ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ، ދިވެހިރާއްޖެ
ނިންމުންތަކުގައި ސޮއިކުރުމާގުޅޭ ޕްރެކްޓިސް ޑައިރެކްޝަންއަށް ގެނެވޭ 1 ވަނަ އިޞްލާޙު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SCPD-02/2021 ޕްރެކްޓިސް ޑައިރެކްޝަން (18 ޖަނަވަރީ 2021) އަންނަނިވި ގޮތަށް އިޞްލާޙުކޮށްފީމެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު SCPD-02/2021 (ނިންމުންތަކުގައި ސޮއިކުރުން) ޕްރެކްޓިސް ޑައިރެކްޝަންގެ ނަންބަރު 1 އަދި ނަންބަރު 3 އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
- 1. ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއްގައި ޙުކުމް އިއްވާ ދުވަހު، އެ މައްސަލައިގެ ޙުކުމަށް ވާޞިލުވި ސަބަބާއި ޙުކުމް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ "ޝަރީޢަތް ނިމުނު ގޮތް" (ޖަޖްމެންޓް) ގެ އަޞްލެއް އެ މައްސަލަ ބެލި ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ސޮޔާއެކު، އެ މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ޙަވާލުކުރަންވާނެއެވެ. އަދި ޖަޖްމެންޓުގެ އަޞްލެއް ހަމަ އެދުވަހު މައްސަލައިގެ ލިޔެކިޔުންތަކާއެކު ފައިލްކުރަންވާނެއެވެ.
- 3. ކޮންމެ ކޯޓަކުންވެސް މައްސަލައިގެ ޙުކުމްކުރުމަށްފަހު، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު (ޖަޖްމެންޓް އާއި މަޙްޟަރު ބަޔާންތައް އަދި މައްސަލައިގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު) ތައްޔާރުކުރަންވާނެއެވެ. އެގޮތަށް ތައްޔާރުކުރެވޭ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރުމުގައި ހިމަނަންވާނީ އެ މައްސަލައިގެ ޙުކުމް ކަނޑައަޅައި އިއްވި ދުވަހު ފަނޑިޔާރު ނުވަތަ ފަނޑިޔާރުން ސޮއިކުރި އަދި އެދުވަހު މައްސަލައިގެ ޚަޞްމުންނާ ޙަވާލުކުރެވުނު ޖަޖްމެންޓެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު SCPD-02/2021 (ނިންމުންތަކުގައި ސޮއިކުރުން) ޕްރެކްޓިސް ޑައިރެކްޝަންގެ ނަންބަރު 6 ގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރު އިތުރުކުރުން.
- 7. މި ޕްރެކްޓިސް ޑައިރެކްޝަންގެ 3 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މައްސަލައިގައި ހިމެނޭ ފަރާތަކުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު (ޖަޖްމެންޓް އާއި މަޙްޝަރު ބަޔާންތައް އަދި މައްސަލައިގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު) ހޯދުމަށް އެދިއްޖެނަމަ، އެ ރިޕޯޓަށް އެދުނު ދުވަހުން ފެށިގެން ގިނަވެގެން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަމަށް އެދުނު ފަރާތަށް އެ ރިޕޯޓު ދޫކުރަންވާނެއެވެ.
- 8. "ޝަރީޢަތް ނިމުނު ގޮތް" (ޖަޖްމެންޓް) އާއެކު އިސްތިއުނާފުކުރުމަށް އެދި ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލައިގަތުމާމެދު ގޮތެއް ނިންމަންވާނެއެވެ. މިގޮތުން ހުށަހެޅޭ މައްސަލައެއް ބަލައިގަތުމަށް ނިންމައިފިނަމަ، އެކަން އަންގާ ދުވަހުން ފެށިގެން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހަޅަންވާނެއެވެ. އަދި އިސްތިއުނާފުކުރެވިފައިވާ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުވެފައި ނުވާ ޙާލަތުގައި ފިޔަވައި، މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހަޅާފައިނުވާނަމަ އެ މައްސަލައެއް އިސްތިއުނާފުކުރުމަށް ދީފައިވާ ހުއްދަ ބާޠިލުކުރެވޭނެއެވެ.
މި ޕްރެކްޓިސް ޑައިރެކްޝަންއަށް ޢަމަލުކުރަން ފެށުމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2010/4 (ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމާ ގުޅޭ) ޢާއްމު ސިޓީ ބާޠިލުވީއެވެ.
29 ޞަފަރު 1442
06 އޮކްޓޫބަރ 2021
އަޙްމަދު މުޢުތަޞިމް ޢަދުނާން
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
ޝަރުޢީ ކޯޓުތައް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން