ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ، ދިވެހިރާއްޖެ
މައްސަލައިގެ ފައިލް ކޯޓުން ބޭރަށް ގެންދިއުމާގުޅޭ އުސޫލަށް ބަދަލުގެނައުން
އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާތީއާއި، އަދި ޚާއްޞަ ޙާލަތްތަކުގައި ގެއިން މަސައްކަތްކުރުމުގެ ހުއްދަ ފަނޑިޔާރުންނަށް ދެވިފައިވާތީ އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލައިގެ ފައިލް ކޯޓުން ބޭރަށް ގެންދިއުމުގައި ޢަމަލުކުރަންވާގޮތް ކަނޑައަޅައި 08 ސެޕްޓެންބަރު 2011 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ނަންބަރު 2011/08 ޢާއްމު ސިޓީގައިވާ އުސޫލަށް ބަދަލުގެންނަމެވެ.
ޢަމަލުކުރަމުން އައިގޮތް
- ޚާއްޞަ ޙާލަތެއްގައި މެނުވީ، ބަލަމުންދާ ޤަޟިއްޔާތަކާ ގުޅިގެން ކޯޓުގައި ހުންނަ ފައިލްތަކުގެ އަސްލު ނުވަތަ ކޮޕީ އެ ކޯޓަކުން ބޭރަށް ގެންދިއުމަކީ މަނާކަމެކެވެ.
- މައްސަލަތަކާ ގުޅޭ ފައިލްތަކުގެ ކޮޕީ ކޯޓުން ބޭރަށް ގެންދަންޖެހިއްޖެ ޙާލަތެއްގައި ސަބަބު ބަޔާންކޮށް އެކަމުގެ ހުއްދައަށް އެދި އެ ކޯޓަކުން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހެއެވެ.
- ފައިލްގެ ކޮޕީ ކޯޓުން ބޭރަށް ގެންދެވެނީ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު، އެކަމުގެ ޚާއްޞަ ހުއްދައެއް ލިބިގެންނެވެ.
ގެނެވުނު ބަދަލު
- އެއްވެސް ޙާލަތެއްގައި، މައްސަލައިގެ އަސްލު ފައިލް ނުވަތަ ފައިލްގައި ހިމެނޭ ލިޔެކިޔުންތަކުގެ އަސްލު ކޯޓުން ބޭރަށް ގެންގޮސްގެން ނުވާނެއެވެ.
- ޚާއްޞަ ޙާލަތްތަކުގައި، ބަލަމުންދާ ޤަޟިއްޔާތަކާ ގުޅިގެން ކޯޓުގައި ހުންނަ ފައިލްތަކުގެ ސޮފްޓްކޮޕީ ނުވަތަ ހާޑްކޮޕީ ގެ އެ ކޯޓަކުން ނުވަތަ އެ ޖުޑީޝަލް ދާއިރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކޯޓުން ބޭރަށް ގެންދެވިދާނެއެވެ.
- މިގޮތުން، ފައިލްގެ ސޮފްޓްކޮޕީ ނުވަތަ ހާޑްކޮޕީ ބޭރަށް ގެންދެވޭ މައްސަލަތަކުގެ މަޢުލޫމާތު ކޯޓުގައި ރެކޯޑްކޮށް ބަލަހައްޓަންވާނެއެވެ.
- ކޯޓުން ބޭރަށް ގެންދެވޭ ފައިލްތަކުގެ ކޮޕީ ޚާއްޞަ ސަމާލުކަމެއްދީގެން ބަލަހައްޓައި އެފަދަ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި ކޯޓުން ބޭރުގެ އެއްވެސް ފަރާތަކާ ލިޔެކިޔުންތައް ޙިއްޞާކޮށްގެންނުވާނެއެވެ.
މި އުސޫލަށް ޢަމަލުކުރަން ފެށުމާއެކު، 08 ސެޕްޓެންބަރު 2011 ގައި ނެރެފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2011/08 ޢާއްމު ސިޓީ ބާޠިލުވީއެވެ.
17 ޞަފަރު 1442
04 އޮކްޓޫބަރު 2020
އަޙްމަދު މުޢުތަޞިމް ޢަދުނާން
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
ޝަރުޢީ ކޯޓުތައް