ޕްރެކްޓިސް ޑައިރެކްޝަންސް

SCPD-03/2021

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ، ދިވެހިރާއްޖެ

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދުގެ ނަމުގައި ޢާންމުކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2020/04/SC (03 ޖޫން 2020) ސަރކިއުލަރ ވަނީ ބާޠިލުކުރެވިފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ފެތުރެމުންދާތީ، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއިއެކު ކޯޓުތަކުން ފޯރުކޮށްދޭ ޚިދުމަތް މެދުކެނޑުމެއްނެތި ލިބުން ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުން އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، އެ ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ހާލަތާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި ތިރީގައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ހާލަތަކަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތަކުން އަޅަމުން ގެންދިއުމަށް ދެންނެވީމެވެ.

  1. ކޮންމެހެން ކޯޓުގެ ސަރަޙައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅި ނުވާނެ ގޮތަކަށް ދުރުމިނުގައި ތިބެވޭނެ އަދި ވަދެ ނިކުމެވޭނެ ގޮތް ހެދުމަށާއި އެކަންކަން ބެލުމަށް ކޯޓުގެ މުވައްޒަފަކު ހުރުން.
  2. ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ އަޑުއެހުންތަކާއި، ކަނޑައެޅިގެން ކޯޓުތަކުން ވަކި ވަގުތެއްގައި ނުވަތަ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަންކަން (މީގެ ތެރޭގައި، ގެވެށި އަނިޔާއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ އަމުރުތައް ހޯދުމުގެ މައްސަލަތައް ހިމެނޭ)، ކޯވިޑް-19 އާ ގުޅިގެން ނެރޭ ހުރިހާ އެލަރޓް ލެވެލްއެއްގައިމެ، އެކަށޭނަ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުން.
  3. އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓުތަކުގައި، ޑިއުޓީ ތާވަލެއް އެކުލަވާލައި، ފަނޑިޔާރުން މަސައްކަތްކުރާނެ އިންތިޒާމު ހަމަޖެއްސުން.
  4. ކޯޓު އިމާރާތުގައި ޝަރީޢަތްކުރާނަމަ، ނުވަތަ އެނޫންވެސް ޝަރީޢަތާ ގުޅުންހުރި މަސައްކަތެއް ކުރަންޖެހިއްޖެނަމަ، އެ މަސައްކަތެއް ކުރާނީ އެ ކޯޓަކުން ނުވަތަ އެ ސަރަޙައްދުގައި ހުންނަ ކޯޓުތަކުން ކަނޑައަޅާ ގޮތެއްގެމަތިން، ގިނަ މީހުން އެއްފަހަރާ ހާޒިރުނުކޮށް، ޝަރީޢަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން. މިގޮތުން،
    • 4.1. މައްސަލަތައް ބޭއްވުމުގައި އެއްވަގުތަކު ގިނަ ބަޔަކު ހާޒިރުކޮށް ބައިތިއްބަން ނުޖެހޭ ގޮތެއްގެމަތިން މައްސަލަތައް ތާވަލުކުރުން.
    • 4.2. ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެން ހުރިނަމަ، ވީޑިއޯ ނުވަތަ އޯޑިއޯ ލިންކްގެ އެހީގައި މައްސަލަ ބޭއްވުމުގެ ކަންކަން އިންތިޒާމު ކުރުން. އެގޮތުން، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ބަލާ މައްސަލަތަކުގައި ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވެން އޮތްނަމަ، ފުރުސަތުދިނުން. މިގޮތުން ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ޝަރީޢަތްތައް ހިންގުމާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތައް އެ ކޯޓަކުން ހަދައި، ޝަރީޢަތްތައް ހިންގުމަށް މި އިރުޝާދު ހުރަހެއް ނާޅައެވެ.
  5. [މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަރާތަކަށްވެފައި، އެފަރާތަކުން އެ ސަބަބާހުރެ ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އެފަރާތަކީ އެފަދަ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ހިންގުން ލަސްވާނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު އެފަރާތެއް ކޯޓަށް ހާޒިރުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވުން]1ނަންބަރު SCPD-06/2021 ޕްރެކްޓިސް ޑައިރެކްޝަނުން 15 ޖޫން 2021 ގައި 15 ޖޫން 2021ގައި އިޞްލާޙުކޮށްފައި. އެތާރީޚުގެ ކުރިން މިމާއްދާގައި އޮތީ އަންނަނިވިހެންނެވެ: "މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަރާތަކަށްވެފައި، އެފަރާތަކުން ކޯޓަށް ހާޒިރުވުމަށް އިޢުތިރާޟުކުރާނަމަ، އެފަރާތަކީ އެފަދަ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން، އެއީ މިޙާލަތުގައި، ކޯޓަށް ހާޒިރުނުވުމަށް މަޤުބޫލު ޢުޛުރެއް ކަމުގައި ބެލުން."
  6. ކޯޓަށް ހުށަހަޅާ ސިޓީއާއި މައްސަލަތަކާއި ލިޔެކިޔުން، އީ-މެއިލް ނުވަތަ އެހެންވެސް، އެ ކޯޓަކުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހެޅުމުން، އެއީ އެ ކޯޓަށް ރަސްމީގޮތުން ލިބިފައިވާ ލިޔުމެއްކަމުގައި ބެލުމާއި އަދި ކޯޓުގެ ފަރާތުން ފޮނުވާ ސިޓީއާއި، އަމުރުތަކާއި އެހެނިހެން ލިޔެކިޔުން، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޮނުވުމުން، އެއީ އެ ކޯޓުން ރަސްމީގޮތުން ފޮނުވާފައިވާ ލިޔުމެއްކަމުގައި ބެލުން.
  7. އިލެކްޓްރޯނިކްކޮށް ލިޔެކިޔުންތަކުގައި ސޮއިކުރެވެން ނެތްނަމަ، މުވައްޒަފުންނާއި ފަނޑިޔާރުންގެ ރައްކާތެރިކަމަށް ރިޢާޔަތްކޮށް، އެ ކޯޓަކުން ނުވަތަ އެ އެސަރަޙައްދުގައި ހުންނަ ކޯޓުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ލިޔެކިޔުމުގައި ސޮއިކުރާނެ އިންތިޒާމް ހަމަޖެއްސުން.
  8. އެ ރަށެއް ނުވަތަ އެ ސަރަޙައްދެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ގެއިންބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތުގައި، އެ ކޯޓަކުން ނުވަތަ އެސަރަޙައްދުގައި ހުންނަ ކޯޓުތަކުން ކަނޑައަޅާ ގޮތެއްގެމަތިން، މީހުން ކޯޓުގެ އިމާރާތަށް ހާޒިރުނުކޮށް، ވީޑިއޯ ނުވަތަ އޯޑިއޯ ލިންކްގެ އެހީގައި ޝަރީޢަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން.
  9. ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަނޑިޔާރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އަންގާ ގޮތެއްގެމަތިން، ގޭގައި މަސައްކަތްކުރުމުގެ ކަންކަން ހަމަޖެއްސުން.
  10.  ކޯވިޑް-19 ފެތުރުން މަދުކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިރުޝާދުދީފައިވާ ފިޔަވަޅުތައް އެޅުން.

މި އިރުޝާދުގައި ބަޔާންކޮށްފައިވަނީ، ކޯވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ހާލަތުގައި، އެރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ހާލަތާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި ކޯޓުތަކުން ފޯރުކޮށްދެވޭނެ އަސާސީ ޚިދުމަތްތަކެވެ.

މި އިރުޝާދުގައި ރިސްކް ކެޓަގަރީ ކަމުގައި ބަޔާންކޮށްފައި އެވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ނުވަތަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރިސްކް ކެޓަގަރީގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށެވެ.

މި އިރުޝާދުގެ މުއްދަތަކީ މިއަދުން ފެށިގެން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިކަން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އިޢުލާންކުރުމާ ހަމައަށެވެ.

11 ރަޖަބު 1442
23 ފެބުރުވަރީ 2021

އަޙްމަދު މުޢުތަޞިމް ޢަދުނާން 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

ޝަރުޢީ ކޯޓުތައް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ފުޓްނޯޓްސް
  • 1
    ނަންބަރު SCPD-06/2021 ޕްރެކްޓިސް ޑައިރެކްޝަނުން 15 ޖޫން 2021 ގައި 15 ޖޫން 2021ގައި އިޞްލާޙުކޮށްފައި. އެތާރީޚުގެ ކުރިން މިމާއްދާގައި އޮތީ އަންނަނިވިހެންނެވެ: "މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަރާތަކަށްވެފައި، އެފަރާތަކުން ކޯޓަށް ހާޒިރުވުމަށް އިޢުތިރާޟުކުރާނަމަ، އެފަރާތަކީ އެފަދަ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން، އެއީ މިޙާލަތުގައި، ކޯޓަށް ހާޒިރުނުވުމަށް މަޤުބޫލު ޢުޛުރެއް ކަމުގައި ބެލުން."