ކުށްތައް ތަޙުޤީޤުކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުރުން.

(ރ) ޤާނޫނު ނެގެހެއްޓުން.


245 ވަނަ މާއްދާ - ޣައިރުޤާނޫނީ އަމުރު ނުކުރުމާއި ޣައިރުޤާނޫނީ އަމުރަށް ތަބާނުވުން

އެއްވެސް ފަރާތަކުން ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރުޤާނޫނީ އަމުރެއް ކޮށްގެނެއް ނުވާނެއެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެނެއް ނުވާނެއެވެ. 


246 ވަނަ މާއްދާ - ހަމަހަމަކަމާއެކު ޢަމަލުކުރުން

(ހ) ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން ޢަމަލުކުރާންވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާޢަތްތަކުގެ މެދުގައި ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު، އިސްލާމީ ރިވެތި އަޚްލާޤާއި އިންސާނީ ޝަރަފާއި މީހުންގެ ޤަދަރަށް ޙުރުމަތްތެރިކޮށް ހިތައިގެންނެވެ.

(ށ) ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން ސިޔާސީ އެއްވެސް ޙަރަކާތެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގައި ނުވަތަ މަސައްކަތްތެރީންގެ ޖަމްޢިއްޔާއެއްގައި ބައިވެރިވެގެނެއް ނުވާނެއެވެ. 


ދިހަވަނަ ބާބު:
ދައުލަތުގެ މިލްކުވެރިކަމާއި، މާލީ ޒިންމާތަކާއި ދަޢުވާތައް
247 ވަނަ މާއްދާ - ދައުލަތުގެ މިލްކުގައިވާ ތަކެއްޗާއި ދައުލަތަށް ހޯދޭ ތަކެތި

(ހ) މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ދައުލަތުގެ މިލްކުގައިވާ ހުރިހައި މުދަލާއި، ތަންތަނާއި، ތަކެއްޗާއި، ފައިސާއަކީ، ދައުލަތުގެ ތަކެއްޗެވެ.

(ށ) ދައުލަތުގެ ބޭނުމަށް ހޯދާ އަދި ދައުލަތަށް ލިބޭ ހުރިހައި މުދަލާއި، ތަންތަނާއި، ތަކެއްޗާއި، ފައިސާއަކީ، ދައުލަތުގެ ތަކެއްޗެވެ.


248 ވަނަ މާއްދާ - ކަނޑާއި، އެއްގަމާއި، ޠަބީޢީގޮތުން އުފެދިފައި ހުރި އަގުހުރި ތަކެތި

(ހ) ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ އެއްގަމާއި، ކަނޑާއި، ކަނޑުގައިވާ މަހާއި، ކަނޑުގެ އަޑީގެ ބިމާއި، އަދި މިތަންތާނގައި ޤުދްރަތީގޮތުން އުފެދިފައި ހުރިނަމަ ހުރި މަޢުދަނާއި، ތެލާއި، ގޭހާއި، އަދި މިނޫންވެސް ހުރިހައި އެއްޗެއް މިލްކުވެގެންވަނީ، ދިވެހިދައުލަތަށެވެ.

(ށ) ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި، ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި، އަދި ދިރުމެއްނެތް، ޠަބީޢީ، އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ، ދިވެހިދައުލަތަށެވެ.


249 ވަނަ މާއްދާ - ޤާނޫނީ މިލްކުވެރިޔަކު ނުވާ މުދާ

(ހ) ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރެއިން ހޮވާ ތަކެތީގެ ތެރެއިންނާއި، ކަނޑުގެ އަޑީގައިވާ ނުވަތަ ކަނޑުން ލަނގުވާ، ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި، އެހެން ތަކެތީގެ ތެރެއިން ޤާނޫނީ މިލްކުވެރިޔަކު މަތިނުވާ ތަކެއްޗަކީ، ދައުލަތުގެ ތަކެއްޗެވެ.

(ށ) ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރެއިން ބިންކޮންނަނިކޮށް ފެންނަ ޤާނޫނީ މިލްކުވެރިޔަކުނުވާ ރަނާއި، ރިއްސާއި، އަދި މިނޫންވެސް އަގުހުރި މަޢުދަނާއި، ގަހަނާއާއި، ފައިސާއާއި، އާސާރީ ތަކެއްޗަކީ ދައުލަތުގެ ތަކެއްޗެވެ.


250 ވަނަ މާއްދާ - ދައުލަތުގެ މުދަލާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް

(ހ) ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކާންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލާންވާނީ ނުވަތަ ރަހުނުކުރާންވާނީ ނުވަތަ ނައްތައިލާންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާންވާނީ ޤާނޫނުގައިވާ ގޮތުގެމަތީންނެވެ.

(ށ) ދައުލަތުގެ މާލިއްޔާގައި ރިޒަރވްގެ ގޮތުގައި ބަހައްޓައިފައިވާ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ނުވަތަ އެނޫންވެސް އެއްޗެއް ޚަރަދުކުރާންވާނީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.


251 ވަނަ މާއްދާ - ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް މިލްކުކޮށް ނުދިނުމާއި، ޢަސްކަރީ ބޭނުންތަކަށް ދިނުން

[(ހ) ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.]8ޤާނޫނު 3/2019ގެ 1 ވަނަ މާއްދާއިން 23 އޭޕްރީލް 2019ގައި އިޞްލާޙުކޮށްފައި

[(ށ) ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެންނުވަދިހަނުވަ އަހަރުގެ މުއްދަތަކަށެވެ.]9ޤާނޫނު 3/2019ގެ 2 ވަނަ މާއްދާއިން 23 އޭޕްރީލް 2019ގައި އިޞްލާޙުކޮށްފައި

[(ނ) ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަ ދީގެނެއްނުވާނެއެވެ. އަދި، އެއްބަސްވުމެއްގެ ދަށުން ބާއްވާ ޢަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، ޢަސްކަރީ ބޭނުމަކަށް، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީގޮތުން ޙަރަކާތްތެރިވުމަށް ހުއްދަ ދީގެނެއްނުވާނެއެވެ.]10ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާއިން 20 ނޮވެންބަރު 2024ގައި އިޞްލާޙުކޮށްފައި

23 އޭޕްރީލް 2019 އިން 19 ނޮވެންބަރު 2024ގެ ނިޔަލަށް

[(ހ) ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.]11ޤާނޫނު 3/2019ގެ 1 ވަނަ މާއްދާއިން 23 އޭޕްރީލް 2019ގައި އިޞްލާޙުކޮށްފައި

[(ށ) ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެންނުވަދިހަނުވަ އަހަރުގެ މުއްދަތަކަށެވެ.]12ޤާނޫނު 3/2019ގެ 2 ވަނަ މާއްދާއިން 23 އޭޕްރީލް 2019ގައި އިޞްލާޙުކޮށްފައި

(ނ) ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސްބައެއް ޢަސްކަރީ ބޭނުމަކަށް ދީގެނެއްނުވާނެއެވެ.

24 ޖުލައި 2015 އިން 22 އޭޕްރީލް 2019 ގެ ނިޔަލަށް

(ހ) މި ޤާނޫނުއަސާސީގެ 302 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ. ފްރީހޯލްޑް އުޞޫލުން ބިން ދޫކުރުން ހިމެނޭގޮތުން، މި ޤާނޫނުއަސާސީގެ 302 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި، ބިމުގެ މިލްކުވެރިކަމުގެ ޙައްޤު ބޭރުގެ ފަރާތަކަށް ދޫކުރުމަކީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ، ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެއެވެ.

(ށ) މި ޤާނޫނުއަސާސީގެ 302 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށްވެސް ދެވޭނީ، އެންމެ ދިގުވެގެން ނުވަދިހަނުވަ އަހަރަށެވެ.

(ނ) ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސްބައެއް ޢަސްކަރީ ބޭނުމަކަށް ދީގެނެއްނުވާނެއެވެ.

07 އޮގަސްޓް 2008 އިން 23 ޖުލައި 2015 ގެ ނިޔަލަށް

(ހ) ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.

(ށ) ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެންނުވަދިހަނުވަ އަހަރުގެ މުއްދަތަކަށެވެ.

(ނ) ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސްބައެއް ޢަސްކަރީ ބޭނުމަކަށް ދީގެނެއްނުވާނެއެވެ.


252 ވަނަ މާއްދާ - ދައުލަތުގެ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުން

މި ޤާނޫނުއަސާސީގައި އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި ދައުލަތުގެ ނަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައްޔާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައްޔާއި، އަދި މިނޫންވެސް ތަންތަނުގައި ދިވެހިދައުލަތުގެ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު، ވެރިކަން ހިންގާ ފަރާތަށް ލިބިގެންވެއެވެ.


އެގާރަވަނަ ބާބު:
ކުއްލި ނުރައްކަލުގެ ޙާލަތު
253 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުން

ޤުދްރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.


254 ވަނަ މާއްދާ - ޤަރާރުގައި ހިމަނާންޖެހޭ ކަންތައްތައް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށްޓަކައި ނެރޭ ޤަރާރުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާންޖެހުނު ސަބަބާއި، އެ ނުރައްކަލަކާ ގުޅިންގެން އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް ބަޔާންކުރާންވާނެއެވެ. އޭގެތެރޭގައި މި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ކަނޑައެޅިފައިވާ ޙައްޤުތަކާއި މިނިވަންކަމުގެތެރެއިން ބައެއް ޙައްޤުތަކާއި މިނިވަންކަން ވަގުތީގޮތުން ހިފެހެއްޓުމާއި، ބައެއް ޤާ ނޫނުތަކަށް ޢަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލުން ހިމެނިދާނެއެވެ.


255 ވަނަ މާއްދާ - ޤަރާރުގެ ޙުދޫދު

(ހ) ކުއްލި ނުރައްކަލުގެ ޙާލަތުގައި ފިޔަވަޅުތައް އަޅާންވާނީ މި މާއްދާއާ ޚިލާފުނުވާ ގޮތުގެމަތީންނެވެ.

(ށ) ކުއްލި ނުރައްކަލުގެ ޙާލަތެއްގައިވެސް މި ޤާނޫނުއަސާސީގެ އަންނަނިވި މާއްދާތަކުގައިވާ ޙައްޤުތަކާއި މިނިވަންކަން ހިފަހައްޓައިގެނެއް ނުވާނެއެވެ.

  1. 21 ވަނަ މާއްދާ (ދިރިހުރުމުގެ ޙައްޤު).
  2. 25 ވަނަ މާއްދާ (އަޅުވެތިނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުވުން).
  3. 27 ވަނަ މާއްދާ (ޚިޔާލުފާޅުކުރުމުގެ މިނިވަންކަން). 
  4. 28 ވަނަ މާއްދާ (ނޫސްވެރިކަމުގެ މިނިވަންކަން).
  5. 42 ވަނަ މާއްދާ (ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުން).
  6. 48 ވަނަ މާއްދާގެ (ށ) (ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ޙައްޤުތައް).
  7. 51 ވަނަ މާއްދާ (ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް).
  8. 52 ވަނަ މާއްދާ (އިޢުތިރާފާއި، ޤާނޫނާ ޚިލާފަށް ހޯދާ ހެކި).
  9. 53 ވަނަ މާއްދާ (ޤާނޫނީ ވަކީލެއްގެ އެހީތެރިކަން).
  10. 54 ވަނަ މާއްދާ(ލާއިންސާނީ އަދަބު ނުދިނުން).
  11. 55 ވަނަ މާއްދާ (މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން).
  12. 57 ވަނަ މާއްދާ (ބަންދުކުރެވިފައިވާ މީހުންނާ އިޙްތިރާމާއެކު މުޢާމަލާތުކުރުން).
  13. 59 ވަނަ މާއްދާ (ޤާނޫނުގައި ކުށެއްކަމަށް ކަނޑައެޅިފައިނުވާ ކަމަކަށް ފަހުން ހަދާ ޤާނޫނަކުން އަދަބު ނުދިނުން).
  14. 60 ވަނަ މާއްދާ (އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުން).
  15. 62 ވަނަ މާއްދާ (އެހެނިހެން ޙައްޤުތައް ލިބިދިނުން).
  16. 64 ވަނަ މާއްދާ (ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ޙައްޤު).

(ނ) މި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާ ނަމަ އެކަން ކުރާންވާނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ ޙައްޤެއް، ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ މިންވަރަކަށެވެ.

(ރ) ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅާ ފިޔަވަޅުތައް ވާންވާނީ، ދިވެހިރާއްޖެއިން ޢަމަލުކުރުން ލާޒިމުކުރާ ބައިނަލްއަޤްވާމީ ޤާނޫނުތަކުގައިވާ ގޮތުގެ މަތީން، ކުއްލިނުރައްކަލުގެ ޙާލަތްތަކުގައި ޢަމަލުކުރާންޖެހޭ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އަޅާ ފިޔަވަޅުތަކަކަށެވެ.


256 ވަނަ މާއްދާ - ޤަރާރު ޝާއިޢުކުރުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރޭ ޤަރާރު، ލަސްވެގެން ތިން ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.


257 ވަނަ މާއްދާ - ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

(ހ) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރޭ ޤަރާރު ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ސާދަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.

(ށ) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރާ ގުޅިގެން ކޮންމެ ވަގުތެއްގައިމެ، އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.

  1. ޤަރާރުގެ ވަކިބައެއް ނުވަތަ މުޅި ޤަރާރު އެކުގައި ފާސްކުރުން.
  2. މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޤަރާރުގެ މުއްދަތު އިތުރުކުރުން.
  3. ޤަރާރު ބާޠިލްކުރުން.

(ނ) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރުގައިވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އެ ޤަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން އެ މުއްދަތު އިތުރުކުރާން ފާސްކުރާން ވާނެއެވެ.


258 ވަނަ މާއްދާ - ޤާރާރާ ގުޅިގެން އުފެދޭ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރުގެ ނުވަތަ އެ ޤަރާރުން ބައެއްގެ ޞައްޙަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ހަދާ ޤާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލުއުފެދިއްޖެ ޙާލަތެއްގައި އެ ކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުންނެވެ.


259 ވަނަ މާއްދާ - ޤަރާރުގެ މުއްދަތު ހަމަވުން ނުވަތަ ޤަރާރު ބާޠިލްކުރުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށްޓަކައި ނެރޭ ޤަރާރުގެ މުއްދަތު ހަމަވުމުން ނުވަތަ ރައްޔިތުންގެ މަޖިލީހުން އެ ޤަރާރު ބާޠިލްކުރުމުން އެ ޤަރާރަށް ޢަމަލުކުރުމަށްޓަކައި ހަދައިފައިވާ އެންމެހައި ޤާނޫނުތަކާއި ނެރެފައިވާ އެންމެހައި އަމުރުތައް ބާޠިލްވާނެއެވެ.


260 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ޙާލަތު ނިމުނުކަން އިޢުލާންކުރުން

ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު ހަމަވުމުން ރައީސުލްޖުމްހޫރިއްޔާ އެކަން އިޢުލާންކުރާންވާނެއެވެ.


ބާރަވަނަ ބާބު:
ޤާނޫނުއަސާސީ އިޞްލާޙުކުރުން
261 ވަނަ މާއްދާ - ޤާނޫނުއަސާސީ އިޞްލާޙުކުރުން

ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ.


262 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީޤުކުރުން

(ހ) ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤު ކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް މި ޤާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމައެވެ. އެ އިޞްލާޙެއް ގެނައުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލްވީއެވެ. 

  1. މި ޤާނޫނުއަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ޙައްޤުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް.
  2. މި ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ ޢުމުރު) 
  3. މި ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް)
  4. [މި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) (ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރުން)
  5. މި ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) (ދިވެހިރާއްޖޭގެ ސަރަޙައްދު)]13ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާއިން 20 ނޮވެންބަރު 2024ގައި އިޞްލާޙުކޮށްފައި


263 ވަނަ މާއްދާ - ސަރުކާރުގެ ގެޒެޓްގައި ޤާނޫނު ޝާއިޢުކުރުން

ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށްފަހު، އެ ޤާނޫނަށް ޢަމަލުކުރާން ފަށާނީ އެ ޤާނޫނު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައިވާ ތާރީޚަކުން ފެށިގެންނެވެ.


264 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުނުކުރާ ބިލަކާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން

(ހ) ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ތަޞްދީޤުކުރާން ރައީސުލްޖުމްހޫރިއްޔާއަށް ނުފެންނަ ނަމަ، އެ ބިލު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ ފަނަރަދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަންގާންވާނެއެވެ. ފަނަރަ ދުވަހުގެތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެކަން ނާންގައިފިނަމަ ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމުގައި ބަލާންވާނެއެވެ.

(ށ) ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކޮށް ރައްޔިތުންގެ މަޖިލީހަށް އެކަން އަންގައިފިނަމަ އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު އެ ބިލަކަށް ލިބިއްޖެނަމަ ފަނަރަ ދުވަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ. 


265 ވަނަ މާއްދާ - ބިލު ބާޠިލްވުން

މި ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު އެ ބިލަކަށް ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލްވީއެވެ. 


266 ވަނަ މާއްދާ - ބިލުގައި ހިމަނާންޖެހޭ ކަންތައްތައް

ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ފާސްކުރާ ބިލެއްގައި، އެ ގެންނާންވީ އިޞްލާޙަކާއި އެ އިޞްލާޙަކާ ގުޅިގެން ކުރާންޖެހޭ ކަންތައްތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެނެއް ނުވާނެއެވެ.


267 ވަނަ މާއްދާ - ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނެސްގެން ނުވާނޭ ވަގުތު

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެނެއް ނުވާނެއެވެ.


ތޭރަވަނަ ބާބު:
ޤާނޫނުއަސާސީއަށް ޢަމަލުކުރުމާއި މާނަކުރުން
268 ވަނަ މާއްދާ - ޤާނޫނުއަސާސީގެ ބާރު

ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ.


269 ވަނަ މާއްދާ - ޢަމަލުކުރެވެމުންދާ ޤާނޫނުތައް ޞައްޙަވުން

މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު އެ މައްޗަށް ޢަމަލުކުރެވެމުންދާ، މި ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ އެންމެހައި ޤާނޫނުތަކަށް، ރައްޔިތުންގެ މަޖިލީހުން ބަދަލެއް ނުގެންނަހައި ހިނދަކު، ޢަމަލުކުރަމުން ގެންދާންވާނެއެވެ. 


270 ވަނަ މާއްދާ - ބާޠިލްވާ ޤާނޫނުތަކުގެ ދަށުން ހިނގައިފައިވާ ކަންކަން

މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމާއެކު، މި ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް އުވިގެން ދިޔަކަމުގައި ވިޔަސް މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމުގެ ކުރީން، އެ ޤާނޫނުގެ ދަށުން ލިބިފައިވާ ޙައްޤެއް ނުވަތަ ފުރިހަމަކުރާންޖެހޭ ޒިންމާއެއް ނުވަތަ ދީފައިވާ އަދަބެއް ބާޠިލެއް ނުވާނެއެވެ.


271 ވަނަ މާއްދާ - ޤާނޫނުން ބާރު ލިބިގެން ހަދާ ޤަވާޢިދު

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން ބާރު ލިބިފައިވާ، އަދި ޤާނޫނީ ބާރާއެކު ތަންފީޛުކުރެވޭނޭ އެއްޗެކެވެ. އަދި ރައްޔިތުން އެ މައްޗަށް ޢަމަލުކުރާންޖެހޭ އެންމެހައި ޤަވާޢިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޤަވާޢިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ ޤަވާޢިދުތަކަކަށް ވާންވާނެއެވެ.


272 ވަނަ މާއްދާ - ޢުމުރާއި، މުއްދަތާއި ތާރީޚު ކަނޑައެޅުން

މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ޢުމުރުތަކާއި، މުއްދަތުތަކާއި، ތާރީޚުތައް ބަލާނީ މީލާދީ ކަލަންޑަރުންނެވެ.


273 ވަނަ މާއްދާ - ސުރުޚީތައް

މި ޤާނޫނުއަސާސީގައި ހިމަނައިފައިވާ އެއްވެސް ސުރުޚީއަކީ އަދި އަރިމަތީސުރުޚީއަކީ އަދި ފިހުރިސްތަކީ ޤާނޫނުއަސާސީގެ ބައެއް ނޫނެވެ. ފިހުރިސްތާއި ސުރުޚީތައް ހިމަނައިފައި އެވަނީ ޙަވާލާދިނުމުގެ ފަސޭހައަކަށެވެ.


274 ވަނަ މާއްދާ - މާނަކުރުން

(ހ) މި ޤާނޫނުއަސާސީގައި، ލަފުޒެއް ނުވަތަ ޢިބާރާތެއް ހިމެނިފައިވާގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު:

"ހާޒިރުވެ ވޯޓުގައި ބައިވެރިވުން" ކަމުގައި ބުނެފައި އެވަނީ، އެ ވޯޓެއް ނަގާ ވަގުތު، އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން، ވޯޓުނެގި ކަމަކާ އެއްކޮޅަށް ނުވަތަ ދެ ކޮޅަށް ވޯޓު ދިނުމަށެވެ. ހާޒިރުވެ ވޯޓުގައި ބައިވެރިވި މީހުންގެ އަޣުލަބިއްޔަތު ބެލުމުގައި، ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރުންނެއް ނުގުނޭނެއެވެ.

"ރައްޔިތެއް" ކަމުގައި ބުނެފައި އެވަނީ، މި ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ދިވެހި ރައްޔިތެއް ކަމުގައި ބުނެފައިވާ ކޮންމެ މީހަކަށެވެ.

"ކޯޓު" ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ޤާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.

"އިޚްތިޞާޞް" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ ބާރުހިނގާ ދާއިރާއަށާއި ކަންކަމަށެވެ.

"އިންތިޚާބު" ކަމުގައި ބުނެފައި އެވަނީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށް ހަދާ ޤާނޫނުގެ ދަށުން ޢާންމުކޮށް ރައްޔިތުން ވޯޓުލައިގެން، އެކިއެކި ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ ޢާންމު އިންތިޚާބުތަކަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުތަކަށެވެ. އިންތިޚާބުގެ މާނައިގައި މިއިން މަޤާމެއް ހުސްވެގެން ވަކި ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންތައް ވެސް ހިމެނެއެވެ.

"އިސްލާމްދީނުގެ އަޞްލު" ކަމުގައި ބުނެފައި އެވަނީ، ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މި ދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ.

"އިސްލާމީ ޝަރީޢަތް" ކަމަށް ބުނެފައި އެވަނީ، ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.

"މީހެއް" ނުވަތަ "ފަރާތް" ކަމުގައި ބުނެފައި އެވަނީ، ޠަބީޢީ ޝަޚްޞުތަކާއި ޤާނޫނީ ޝަޚްޞުތަކަށެވެ.

"މާލީ އެއްވެސް މަޞްލަޙަތެއް ބޭއްވުން" ކަމުގައި ބުނެފައި އެވަނީ، އެކަމަކުން އެމީހެއްގެ މުދާވެރިކަމަށް ނުވަތަ ފައިސާވެރިކަމަށް އިތުރު ތަނަވަސްކަމެއް ހޯދިދާނެ، ނުވަތަ އެ މީހެއްގެ މުދާވެރިކަން ނުވަތަ ފައިސާވެރިކަން ގެއްލުމަކުން ރައްކާތެރިވެވިދާނެ ކަމެއް ކުރުމަށެވެ.

"ފަނޑިޔާރުން" ކަމުގައި ބުނެފައި އެވަނީ، ސުޕްރީމްކޯޓާއި، ހައިކޯޓާއި، ދަށުކޯޓުތަކުގައި ޝަރީޢަތްކުރުމަށްޓަކައި މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ޢައްޔަންކުރާ މީހުންނަށެވެ.

"ދުސްތޫރީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.

"ދުޝްމަން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ކުރާ ބިދޭސީންނަށެވެ. "ދުޝްމަން" ގެ މާނައިގައި ރައްޔިތުންނެއް ނުހިމެނޭނެއެވެ.

"ޤާނޫނު" ކަމުގައި ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރުލިބިގެން، އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ޤަވާޢިދުތަކަށެވެ.

"ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަށެވެ. މީގެ ތެރޭގައި ޓެރަރިސްޓް ޙަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ޙަރަކާތްތައް ހިމެނެއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ލިބިދޭ ޤާނޫނީ ޙައްޤުތައް ބޭނުން ކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ޤާނޫނާ ޚިލާފުނުވެ ހިންގާ ޞުލްޙަވެރި ޙަރަކާތްތަކެއް މީގެތެރޭގައި ނުހިމެނެއެވެ.

"ސަރަޙައްދުގެ ރައްކާތެރިކަން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ އެންމެހައި މީހުންނާއި ތަންތަނާއި ތަކެތީގެ ރައްކާތެރިކަމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެއްވެސް ބައެއް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ނެއްޓިގެން ދިޔަ ނުދިނުމަށެވެ.

"ޓްރައިބިއުނަލް" ކަމުގައި ބުނެފައި އެވަނީ، ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި، އެކަމަކާމެދު ވަކިގޮތެއް ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.

"ޓެކްސް" ނުވަތަ "ޓެކުހެއް" ކަމުގައި ބުނެފައި އެވަނީ، ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚްޞަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ. 


(ށ) މި ޤާނޫނުއަސާސީގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްޢު މާނައިގައްޔާއި ޖަމްޢުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.


ސާދަވަނަ ބާބު:
އިންތިޤާލީ ކަންތައްތަކާބެހޭ ބާބު
275 ވަނަ މާއްދާ - މިބާބަށް ޢަމަލުކުރުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޢަމަލުކުރެވޭނީ މި ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުކޮށް އެމީހުން މަޤާމާ ޙަވާލުވާންދެނެވެ.

(ށ) އިންތިޤާލީ މަރުޙަލާގައި ޢަމަލުކުރެވޭނީ މި ޤާނޫނުއަސާސީގައި އެކަމަކަށް ކަނޑައެޅިފައިވާ ގޮތަށެވެ.


276 ވަނަ މާއްދާ - އިލެކްޝަންސް ކޮމިޝަން

(ހ) މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، މި ބާބުގައިވާ ގޮތުގެމަތީން ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިލެކްޝަންސް ކޮމިޝަނެއް ޢައްޔަންކުރާން ވާނެއެވެ.

(ށ) އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާން ވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، ކޮންމެ ސިޔާސީ ޕާޓީއަކުން އެއް ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.
  2. ސިޔާސީ ޕާޓީތަކުން ހުށަހަޅާ ނަންތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ޢައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ހޮވޭ ފަސް މީހެކެވެ.
  3. މި މާއްދާގެ (ށ) ގެ 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފަސް ނަން ފާސްނުވެއްޖެނަމަ، އެ މަދުވާ ޢަދަދަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ދޭންވާނީ ފާސްނުވި ނަމެއް ނުވަތަ ނަންތަކެއް ހުށަހެޅި ސިޔާސީ ޕާޓީއަށް ނުވަތަ ސިޔާސީ ޕާޓީތަކަށެވެ.
  4. މި މާއްދާގެ (ށ) ގެ 1 ގައިވާ ގޮތުގެމަތީން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ ނަންތައް ފަސް ނަމަށްވުރެ މަދުވާނަމަ، އެ މަދުވާ ޢަދަދަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ސިޔާސީ ޕާޓީތަކަށް އަލުން ދޭންވާނެއެވެ.
  5. އިލެކްޝަންސް ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުން، އެ ކޮމިޝަނުގެ ރައީސަކަށް އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މީހަކު ޢައްޔަންކުރާންވާނެއެވެ.
  6. މި ބާބުގެ ބޭނުމަށްޓަކައި ސިޔާސީ ޕާޓީ ކަމަށް ބުނެފައި އެވަނީ ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އިންތިޚާބު ބާއްވައިގެން ޕާޓީގެ މަޤާމްތަކަށް މީހުން އިންތިޚާބުކޮށްފައިވާ ޕާޓީތަކަށެވެ.

277 ވަނަ މާއްދާ - އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމް ހުސްވުން

މި ބާބުގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ އެ މަޤާމަށް އަލުން މެންބަރަކު ޢައްޔަންކުރުމުގައި ޢަމަލުކުރާންވާނީ މި ބާބުގައި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެމަތީންނެވެ.


278 ވަނަ މާއްދާ - އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ޝަރުޠުތައް

(ހ) މި ބާބުގެ ދަށުން ޢައްޔަންކުރާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި މި ޤާނޫނުއަސާސީގެ 169 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ށ) އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެނެއްނުވާނެއެވެ.


279 ވަނަ މާއްދާ - އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތައް

މި ބާބުގެ ދަށުން ޢައްޔަންކުރާ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތަކީ މި ބާބުގެ ދަށުން ބާއްވާ އިންތިޚާބުތަކާ ބެހޭގޮތުން ކުރާންޖެހޭ އެންމެހައި ކަންތައްތައްކޮށް، އެ އިންތިޚާބުތައް ބާއްވައި، އެ އިންތިޚާބުތަކުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި، އެ އިންތިޚާބުތަކުގެ ނަތީޖާ އިޢުލާންކުރުމާއި، ސިޔާސީޕާޓީތަކާ ގުޅޭގޮތުން ކުރާންޖެހޭ ކަންތައްތައް ކުރުމާއި އަދި އިލެކްޝަންސް ކޮމިޝަނުން ކުރާންޖެހޭނޭ ކަމަށް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިނޫންވެސް އެހެނިހެން ކަންތައްތައް އިންތިޤާލީ މަރުހަލާގައި ކުރާންޖެހޭ މިންވަރަށް ކުރުމެވެ.


280 ވަނަ މާއްދާ - އިލެކްޝަންސް ކޮމިޝަނުގެ މުއްދަތު

މި ބާބުގެ ދަށުން ޢައްޔަންކުރާ އިލެކްޝަންސް ކޮމިޝަން ދެމި އޮންނާނީ މި ޤާނޫނުއަސާސީގެ "ރައްޔިތުންގެ މަޖިލިސް" މި ބާބުގައިވާ ގޮތުގެމަތީން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުކޮށް، މި ޤާނޫނުއަސާސީގެ "މުސްތަޤިއްލު ކޮމިޝަންތަކާއި މަޤާމްތައް" މި ބާބުގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަން ޢައްޔަން ކުރާންދެންނެވެ.


281 ވަނަ މާއްދާ - ޖުޑީޝަލް ސަރވިސް ކޮމިޝަން

(ހ) މިޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާ ދުވަހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި އަންނަނިވި މީހުން ހިމެނޭ ގޮތުގެމަތީން ޖުޑީޝަލް ސަރވިސް ކޮމިޝަން ޤާއިމްކޮށް ނިންމަންވާނެއެވެ.

  1. ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު.
  2. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު.
  3. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު.
  4. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު.
  5. ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު.
  6. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް.
  7. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު.
  8. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ ސުޕްރީމްކޯޓުގެ ފަނޑިޔާރު، އެ ކޮމިޝަނަށް ޢައްޔަންކުރާނީ، މި ބާބުގައިވާ ގޮތުގެމަތީން ސުޕްރީމްކޯޓަށް ފަނޑިޔާރުން ޢައްޔަންކޮށް ނިމުމުންނެވެ.

(ނ) މިމާއްދާގެ ދަށުން ޤާއިމުކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަން ދެމިއޮންނާނީ ދެން އިންތިޚާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމިގެން މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވައިލެވެންދެނެވެ.


282 ވަނަ މާއްދާ - ސުޕްރީމްކޯޓު

(ހ) މި ޤާނޫނުއަސާސީގެ ދަށުން ހުށަހެޅޭ މައްސަލަތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިމި އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމްކޯޓެއް މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާ ތާރީޚުން ފެށިގެން ސާޅީސްފަސް ދުވަހުގެ ތެރޭގައި އުފައްދާންވާނެއެވެ.

(ށ) މި ބާބުގެ ދަށުން ސުޕްރީމްކޯޓު އުފެދި އުއްތަމަފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރާނޭ މީހަކު މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތީން ޢައްޔަން ކުރެވެންދެން ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ އެންމެ އިސްފަރާތަކަށް ހުންނާނީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ފަނޑިޔާރުން ކަނޑައަޅާ ފަނޑިޔާރެކެވެ.

(ނ) މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން އެކުލަވައިލެވޭ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތީން އާ ރައްޔިތުންގެ މަޖިލީހުން، މި ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އުއްތަމަފަނޑިޔާރު ޢައްޔަންކުރެވެންދެން އެ މަޤާމްގެ މަސްއޫލިއްޔަތު އަދާކުރާނީ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ސުޕްރީމްކޯޓަށް ޢައްޔަންކުރެވޭ ފަނޑިޔާރުންގެ ތެރެއިން އެ ފަނޑިޔާރުން ކަނޑައަޅާ ފަނޑިޔާރެކެވެ.

(ރ) މިޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހެޅި ނުނިމި ހުރި މައްސަލަތަކަކީ އެހިނދުން ފެށިގެން ސުޕްރީމްކޯޓަށް ހުށަހެޅި އެކޯޓުގައި ހުރި މައްސަލަތަކެއްކަމަށް ބެލެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިމޭ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުގެ ފުރުޞަތު އެހިނދުން ފެށިގެން ނިމުމަކަށް އަންނާނެއެވެ.

(ބ) މި ބާބުގެ ދަށުން އުފައްދާ ސުޕްރީމްކޯޓަށް އިސްތިއުނާފު ކުރުމާބެހޭ އުޞޫލުތައް ކަނޑައެޅުމުގައި ތިރީގައިވާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

  1. ހައިކޯޓުން ނިމިފައިވާ މައްސަލަތަކުގެ ތެރެއިން މި ޤާނޫނުއަސާސީއަށް ޢަމަލުކުރާންފަށާ ތާރީޚާއި މި ބާބުގެ ދަށުން ސުޕްރީމްކޯޓު އުފައްދާ ތާރީޚާ ދެމެދު އިސްތިއުނާފު ކުރުމުގެ ފުރުޞަތު ގެއްލިފައިވާ މައްސަލަތައް.
  2. މި ޤާނޫނުއަސާސީއަށް ޢަމަލުކުރާންފަށާ ތާރީޚާއި މި ބާބުގެ ދަށުން ސުޕްރީމްކޯޓު އުފައްދާ ތާރީޚާ ދެމެދު ހައިކޯޓުން ނިންމައިފައިވާ މައްސަލަތައް.

283 ވަނަ މާއްދާ - ސުޕްރީމްކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުން

(ހ) މި ބާބުގެ ދަށުން ޤާއިމްކުރާ ސުޕްރީމްކޯޓަށް ފަނޑިޔާރުން ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރާ މީހުން ކަނޑައަޅާނީ، މި ބާބުގެ ދަށުން އުފައްދާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހެޅުމަށްފަހު އެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެ ނަންތައް ފާސްވުމުންނެވެ.

(ށ) މި ބާބުގެ ދަށުން ޢައްޔަންކުރެވޭ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި މި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.


284 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ މުއްދަތު

މި ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމްކޯޓު ޤާއިމްކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އުފައްދާ ސުޕްރީމްކޯޓު ދެމި އޮންނާނެއެވެ.


285 ވަނަ މާއްދާ - ފަނޑިޔާރުން މަޤާމުގައި ދެމިތިބުން

(ހ) މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަޤާމުގައި ދެމިތިބޭނެއެވެ.

(ށ) މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި، މި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، މި ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާތާ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ކަނޑައަޅާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ބަލާބެލުމުގައި ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހެއްގެ ކިބައިގައި މި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠެއް ނުވަތަ ޝަރުޠުތަކެއް ފުރިހަމަނުވާކަމަށް ކަނޑައަޅައިފިނަމަ، އެ މީހަކު އެހިނދުން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ބަލާބެލުމުގައި، ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހެއްގެ ކިބައިގައި، މި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް ކަނޑައަޅައިފިނަމަ، އެ މީހަކު މި ޤާނޫނުއަސާސީގެ ދަށުން ފަނޑިޔާރުކަމަށް ޢައްޔަންކުރާންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މަޤާމުން ވަކިވާވަކިވުން ފިޔަވައި، ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ހަމައެކަނި މި ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.


287 ވަނަ މާއްދާ - ކޯޓުތަކުގެ އިޚްތިޞާޞް

މި ބާބުގެ ދަށުން ޤާއިމްކުރާ ސުޕްރީމްކޯޓަށާއި، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ހިނގަމުންއައި ކޯޓުތަކަށް ހުށަހެޅި ނުނިމިހުރި މައްސަލަތަކަކީ، މި ޤާނޫނުއަސާސީގެ ދަށުން އުފައްދާ ކޯޓުތަކަށް ހުށަހެޅި، އެ ކޯޓުތަކުގައި ހުރި މައްސަލަތަކެއްކަމަށް ބެލެވޭނެއެވެ.


288 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް

(ހ) މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަންކުރާން ވާނެއެވެ. 

(ށ) މި ބާބުގައިވާ ގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަންކޮށް އޭނާ މަޤާމާ ޙަވާލުވާންދެން މި ބާބުގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާނީ ބަންޑާރަނައިބެވެ. މިގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ބަންޑާރަނައިބަށް އަދާކުރެވޭނީ ގިނަވެގެން ތިރީސް ދުވަސް ވާންދެންނެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާ ތާރީޚުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި އެ މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެ ނަން ފާސްވުމުންނެވެ.


289 ވަނަ މާއްދާ - އެންޓި-ކޮރަޕްޝަން ކޮމިޝަން

މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާ ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި، މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އުފައްދާންވާނެއެވެ.


290 ވަނަ މާއްދާ - މުސްތަޤިއްލު ކޮމިޝަންތައް

މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަން ކުރާންވާނެއެވެ.


291 ވަނަ މާއްދާ - ޤާނޫނުތައް ދެމިއޮތުން

މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން މި ޤާނޫނުއަސާސީއާ ތަޢާރުޟް ނުވާ ޤާނޫނުތަކަށް ޢަމަލުކުރެވެމުންދާނެއެވެ.


292 ވަނަ މާއްދާ - ޤާނޫނުއަސާސީއަށް އިޞްލާޙެއް ނުގެނައުން

މި ޤާނޫނުއަސާސީގެ ދަށުން ފުރަތަމަ އިންތިޚާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ މީހުން، އެ މީހުންގެ މަޤާމުތަކާ ޙަވާލުވުމުގެ ކުރީން މި ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެނެއް ނުވާނެއެވެ.


293 ވަނަ މާއްދާ - ޢަމަލުކުރާން ފެށުން

(ހ) މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާނީ، މި ޤާނޫނުއަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމުންނެވެ.

(ށ) މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމުން 1998 ޖެނުއަރީ 1 ވަނަ ދުވަހު ޢަމަލުކުރާން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޢަމަލުކުރާންވާނީ މި ބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށެވެ.


294 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލިސް ދެމިއޮތުން

(ހ) ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިޚާބު ބާއްވައި މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން އެ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށް އެ މީހުން މެންބަރުކަމާ ޙަވާލުވާންދެން، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާންފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެއެވެ.

(ށ) މި ޤާނޫނުއަސާސީ ތަޞްދީޤުކުރުމަށްފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރާންވާނެއެވެ. މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިޚާބުކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެކެވެ. މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން ޢުމުރުން އެންމެ ދޮށީ މެންބަރެކެވެ.

(ނ) މި ގާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚާއި އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚާ ދެމެދު ހަމަސް ދުވަހުގެ މުއްދަތެއް އޮތްނަމަ އެ ގޮނޑިއަށް އަލުން މެންބަރަކު އިންތިޚާބުކުރާންވާނެއެވެ. 


295 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

(ހ) ރައްޔިތުންގެ މަޖިލީހުން އަންނަނިވި ކަންތައްތައް ކުރާންވާނެއެވެ.

  1. މި ބާބުގައި ބަޔާންކޮށްފައިވާ އިންތިޚާބުތައް، މި ބާބުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން ބޭއްވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރާންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  2. މި ޤާނޫނުއަސާސީއާ ތަޢާރުޟްވާ ޤާނޫނުތަކަކީ ކޮބައިތޯ ބަލައި އެ ޤާނޫނުތައް އިޞްލާޙުކުރުމަށް ނުވަތަ އުވައިލުމަށް ކުރާންޖެހޭ ކަންތައްތައް ކުރުން.
  3. މި ޤާނޫނުއަސާސީގެ ދަށުން ހަދާންޖެހޭ ޤާނޫނުތައް ހަދައި ފާސްކުރުން.
  4. ވެރިކަންހިންގުމުގެ ކަންތައްތަކާއި، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ކަންތައްތަކާއި، ދުވަހުން ދުވަހަށް ކުރާންޖެހޭ އެނޫންވެސް ކަންތައްތައް ރަނގަޅަށް ހިންގުމަށްޓަކައި ހަދާންޖެހޭ ޤާނޫނުތައް ހެދުން.

(ށ) ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާ މި ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ބިލުތަކާއި އެހެނިހެން މައްސަލަތަކާގުޅޭ މަސައްކަތްތައް އެ މަޖިލީހުން ކުރިއަށް ގެންދާންވާނެއެވެ.


296 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު

(ހ) މި ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިޚާބު 2009 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރީން ބާއްވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އިންތިޚާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މީހުންގެ މަޤާމްގެ ހުވައިކޮށް އެ މަޤާމްތަކާ ޙަވާލުވުމަށްފަހު، މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 2009 މާރޗް 1 ވަނަ ދުވަހުގެ ކުރީން ބާއްވާންވާނެއެވެ.


297 ވަނަ މާއްދާ - އެހެނިހެން މަޤާމުތަކާއި މުއައްސަސާތައް ދެމިއޮތުން

(ހ) މި ބާބުގައި ވަކިގޮތަކަށް ކަނޑައަޅައިފައިވާ ކަންތައްތައް ފިޔަވައި، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި ޤާނޫނުއަސާސީގައިވާ ގޮތަށް މަޤާމްތަކަށް މީހުން އިންތިޚާބުކޮށް ނުވަތަ ޢައްޔަންކޮށް ނިންމައި، އަދި މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދައި ނުވަތަ ޤާއިމްކޮށް ނިންމާންވާނެއެވެ.

(ށ) މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެހައި މަޤާމްތަކަށް މި ޤާނޫނުއަސާސީގައި ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް މީހުން އިންތިޚާބުކޮށް ނުވަތަ ޢައްޔަންކޮށް ނިމެންދެން މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ޢައްޔަންކޮށްފައިވާ ނުވަތަ އިންތިޚާބުކޮށްފައިވާ މީހުން އެ މީހުންގެ މަޤާމްގައި ދެމިތިބޭނެއެވެ.

(ނ) މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މި ޤާނޫނުއަސާސީގައި ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާގޮތަށް އުފެއްދެންދެން މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު އުފައްދާފައިވާ ނުވަތަ ޤާއިމްކޮށްފައިވާ އެފަދަ މުއައްސަސާތައް ދެމިހުންނާނެއެވެ.


298 ވަނަ މާއްދާ - ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 2009 ޖުލައި 1 ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމާންވާނެއެވެ.


299 ވަނަ މާއްދާ - ޤާނޫނުއަސާސީއަށް ކިޔަމަންގަތުން

(ހ) ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމްތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާ ތަކުންނާއި ދައުލަތުގެ މަޤާމްތަކާ ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމާއެކު މި ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރާންވާނެއެވެ. ޤާނޫނެއް ހެދިފައި ނެތުމަކީ މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްޤުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފަދަ ޢަމަލެއް ހުއްދަ ވާނޭކަމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) އެހެންއޮތް ނަމަވެސް : 

  1. މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގައިވާ ކަންތައްތަކުގެ ތެރެއިން މި ޤާނޫނުއަސާސީއާ ތަޢާރުޟްވާ ކަންކަން ފާހަގަކޮށް، އެ ޤާނޫނުތައް އިޞްލާޙު ކުރެވެންދެން ނުވަތަ އުވައިލެވެންދެން ޢަމަލުކުރާނެ ގޮތެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ. މިގޮތުން މި ޤާނޫނުއަސާސީއާ ތަޢާރުޟްވާ ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައިތަކުގެ ލިސްޓެއް، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާތާ ތިރީސް ދުވަހުގެ ތެރޭގައި ވެރިކަން ހިންގާފަރާތުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާން ވާނެއެވެ. އަދި އެ ޤާނޫނުތައް އިޞްލާޙުކުރާނެ ނުވަތަ އުވައިލާނެ މަރުޙަލާތައް މި ޤާނޫނުއަސާސީއަށް ޢަމަލުކުރާންފަށާތާ ނުވަދިހަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
  2. މި ޤާނޫނުއަސާސީއަށް ޢަމަލުކުރުމަށްޓަކައި ހަދާންޖެހޭ ޤާނޫނުތައް ހަދައި އެ ޤާނޫނުތަކަށް ޢަމަލުކުރާން ފަށަންދެން އެކަންކަމާގުޅޭގޮތުން ޢަމަލުކުރާނެ ގޮތެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ. މިގޮތުން މި ޤާނޫނުއަސާސީގެ ދަށުން ހަދާންޖެހޭ ޤާނޫނުތަކުގެ ލިސްޓެއް، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާތާ ތިރީސް ދުވަހުގެ ތެރޭގައި ވެރިކަން ހިންގާފަރާތުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާން ވާނެއެވެ. އަދި އެ ޤާނޫނުތައް ހަދާ ޢަމަލުކުރާން ފަށާނެ މަރުހަލާތައް މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާތާ ނުވަދިހަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.

300 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ދެމިހުރުމާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުން

(ހ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް އެ މީހަކު އެ މަޤާމާ ޙަވާލުވާންދެން، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައިހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ. 

(ށ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް އެ މީހަކު އެ މަޤާމާ ޙަވާލުވާންދެން، މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ ވަޒީރުންގެ މަޖިލިސް ދެމިއޮންނާނެއެވެ. އަދި އެ މަޖިލީހަށް ބަދަލުގެނައުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. 

(ނ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިގެނެއް ނުވާނެއެވެ.


301 ވަނަ މާއްދާ - ރިޔާސީ އިންތިޚާބު

(ހ) މި ޤާނޫނުއަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އިންތިޚާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާ 2008 ނޮވެމްބަރ 11ވަނަ ދުވަހު އޭނާގެ މަޤާމްގެ ހުވައިކޮށް އެ މަޤާމާ ޙަވާލުވާންވާނެއެވެ.


15 ވަނަ ބާބު - އުވާލާފައި

ޤާނޫނު ނަންބަރު 20/2015 ގެ 3 ވަނަ މާއްދާއިން 24 ޖުލައި 2015ގައި މިޤާނޫނުއަސާސީއަށް އިތުރު ކުރި 15 ވަނަ ބާބު (ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލްކުވެރިކަމުގެ ޙައްޤު ދޫކުރުން) ޤާނޫނު ނަންބަރު 3/2019 ގެ 3 ވަނަ މާއްދާއިން އިން 23 އޭޕްރީލް 2019ގައި ވަނީ އުވާލާފައި

24 ޖުލައި 2015 އިން 22 އޭޕްރީލް 2019 ދުވަހުގެ ނިޔަލަށް

15 ވަނަ ބާބު - ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލްކުވެރިކަމުގެ ޙައްޤު ދޫކުރުން

ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓަކާ ގުޅިގެން ޕްރޮޖެކްޓް ޙައްޤު ދޫކުރުން

  1. ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓަކާ ގުޅިގެން، އެ ޕްރޮޖެކްޓް ހިންގާ ސަރަޙައްދުގައި، ކޮންމެ މީހަކަށްވެސް، ދިވެހިސަރުކާރުން ޕްރޮޖެކްޓް ޙައްޤު ދޫކުރެވިދާނެއެވެ. އަދި، އެގޮތުން ޕްރޮޖެކްޓް ޙައްޤު ދޫކުރެވުނު ކަމުގައި ވީނަމަވެސް، އެ ޕްރޮޖެކްޓް ހިންގާ ސަރަޙައްދުގައި، މި ޤާނޫނުއަސާސީއާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތައް ފުރިހަމައަށް ހިންގޭނެއެވެ.

ޕްރޮޖެކްޓް ހިންގާ ސަރަޙައްދު ވަކި މިންވަރެއްގައި ހިފެހެއްޓުން

  1. ޕްރޮޖެކްޓް ހިންގާ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ހުރި އުފެދިފައިވާ ބިމުގެ ޖުމްލަ ނިސްބަތް ދިވެހިރާއްޖޭގެ މުޅި ސަރަޙައްދުގައި ހުރި އުފެދިފައިވާ ބިމުގެ ޖުމްލައިގެ ދިހައެއް އިންސައްތައަށްވުރެ، އެއްވެސް އިރެއްގައި، އިތުރުވެގެންނުވާނެއެވެ.

ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓްގެ މިންގަނޑުތައް

  1. ދިވެހިސަރުކާރުގެ ގެޒެޓް ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓެއް ކަމަށް ބަލާނީ، އަންނަނިވި މިންގަނޑުތައް ފުރިހަމަވާ ޕްރޮޖެކްޓެވެ.

    (ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެ ޕްރޮޖެކްޓަށް ޚާއްޞަ ޤާނޫނަކުން ހުއްދަކުރެވިގެންވާ ޕްރޮޖެކްޓަކަށްވުން؛

    (ށ) ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި، 1 (އެކެއް) ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއްކުރާ ޕްރޮޖެކްޓަކަށްވުން؛ އަދި

    (ނ) ޕްރޮޖެކްޓް ފުރިހަމަކޮށް ނިމޭއިރު، އެ ޕްރޮޖެކްޓް ހިންގާ ސަރަޙައްދުގައި، މެދުދިޔައިގައި ކަނޑުގެ ސަޠަޙުން މައްޗަށް ހިކިފައި އޮންނަ ޖުމްލަ ބިމުގެ މަދުވެގެން 70 (ހަތްދިހަ) އިންސައްތަ ބިމަކީ، އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން ކަމުގައިވުން.

އިންވެސްޓްމަންޓްގެ މިންގަނޑު މަތިކުރުން

  1. އިންވެސްޓްމަންޓްގެ މިންގަނޑުކަމަށް، މި ޤާނޫނުއަސާސީގެ 304 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މަތިކުރެވިދާނެއެވެ. އެހެންނަމަވެސް، އެގޮތަށް ގެނެވޭ ބަދަލެއް، އެ ބަދަލު ތަންފީޛުކުރަން ފެށުމުގެ ކުރިން، މި ޤާނޫނުއަސާސީގެ 304 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުއްދަކޮށްފައިވާ ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓެއްގެ މައްޗަކަށް ނުހިނގާނެއެވެ.

ޕްރޮޖެކްޓް ޙައްޤުން މުޢާމަލާތްކުރުމާއި ޘާނަވީ ޙައްޤު ދޫކުރުން

  1. ޕްރޮޖެކްޓް ޙައްޤު ދޫކުރެވޭ ނުވަތަ ލިބިގަންނަ ހަމަ ކޮންމެ މީހަކަށްމެ، އެ ޕްރޮޖެކްޓް ޙައްޤު މިލްކުކުރެވިދާނެއެވެ. އަދި، އެ ޕްރޮޖެކްޓް ޙައްޤުން، އަންނަނިވި މުޢާމަލާތްތައް އޭނާއަށް ކުރެވިދާނެއެވެ.

    (ހ) ޕްރޮޖެކްޓް ޙައްޤުގެ ގޮތުގައި މިލްކުވެގެންވާ ޙައްޤުތައް އެކުގައި، ނުވަތަ އެ ޙައްޤުތަކުން ބައެއް، އެހެން މީހެއްގެ މައްޗަށް ނަޤުލުކުރުމާއި، އެހެން މީހަކަށް ވަސިއްޔަތުން ނުވަތަ ހަދިޔާއެއްގެ ގޮތުގައި ދިނުމާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ނުވަތަ އެނޫންވެސްގޮތަކަށް އެހެން މީހެއްގެ މައްޗަށް ނަޤުލުކުރުން؛ އަދި

    (ށ) އެ ޙައްޤުތަކުން އުފެދޭ ޘާނަވީ ޙައްޤު އެހެން މީހަކަށް ދިނުން.

ޘާނަވީ ޙައްޤުން މުޢާމަލާތްކުރުން

  1. މި ޤާނޫނުއަސާސީގެ 306 ވަނަ މާއްދާގެ ދަށުން ޘާނަވީ ޙައްޤު ލިބިގަންނަ ނުވަތަ ހޯދާ ހަމަ ކޮންމެ މީހަކަށްމެ، އެ ޘާނަވީ ޙައްޤު މިލްކުކުރެވިދާނެއެވެ. އަދި، އެގޮތުން މިލްކުކުރާ ޘާނަވީ ޙައްޤުން، މި ޤާނޫނުއަސާސީގެ 306 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުޢާމަލާތް ކުރެވިދާނެއެވެ.

ޕްރޮޖެކްޓް ޙައްޤާއި ޘާނަވީ ޙައްޤު ރައްކާތެރިވެގެންވުން

  1. ޕްރޮޖެކްޓް ޙައްޤާއި ޘާނަވީ ޙައްޤު ލިބިގެންވާ މީހެއްގެ ކިބައިން، އެ ޙައްޤުތައް އޭނާގެ ނުރުހުމުގައި ދައުލަތަށް ނެގޭނީ، ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓާގުޅޭ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ނުވަތަ އެފަދަ އެއްބަސްވުމެއް ނެތް ޙާލަތެއްގައި، ކޯޓުގެ ޙުކުމަކުން ކަނޑައަޅާފައިވާ ގޮތެއްގެމަތިން، އިންޞާފުވެރި އަދި ޢަދުލުވެރި ބަދަލު އެ ޙައްޤުގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.

 ވަކި މާނަ ކުރުމެއްގައި މި ބާބުގައި ބޭނުންކޮށްފައިވާ ބައެއް ބަހާއި ޢިބާރާތް

  1. މި ބާބުގައި ބޭނުންކޮށްފައިވާ އަންނަނިވި ބަހާއި ޢިބާރާތަށް ދެވިގެންވަނީ، ތިރީގައި އެ ބަހަކަށް ނުވަތަ ޢިބާރާތަކަށް ދީފައިއެވާ މާނަކުރުމެވެ.

    "އުފެދިފައިވާ ބިން" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން ނުހިމެނޭ ގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ބިމުގެ ތެރެއިން، މެދުދިޔައިގައި ކަނޑުގެ ސަޠަޙުން މައްޗަށް ހިކިފައި އޮންނަ ބިމުގެ ޖުމްލަ ސަރަޙައްދަށެވެ.

    "ޕްރޮޖެކްޓް ހިންގާ ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުއަސާސީގެ 302 ވަނަ މާއްދާގެ ދަށުން ޕްރޮޖެކްޓް ޙައްޤު ދޫކުރެވޭ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ބަޔަށެވެ.

    "ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން" ކަމަށް ބުނެފައި އެވަނީ، ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓެއްގެ ބައެއްގެ ގޮތުގައި އެ ޕްރޮޖެކްޓްގެ ދަށުން، މެދުދިޔައިގައި ކަނޑުގެ ސަތަޙުން މައްޗަށް ހިކިފައި އޮންނަ މިންވަރަށް، އުފައްދައި އުފުލާފައިވާ ދިވެހިރާއްޖޭގެ ބިމުގެ ސަރަޙައްދަށެވެ.

    "ޕްރޮޖެކްޓް ޙައްޤު" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓް ހިންގާ ސަރަޙައްދުގައިވާ ބިމާ ގުޅޭގޮތުން ދޫކުރެވޭ އަންނަނިވި ޙައްޤުތަކުގެ ތެރެއިން ޙައްޤަކަށް، ނުވަތަ އެއިން އެއް ޙައްޤަށްވުރެ ގިނަ ޙައްޤަށެވެ.

    (1) ފްރީހޯލްޑް އުޞޫލުން މިލްކުވުން ހިމެނޭގޮތަށް ދޫކުރެވޭ މުދަލުގެ މިލްކުވެރިކަމުގެ ޙައްޤު؛ ނުވަތަ
    (2) އެއް އެއްބަސްވުމުގެ ދަށުން ނުވަތަ އެއް އެއްބަސްވުމަށްވުރެ ގިނަ އެއްބަސްވުމުގެ ދަށުން، ކޮންމެ މުއްދަތަކަށް ނަމަވެސް ކުއްޔަށްދޭ ދިނުން.

    "ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުއަސާސީގެ 304 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ މިންގަނޑުތަކެއް ފުރިހަމަވާ ޕްރޮޖެކްޓަށެވެ.

    "ޘާނަވީ ޙައްޤު" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓް ޙައްޤެއްގެ ވެރިފަރާތުން ނުވަތަ ދެމިއޮތް ޘާނަވީ ޙައްޤެއްގެ ވެރިފަރާތުން ދޫކުރާ ކޮންމެ ޙައްޤަކަށެވެ. އަދި، އޭގެތެރޭގައި، ކުއްޔަށް ދިނުމާއި، ބޭނުންކުރުމުގެ ޙައްޤު ދޫކުރުމާއި، ބޭނުންހިފުމާއި، ނަފާ ހޯދުމާއި، ރަހުނުކުރުމާއި، ޔަޤީންކަށަވަރުކަން ދިނުމާއި، އެނޫންވެސް މުދަލުގެ މިލްކުވެރިކަމުގެ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ދޭދިނުން ނުވަތަ ދޫކުރާ ދޫކުރުން ހިމެނޭގޮތުން، އެކަމަކު އެކަންކަމަށް އެކަނި ހަނިވެގެންނުވާނެ ގޮތުގެމަތިންނެވެ.

ޖަދުވަލުތައް

ޖަދުވަލު 1 - އެކިއެކި މަޤާމުގެ ހުވައި
  1. ރައީސުލްޖުމްހޫރިއްޔާގެ ހުވައި

    "އަހުރެން ...... (މީހާގެ ނަން) ....... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."
  2. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުވައި

    "އަހުރެން .... (މީހާގެ ނަން) ....... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."
  3. ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައި

    "އަހުރެން ..... (މީހާގެ ނަން) ....... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރި ވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ އަހުރެންނާ ޙަވާލުކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީރެއްގެ / ބަންޑާރަނައިބުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."
  4. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައި

    ”އަހުރެން ........ (މީހާގެ ނަން) ........ އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރާންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ.“
  5. އުއްތަމަފަނޑިޔާރާއި ފަނޑިޔާރުންގެ ހުވައި

    ”އަހުރެން ........ (މީހާގެ ނަން) ......... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ދަމަހައްޓައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އުއްތަމަފަނޑިޔާރުގެ / ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ.“
  6. މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަޤިއްލު މަޤާމްތަކުގެ ހުވައި

    "އަހުރެން ........ (މީހާގެ ނަން) ....... އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، އޮޑިޓަރ ޖެނެރަލްގެ / ޕްރޮސިކިއުޓަރ ޖެނެރަލްގެ / އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ / އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."

ޖަދުވަލު 2 - އިދާރީ ދާއިރާތައް

މާލެ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން)
ހއ - ތިލަދުންމަތީ އުތުރުބުރި
ހދ - ތިލަދުންމަތީ ދެކުނުބުރި
ށ - މިލަދުންމަޑުލު އުތުރުބުރި
ނ - މިލަދުންމަޑުލު ދެކުނުބުރި
ރ - މާޅޮސްމަޑުލު އުތުރުބުރި
ބ - މާޅޮސްމަޑުލު ދެކުނުބުރި
ޅ - ފާދިއްޕޮޅު
ކ - މާލެއަތޮޅު
އއ - އަރިއަތޮޅު އުތުރުބުރި
އދ - އަރިއަތޮޅު ދެކުނުބުރި
ވ - ފެލިދެއަތޮޅު
މ - މުލަކުއަތޮޅު
ފ - ނިލަންދެއަތޮޅު އުތުރުބުރި
ދ - ނިލަންދެއަތޮޅު ދެކުނުބުރި
ތ - ކޮޅުމަޑުލު
ލ - ހައްދުންމަތި
ގއ - ހުވަދުއަތޮޅު އުތުރުބުރި
ގދ - ހުވަދުއަތޮޅު ދެކުނުބުރި
ޏ - ފުވައްމުލައް
ސ - އައްޑުއަތޮޅު


ޖަދުވަލު 3 - ޤައުމީ ދިދަ

ޤައުމީ ދިދަ

ޤައުމީ ދިދަ އެކުލެވިގެންވާ ގޮތް

މި ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގައިވާ ފަދައިން ޤައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގުއަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.


މިންތައް

ޤައުމީ ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގެ 2/3 އެވެ. ރަތްކުލައިގެ ބޯޑަރުގެ ފުޅާމިނަކީ ދިދައިގެ ފުޅާމިނުގެ 1/4 އެވެ. ހަނދުފަޅީގެ އެތެރެއާއި ބޭރުފަރާތުގެ ރޭޑިއަސްއަކީ ފެހިބައިގެ ފުޅާމިނުގެ 1/3 އެވެ. ހަނދުފަޅި ހުންނާނީ ފެހިބައިގެ މެދުގައި ދިގަށް އެއްކޮޅުން އަނެއްކޮޅަށް ރޮނގެއްދަމައި އެ ރޮނގުގެ އެއްކޮޅަކުން 9/16 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައި ހަމައެކޮޅުން ރޮނގުގެ 5/8 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައިގެން ކުރަހައިފައެވެ. މި ދެބުރުފަޅި ގުޅޭއިރު ހުންނާނީ ހަނދުފަޅިއެއްގެ ސިފައިގައެވެ. ދިދަ ހަރުކުރެވިފައި ހުންނާންވާނީ ހަނދުފަޅީގެ ބޭރުކައިރި ދިދަދަނޑިއާވީ ފަރާތަށެވެ.


ކުލަތައް

ފެހިކުލަ - ނައިލޯނު ދިދަފަހާ ފޮތިނަމަ ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1143 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 817 A އެވެ.

ރަތްކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ، ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1144 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 818 A އެވެ.

ހުދުކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ، ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1145 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 819 A އެވެ.


ފުޓްނޯޓްސް