ޕްރެކްޓިސް ޑައިރެކްޝަންސް

SCPD-05/2021

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ، ދިވެހިރާއްޖެ

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކޯޓުތަކުން ޚިދުމަތް ދިނުމާގުޅޭ

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި، މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން ކަމާބެހޭ އިދާރާތަކުން އަޅުއްވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުވެސް، ސުޕްރީމް ކޯޓުން 23 ފެބުރުވަރީ 2021 ގައި ޢާންމުކޮށްފައިވާ ނަންބަރު SCPD-03/2021"ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު" އާ އެއްގޮތްވާގޮތުގެމަތީން ފިޔަވަޅުތައް އަޅުއްވައިގެން ޝަރުޢީދާއިރާއިން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ.

މިގޮތުން، އެ ރަށެއް ނުވަތަ އެ ސަރަހެއްދެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ގެއިންބޭރަށް ނުކުތުން މަނާކުރެވިފައިވާ ޙާލަތްތަކުގައިވެސް، އެ ހާލަތާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖިލީސްތަކާއި ކާވެނީގެ މަޖިލީސްތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެގޮތައް އިންތިޒާމްތައް ހަމަޖެއްސެވުމަށް ދެންނެވީމެވެ. އަދި ކޯޓަށް ހާޒިރުވެގެން ޚިދުމަތްތައް ފޯރުކޮށްދެވޭ ފަދަ ޙާލަތުގައިވާ ސަރަޙައްދުތަކުގައި އެ ރަށެއް ނުވަތަ އެ ސަރަޙައްދެއްގެ ޙާލަތާގުޅޭގޮތުން އެވަގުތަކު ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް ރިޢާޔަތްކޮށް، ކޯޓަށް ހާޒިރުވެގެން ޚިދުމަތް ލިބިދެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށާއި އަދި މައްސަލައިގެ ބާވަތުން ކޮންމެހެން ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދަންޖެހޭ މައްސަލަތައްވެސް އެގޮތުގެ މަތީން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

13 ޝައްވާލް 1442

25 މޭ 2021

އަޙްމަދު މުޢުތަޞިމް ޢަދުނާން 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

ޝަރުޢީ ކޯޓުތައް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން